އިނގިރޭސި ޕްރިމިއާ ލީގުގައި ރަށުން ބޭރުގައި ސްޓޯކް ސިޓީއާ ދެކޮޅަށް އާސެނަލް މިއަދު ކުޅޭ މެޗަށް އެޓީމު ނުކުންނައިރު ޖަރުމަން މިޑްފީލްޑަރު މެސުޓް އޮޒިލް ފިޓްވެފައި ހުރުން އެއީ ކޯޗު އާސީން ވެންގާ އަށް ލިބޭނޭ ވަރަށް ބޮޑު ހިތްހަމަ ޖެހުމެކެވެ.

އާސެނަލް އަށް 45.2 މިލިޔަން ޕައުންޑުގެ ކްލަބް ރެކޯޑު ފީއަކަށް ސްޕެއިންގެ ރެއާލް މެޑްރިޑުން ގެނައި އޮޒިލްގެ އުކުޅުވަޅަށް ލިބުނު އަނިޔާގެއްގައި ކުޅުމާއި ދުރުގައި ހުރުމަށްފަހު، އޭނާ ވަނީ، ފަރިތަކުރުންތަކުގައި ބައިވެރިވެފަ އެވެ. އެހެން ކަމުން މިއަދު ސްޓޯކާ ދެކޮޅަށް ވެންގާ ނެރޭ ފުރަތަމަ 11 ގައި އޮޒިލް ހިމެނުމުގެ ފުރުސަތު ބޮޑެވެ.

އޮޒިލް އެނބުރި އައި ނަމަވެސް، ދެ ޑިފެންޑަރުން ކަމަށްވާ ނާކޯ މޮންރިއަލް އާއި ކިއެރަން ގިބްސް މި މެޗަށް ފިޓް ވެދާނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތުމަކީ ވެންގާއަށް އަދިވެސް ބޮލުގެ ރިހުމަކަށް ވާނެ އެވެ. އެހެން ކަމުން ފަހު މިނިޓާ ޖެހެންދެން ވެސް އެ ދެކުޅުންތެރިންގެ ފިޓްނަސްއާ ދޭތެރޭގައި ގޮތެއް ނިންމުމަށް ވެންގާ މަޑުކުރާނެކަމަށް ބެލެވެ އެވެ.

ދެ ޑިފެންޑަރުން ނެތްތަން ފޫ ބެއްދުމަށް ވެންގާއަށް އޮތް ކުޑަވެސް ހިތްހަމަ ޖެހުމަކީ، އަނިޔާގައި ހުރުމަށްފަހު މިހާރު ފިޓް ވެފައިވާ ވާތު ބެކް، ތޯމަސް ވާމައެލަން އެވެ.

ލީގު ހޯދަން ކުރާ މަސައްކަަތުގައި އެއް ޕޮއިންޓުގެ ތަފާތަކާއެކު ޗެލްސީގެ ފަހަތުން ތާވަލުގެ ދެވަނައިގައި އޮތް އާސެނަލްއަށް މިއަދުގެ މެޗަކީ މުހިއްމު މެޗަކަށް ވާނެއެވެ. ޗެލްސީ މިއަދު ކުޅޭނީ ތާވަލުގެ ފުލުގައި އޮތް ފުލަމް އާއި ދެކޮޅަށެވެ.