ވޮޝިންޓަން (މާޗް 1) : ދުނިޔޭގައި އުފައްދާ ކާބޯތަކެތީގެ ތެރެއިން 25 އިންސައްތަ އާއި 33 އިންސައްތައާ ދެމެދުގެ މިންވަރެއް ދަނީ ބޭނުންނުކޮށް ބޭކާރު ގޮތުގައި އުކާލަމުން ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.

ވޯލްޑް ބޭންކުގެ ރައީސް ޖިމް ޔުންގް ކިމް ވިދާޅުވީ އެފްރިކާއާއި ދެކުނު އޭޝިޔާގެ އެތަށް މިލިޔަންބަޔަކު ހައިހޫނުކަން ތަހައްމަލް ކުރަމުން ގެންދާ އިރު މިހާ ގިނަ އަދަދެއްގެ ކާބޯތަކެތި ބޭނުންނުކޮށް އަދި އެހީގެ ގޮތުގައި ވެސް ގައުމަކަށް ނުދީ އިސްރާފް ކޮށް އުކާލުމަކީ ވަރަށް ދެރަކަމެއް ކަމުގަ އެވެ. ކާބޯތަކެތިން އިސްރާފުކޮށް އަދި ހަލާކުވެގެންނާއި އެނޫން ގޮތްގޮތުން އެތަކެތި އުކާލުމުގައި އެންމެ އިސްކޮށް އުޅެނީ މުއްސަނދި ގައުމުތައް ކަމަށް ވެސް ޖިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހައިހޫނުކަން ތަހައްމަލްކުރާ މީހުން އެންމެ ގިނައީ އެފްރިކާގެ ފަގީރު ގައުމުތަކުގައި ކަމަށާއި ނަމަވެސް އޭޝިޔާގެ ދެކުނުގެ ގައުމުތަކުގައި ވެސް ރަނގަނޅަށް ކާންބޯންނުލިބި ކާޑުބަލި ޖެހިއިވާ ކުދިންނާއި މީހުން މިލިޔަނުން ގުނާލެވޭ ކަމުގަ އެވެ. މިގޮތުން އެފްރިކާއާއި ދެކުނު އޭޝިޔާގެ ފަގީރުންނަށް ދުވާލަކު އެންމެ 500 އެއްހާ ކެލަރީގެ ކާބޯތަކެތި ލިބޭއިރު މުއްސަނދި ގައުމުތަކުގެ ރައްޔިތުން ދުވާލެއްގެ މައްޗަށް 1520 ކެލަރީގެ ކާނާ ބޭނުންކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރިޕޯޓްތައް ބުނާގޮތުން ދުނިޔޭގައި އެންމެ ގިނައިން ކާބޯތަކެތި އިސްރާފުކޮށް އަދި އުކާލަމުން ދަނީ އެތަކެތި އެންމެ ގިނައިން އުފައްދާ ގައުމުތައް ކަމަށްވާ އެމެރިކާއާއި ކެނޑާއާއި ޔޫރަޕްގެ ގައުމުތައްފަދަ ހުޅަނގުގެ މުއްސަނދި ގައުމުތަކުގަ އެވެ. އަދި އެންމެ ގިނައިން އުކާލަމުންދަނީ މޭވާއާއި ތަރުކާރީގެ ބާވަތްތަކާއި ހަނޑުލާއި ގޮދަނާއި ޒުވާރި ފަދަ ގޮވާމުގެ ބާވަތްތައް ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. އުކާލެވޭ ކާބޯތަކެތި ފަގީރު ގައުމުތަކަށް ފޯރުކޮށްދޭ ނަމަ ދުނިޔޭގައި އެކަކު ވެސް ހައިހޫނުކަން ތަހައްމަލް ކުރަންނުޖެހޭނެ ކަމަށް ކާބޯތަކެތީގެ ވިޔަފާރިއާބެހޭ ތަޖްރިބާކާރުން ވިދާޅުވެ އެވެ. (ރޮއިޓާސް)