01 Mar 2014, 11:08
ވިލާ ގްރޫޕް އޮފް ކޮމްޕެނީސްގެ ދަށުން ހިންގާ ހުރިހާ ރިސޯޓުތަކެއްގައި މައްސަކަތް ކުރާ ދިވެހި މުވައްޒަފުންގެ މުސާރަ އަންނަ މަހުން ފެށިގެން ބޮޑުކުރަން އެ ކުންފުނިން ނިންމައިފި އެވެ.
ވިލާ ގްރޫޕްގެ ސަން އައިލެންޑް ރިސޯޓުގެ މުވައްޒަފުންގެ މަސައްކަތް ފާހަގަކުރަން އެ ރިސޯޓުގައި ރޭ ބޭއްވި "ސްޓާ އެޗީވާސް އެވޯޑް ނައިޓް"ގައި ވާހަކަފުޅު ދައްކަވަމުން އެކުންފުނީގެ ބާނީ ގާސިމް އިބްރާހީމް ވިދާޅުވީ، އެ ކުންފުނީގެ ހުރިހާ ދިވެހި މުވައްޒަފުންގެ މުސާރަ ފަސް ޕަސެންޓަށް ބޮޑުކުރަން ނިންމާފައިވާ ކަމަށެވެ.
"މިގޮތަށް ހަދަން ޖެހުނީ، ޑޮލަރަށް ބަލާއިރު ދިވެހި ފައިސާގެ އަގު ދަށްވެފައިވާތީ،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ، މުސާރައަށް ގެނައި ބަދަލުގެ އިތުރުން މުވައްޒަފުންގެ ކުރިއެރުމަށް ވެސް މަސައްކަތްތަކެއް ކޮށްދެއްވުމަށް ކުރިން ރޭވި ކަމަށެވެ. އެހެން ނަމަވެސް ގައުމުގެ ހާލަތު ހުރި ގޮތުން ކުރިން އަތުގައި ނެތް އެއްޗެއް ޓެކްސްގެ ދައުލަތަށް ދައްކަން ޖެހުމުން ކުންފުނިން ބޭނުންވި ވަރުގެ ކުރިއެރުމެއް މުވައްޒަފުންނަށް ގެނެސް ނުދެވުނީ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ލަފާކޮށްފައި ނެތް 14 މިލިއަން ރުފިޔާ ވަރު އިތުރަށް ދައްކަން ޖެހުނު،" ގާސިމް ވިދާޅުވި އެވެ.
މުވައްޒަފުންގެ ކުރިއެރުމަށާއި މުސާރައަށް ހެޔޮ ބަދަލުތަކެއް ގެންނަން ނިންމާފައިވާއިރު، ކުންފުނީގެ ތަރައްގީ އާއި ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި "ޕްލޭނިން އެންޑް ޑިވެލޮޕްމަންޓް"ގެ ނަމުގައި މުޅިން އާ ސެންޝަނެއް ވެސް މިހާރު އުފައްދާފައިވާ ކަމަށް ގާސިމް ވިދާޅުވި އެވެ.
"ސްޓާ އެޗީވާސް އެވޯޑް" ހާސިލްކުރާ ފަރާތްތަކަށް ދެމުންގެންދާ ފައިސާގެ އިނާމް އަންނަ އަހަރުން ފެށިގެން ބޮޑުކުރަން ނިންމާފައިވާ ކަން ވެސް ރޭގެ ހަފްލާގައި ގާސިމް އިއުލާނު ކުރެއްވި އެވެ.
އެގޮތުން އެއް ވަނަ އަށް އަންނަ ފަރާތަށްދޭ 12،000ރ. އާއި ދެ ވަނަ ހޯދާ މުވައްޒަފަށް ދޭ 10،000ރ. އަދި ތިން ވަނަ އިނާމަކަށްދޭ 8،000ރ. އަންނަ އަހަރުން ފެށިގެން ދެގުނަ އަށް ބޮޑުކުރަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.