ޖަލުގައި ހުކުމް ތަންފީޒު ކުރަމުން އަންނަ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރަށް ކެންޕޭން ކުރުމުގެ ފުރުސަތު ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް ހައިކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ޖާބިރުގެ އަނބިކަނބަލުން ފާތިމަތު ދިޔާނާ ސައީދު ވިދާޅުވީ އެ މައްސަލަ ހައިކޯޓަށް ހުށަހަޅާފައި ވަނީ ބުރާސްފަތި ދުވަހު ކަމަށެވެ.

އޭނާ ވިދާޅުވީ އެއް އަހަރަށް ވުރެ ކުރު ހުކުމެއް ތަންފީޒު ކުރަމުންދާ މީހެއް ނަމަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމަކީ ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ ދަށުން ކޮންމެ މީހަކަށް ވެސް ލިބިގެންވާ ހައްގެއް ކަމަށެވެ. އެހެކަމުން އެކަމުގައި ޝަރުއީ ހައްލެއް ހޯދައިދިނުމަށް އެދިފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މައްސަލައިގައި އެދިފައި ވަނީ ހުކުމް ތަންފީޒުކުރަމުންދާ މީހުންނަށް ކަނޑައެޅޭ ވަކި ތަނެއްގައި ކެންޑިޑޭޓުގެ އަމިއްލަ ޚަރަދުގައި ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރެވޭނެ ގޮތް ހަމަޖައްސައިދިނުމަށް އެދިފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޖާބިރު އެއް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަނީ 2012 އަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު ހދ. ހޮނަޑައިދޫގައި އޭނާ ހުންނަނިކޮށް، މަސްތުވާތަކެތި ބޭނުންކޮށްގެން ހުރިތޯ ޓެސްޓްކުރުމަށް ކުޑަކަމުދާއެއްޗިހި ދިނުމަށް އެންގުމުން ކަނޑައެޅިގެން އެކަމަށް އިންކާރުކޮށްފައިވާތީ އެވެ.