01 Mar 2014, 10:40
ޕެރިސް ސެއިންޓް ޖާމެން (ޕީއެސްޖީ) އަކީ ބަލި ނުކުރެވޭ ވަރުގެ ޓީމެއް ނޫން ކަމަށް މާސޭގެ މިޑްފީލްޑަރު މެތިއު ވެލްބުއެނާ ބުނެފި އެވެ.
ފްރާންސް ލީގުގައި އަންނަ އާދީއްތަ ދުވަހު ވާދަވެރި ޕީއެސްޖީ އާއި މާސޭ ނުކުންނައިރު، އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ އެއްވަނާގައި އޮތީ 61 ޕޮއިންޓާ އެކު އެވެ. އަދި މާސޭ އޮތީ ލީގުގެ ފަސްވަނާގައި ލިބުނު 43 ޕޮއިންޓާ އެކު އެވެ. ނަމަވެސް ވެލްބުއެނާ ދެކޭ ގޮތުގައި މާސޭ އަށް ޕީއެސްޖީ ބަލި ކުރެވިދާނެ އެވެ.
"ޕީއެސްޖީ އަކީ ފޭވަރިޓުން." އުމުރުން 29 އަހަރުގެ މިޑްފީލްޑަރު ވެލްބުއެނާ ބުންޏެވެ. "ޕޮއިންޓް ޓޭބަލްގެ މަގާމަށް ބަލާ އިރު، ޕީއެސްޖީ އޮތީ ކުރީގަ. ނަމަވެސް ފޭވަރިޓުންނެއް އަބަދު މޮޅެއް ނުވާނެ. އެއީ ބަލި ނުކުރެވޭނެ ޓީމެއް ވެސް ނޫން، މޮންޓްޕެލިއާ އިން އެކަން އަންގައިދިން. އަހަރެމެންގެ އަޒުމަކީ މެޗުތަކުން މޮޅުވެ، ލީގުގެ ތިންވަނަ އަށް އެރުން."
ފަހަކަށް އައިސް ޕީއެސްޖީ އަކީ ވަރުގަދަ ޓީމެއްގެ ގޮތުގައި ފާހަގަ ވަނީ އެ ކްލަބަށް ލިބިފައިވާ ފައިސާގެ ތަނަވަސްކަން ކަމަށާއި، އެޓީމުން އެކަމުގެ ފައިދާ ވަރަށް ރަނގަޅަށް ނަގާ ކަމުގައި ވެސް ވެލްބުއެނާ ބުނެފައިވެ އެވެ.
"އަހަރެން ބުނާނީ ޕީއެސްޖީއާ އަހަރެމެންނާ ދެމެދު އޮތީ 18 ޕޮއިންޓެއް ނޫނޭ." ވެލްބުއެނާ ބުންޏެވެ. "ކުރިއާ އަޅާ ބަލާ އިރު، ފައިސާގެ ތަނަވަސްކަމާ އެކު ޕީއެސްޖީ އެ އޮތީ ވަރަށް ބޮޑަށް ބަދަލުވެފައި. އެ ކްލަބުން މިހާރު އެޓީމަށް ބޭނުންވަނީ މޮޅެތި ކުޅުންތެރިން."
ފްރާންސްގެ ކްލެސިކޯ މެޗަށް މާސޭ އާއި ޕީއެސްޖީ ނުކުންނަ އިރު، މި މެޗު ކުޅޭނީ ޕީއެސްޖީގެ އަމިއްލަ ދަނޑުގަ އެވެ. މި މެޗަށް ނުކުންނަ އިރު، މި ސީޒަނުގައި ޕީއެސްޖީގެ އަމިއްލަ ދުނޑުގައި ކުޅުނު އެއްވެސް މެޗަކުން ބަލިވެފައެއް ނުވެ އެވެ. އަދި 2011 ވަނަ އަހަރުގެ ނޮވެމްބަރު މަހަށް ފަހު، ޕީއެސްޖީ އަތުން މާސޭ ބަލިވެފައެއް ނުވެ އެވެ.