01 Mar 2014, 13:25
ބަޔާން މިއުނިކްގެ ޖަރުމަން އެޓޭކަރު މާރިއޯ ގޮޓްޒޭ އަކީ މޮޅު ކުޅުންތެރިއެއް ކަމުގައި ވިޔަސް، އޭނާ އަކީ ބާސެލޯނާގެ އާޖެންޓީނާ ތަރި ލިއޮނެލް މެސީ އަށް ވުރެ މޮޅު ކުޅުންތެރިއެއް ނޫން ކަމަށް ބަޔާންގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
ގާޑިއޯލާ މިހެން ބުނީ، މެސީ އާއި ގޮޓްޒޭގެ އެއްގޮތް ފެންވަރުތަކުގެ ވާހަކަތައް މީޑިއާގައި ފެތުރެމުން ދަނިކޮށެވެ. މި ސީޒަނުގައި ބޮރޫސިއާ ޑޯޓްމުންޑުން 37 މިލިއަން ޔޫރޯ އަށް ބަޔާން އާއި ގުޅުނު ގޮޓްޒޭގެ ފަރާތުން ފެންނަމުންދާ މޮޅު ކުޅުން ގިނަ ބަޔަކު ފާހަގަ ކުރަމުންދެ އެވެ.
"މެސީ އާއި ގޮޓްޒޭ އާ އެއްވެސް އެއްގޮތް ކަމެއް ނެތް. މެސީ އަކީ ދުނިޔޭގެ ތާރީހުގައި އެންމެ މޮޅު ކުޅުންތެރިޔާ." ކުރީގެ ބާސާ ކޯޗު ގާޑިއޯލާ ބުންޏެވެ. "މިއީ ބަޔާންގައި ގޮޓްޒޭ ހޭދަކުރާ ފުރަތަމަ އަހަރު، އެހެންކަމުން އޭނާ އަށް އުނދަގޫތަކެއް ހުންނާނެ. ނަމަވެސް އޭނާގެ ފަރާތުން ރަނގަޅު ކުޅުމެއް ދަނީ ފެންނަމުން. އަހަރެން މި ދަނީ އޭނާ އަށް އެހީތެރިވަމުން. ނަމަވެސް ގޮޓްޒޭ ހުރީ މެސީ އާ އެއް ފެންވަރެއްގަ އެއް ނޫން."
މި ސީޒަނުގައި ބަޔާން އަށް ގޮޓްޒޭ ކުޅުނު 17 ޖަރުމަން ބުންޑަސްލީގާ މެޗުން 6 ގޯލު ކާމިޔާބު ކުރި އިރު، ބާސާ އަށް ކުޅުނު 18 ސްޕެނިޝް ލަލީގާ މެޗުން މެސީ ވަނީ 14 ލަނޑު ކާމިޔާބުކޮށްފަ އެވެ.