01 Mar 2014, 10:15
މަޑޫގަލި އައިލެންޑު ރިސޯޓުގެ ވަޒީފާ އިން ވަކި ކުރި ހަތަރު މީހަކަށް ވަޒީފާ ދިނުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އަމުރުކޮށްފި އެވެ.
ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ބުރާސްފަތި ދުވަހު އަމުރުކޮށްފައި ވަނީ އެ ރިސޯޓުގެ އެސިސްޓެންޓް ފްރަންޓް އޮފީސް މެނޭޖަރުގެ މަގާމުގައި ހުރި ސ. ހިތަދޫ ސެންޓާޕޮއިންޓް އަބްދުﷲ ސާލިހު އާއި ރޫމް އެޓެންޑެންޓްގެ މަގާމުގައި ހުރި ސ. ފޭދޫ ތަރިޖެހިގޭ އަބްދުﷲ ރިޝްވާނާއި ގެސްޓް ރިލޭޝަން އޮފިސަރުގެ މަގާމުގައި ހުރި ބ. ތުޅާދޫ ފާގަތި އަރުޝަދު ރަޝީދު ހުސައިންގެ އިތުރުން ފުޑް އެންޑް ބެވަރެޖް މެނޭޖަރުގެ މަގާމުގައި ހުރި ސ. ހިތަދޫ މީނާޒު އިޔާޒު ނަސީރަށް ވަޒީފާ ދިނުމަށެވެ.
އެ އެންމެން ވަޒީފަ އިން ވަކިކޮށްފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު އެވެ.
އެ މީހުން ވަޒީފާ އިން ވަކިކުރީ ކުންފުނީގެ ވިޔަފާރިއަށް ދަތިވާ ޒާތުގެ ކަންތައްތަކެއް އެމީހުންގެ ފަރާތުން ފެނިފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ބަލަމުން ދާތީ، އެމީހުން ރިސޯޓުގައި އުޅޭ ނަމަ އެ މައްސަލަ ބެލުމަށް ދަތިވާނެތީ މައްސަލަ ބަލައި ނިމެންދެން ރިސޯޓުން ފުރައިގެން ދިޔުމަށް އެންގުމުން އެކަމަށް ތަބާނުވުމުންނެވެ.
ރިސޯޓުގެ އެންގުމަށް އެ މީހުން ރިސޯޓުން ފުރައިގެން ނުދިޔުމަކީ އެމީހުންގެ އަޚުލާގު އެކަށީގެންނުވާ ކަމެއް ކަމަށް ސާފުކޮށް އެނގެން އޮންނަ ކަމެއް ކަމަށް މަޑޫގަލި ރިސޯޓުން ވަނީ ޓްރައިބިއުނަލްގައި ބުނެފަ އެވެ.
ޓްރައިބިއުނަލްގެ އަމުރުގައި ބުނެފައި ވަނީ މުވައްޒަފަކު ގާނޫނުގައި ބުނާ، ވަޒީފާ އިން ވަކިކުރުމުގެ ކުރިން ފުރިހަމަވާން ޖެހޭ މައުޟޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ފުރިހަމަކޮށްފައިވާ ކަން ސާބިތުވާ މިންވަރަށް އެ ރިސޯޓުން ދަލީލު ހުށަހަޅާފައި ނުވާ ކަމަށެވެ.
އެހެންކަމުން އެ ހަތަރު މީހުން ވަޒީފާ އިން ވަކިކޮށްފައި ވަނީ ވަޒީފާއާ ބެހޭ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި، ކުރިން އަދާކުރަމުން ދިޔަ ވަޒީފާގައި އެ ހަތަރު މީހުން ބެހެއްޓުމަށް ޓްރައިބިއުނަލުން ވަނީ އަމުރުކޮށްފަ އެވެ.
ވަޒީފާ އިން ވަކުކުރި ދުވަހުން ފެށިގެން މުސާރަ އާއި އިނާޔަތުގެ ގޮތުގައި އެ މީހުންނަށް ލިބެން ޖެހޭ ފައިސާ 15 ދުވަހުގެ ތެރޭގައި އެކީއެއްފަހަރާ ދިނުމަށް ފަހު ތިން ދުވަހުގެ ތެރޭގައި އެކަން ޓްރައިބިއުނަލަށް އެންގުމަށް ވެސް ވަނީ އަމުރުކޮށްފަ އެވެ.