01 Mar 2014, 12:16
ޖުމުލަ 10 ޓީމާ އެކު "އެމްޕީއެލް އެސްއާރުސީ އިންޓަ ޑިޕާޓްމަންޓް ފުޓްސަލް ޗެލެންޖް ކަޕް 2014" ފަށައިފި އެވެ.
މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ މުވައްޒަފުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކުރުމުގެ ގޮތުން ކޮންމެ އަހަރަކު އެއްފަހަރު ބާއްވަމުން ގެންދާ މި ފުޓްސަލް މުބާރާތުގައި އެމްޕީއެލްގެ ހުރިހާ ޑިޕާޓް މަންޓު ތަކުން ކުޅުންތެރިން ބައިވެރިކޮށްފައިވެ އެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މުބާރާތް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ކުންފުނީގެ ސީއީއޯ މަހުދީ އިމާދު އެވެ. މި ރަސްމިއްޔާތުގައި ކުންފުނީގެ އިސްވެރިންނާއި ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވެފައިވެ އެވެ.
މާފަންނު ސްޓޭޑިއަމްގެ ދެ ނަންބަރު ޓާފްގައި ކުރިއަށް ގެންދާ މި މުބާރާތުގައި ޖުމުލަ 30 މެޗު ކުޅެން ހަމަޖެހިފައިވާއިރު، މުބާރާތް ހުޅުވި މެޗުގައި ޕޯޓްސް ކޮމްޕްލެކްސް އާއި ވާދަކޮށް 5-1 އިން މެޗު ކާމިޔާބުކުރީ، ކާގޯ އޮޕަރޭޝަންސްގެ ޓީމެވެ. އަދި ދެވަނަ މެޗުގައި މެކޭނިކަލް އެންޑް މެރިން އިންޖިނިއަރިންގެ ޓީމާ ވާދަކޮށް 5-3 ލަނޑުން މެޗު ކާމިޔާބުކުރީ މީރު ބަހުރު ބަނދަރުގެ ޓީމެވެ.
އެމްޕީއެލްއިން ބުނީ، މިމުބާރާތުގައި މިހާތަނަށް ޖުމުލަ އަށް މެޗު ކުޅެވިފައިވާއިރު، މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އަންނަ ބުރާސްފަތި ދުވަހު ކަމަށެވެ.
އެފްއޭއެމްގެ ދެ ނަންބަރު ޓާފްގައި ކުރިއަށް ގެންދާ މި މުބާރާތް ރާވާފައިވަނީ، އެއްފަހަރާ ދެ މެޗު ކުޅޭ ގޮތަށެވެ.