01 Mar 2014, 09:55
ވައިޓް ހައުސް (މާޗް 1 ) : ޔުކްރޭނަށް ޢަސްކަރީ ގޮތުން އަރައިނުގަތުމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ރަޝިޔާއަށް އިންޒާރު ކުރައްވައިފި އެވެ.
ވައިޓް ހައުސްގައި ދެއްވި ބަޔާނެއްގައި އޮބާމާ ވިދާޅުވީ ޔުކްރޭންގެ މިނިވަންކަން ނިގުޅައިގަނެވޭ ފަދަ އެއްވެސް ޢަމަލެއް ހިންގުމަކީ ބޮޑު އަގެއް ދައްކަން ޖެހޭނެ ކަމެއްކަން ރަޝިޔާ ދަންނަން ޖެހޭނެ ކަމަށާއި މި މައްސަލާގައި އެމެރިކާއާއި މުޅި ބައިނަލްއަޤްވާމީ މުޖްތަމަޢު އޮންނާނީ ވަރަށް ސާބިތުކަން ބޮޑުގޮތެއްގައި ރަޝިޔާއާ ދެކޮޅަށް ކަމުގަ އެވެ. ޔުކްރޭންގެ އިދިކޮޅު ފަރާތްތަކުން އުފައްދާފައިވާ ވަގުތީ ސަރުކާރުގެ ހުއްދައަކާނުލައި ރަޝިޔާ ސިފައިން ޔުކްރޭނަށް އަރައި ހިންގަމުންގެންދާ އަސްކަރީ ޙަރަކާތްތަކާ މެދު އެމެރިކާ ވަރަށް ކަންބޮޑުވާ ކަމަށާއި ރަޝިޔާގެ ޢަމަލުތަކުގެ ސަބަބުން ބައިނަލްއަގްވާމީ އަމްނާއި ސަލާމަތަށް ނުރައްކާވެދާނެ ކަމުގެ އިންޒާރު ވެސް އޮބާމާ ދެއްވި އެވެ.
އެމެރިކާގެ އިސް މަސްއޫލުވެރިއަކު ވަނީ ރަޝިޔާ ސިފައިން ޔުކްރޭނަށް ވަދެގެންފައިވާ މައްސަލާގައި ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅެއްގެ އެޅުމުގެ ގޮތުން އަންނަ މޭމަހު ރަޝިޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ ސިނާޢީ ބޮޑެތި ގައުމުގެ އިސްވެރިންގެ ސަމިޓް، އެމެރިކާ އާއި އެމެރިކާގެ ބައިވެރިން ބޮއިކަޓް ކޮށްފާނެ ކަމުގެ އިޝާރާތެއް ދެއްވާފަ އެވެ.
އަނެއްކޮޅުން ރަޝިޔާ އިން ވަނީ ޔުކްރޭނާއި އެގައުމާދެ މެދު ސޮއިކޮށްފައިވާ ޢަސްކަރީ މުޢާހަދާގެ ދަށުން ޔުކްރޭންގެ ސަރުކާރުން އެދިއްޖެ ޙާލަތެއްގައި އެގައުމަށް ވަދެ ޢަސްކަރީ ހަރަކާތްތައް ހިންގިދާނެކަން އެމެރިކާއަށް ހަނދާންކޮށްދީފަ އެވެ. ޔުކްރޭންގެ ޝަރުއީ ރައީސެއްގެ ގޮތުގައި ރަޝިޔާ އިން ބަލަނީ މަގާމުން ދުރުކޮށްފައިވާ ޔުކްރޭންގެ ރައީސް ވިކްޓާ ޔަނަކޮވިޗް އެވެ. އޭނާ ހުންނެވި ކަމަށް ވަނީ ރަޝިޔާގަ އެވެ. ޔުކްރޭންގެ ވެރިކަން ވައްޓާލުމަށް ފަހު ހުޅަނގުގެ ތާއީދާ އެކު އެގައުމުގައި އުފައްދާފައިވާ ވަގުތީ ސަރުކާރަކީ ޝަރުޢީ ސަރުކާރެއް ކަމަށް ރަޝިޔާ ގަބޫލެއް ނުކުރެ އެވެ.
ޔުކްރޭންގެ ވަގުތީ ސަރުކާރުން ވަނީ ރަޝިޔާގެ ސިފައިންގެ އެތައް ސަތޭކަ ބަޔަކު ޔުކްރޭންގެ (ރަޝިޔާ ދަރިކޮޅުގެ މީހުން ގިނަ) ކްރައިމިޔާ ޕެނިންސިއުލާއަށް އަރައި އެސަރަހައްދުގެ އެކިކަންކޮޅުގައި ފެތުރިގެންފައިވާ ކަމަށް ބުނެފަ އެވެ. ޔުކްރޭނަކީ ޔޫރަޕްގައި ތިންވަނައަށް އަސްކަރީ ގޮތުން އެންމެ ބާރުގަދަ ގައުމު ކަމަށްވާތީ ޔުކްރޭންގެ ސިފައިން ރަޝިޔާއާ ދެކޮޅަށް ތެދުވެއްޖެ ނަމަ އެގައުމާ ދެކޮޅަށް ހަނގުރާމަކުރުމަކީ ރަޝިޔާ އަށް ފަސޭހަ ކަމަކަށް ނުވާނެ ކަމަށް ތަޖްރިބާކާރުން ދެކެ އެވެ.
ނަމަވެސް ޔުކްރޭންގެ ސިފައިންގެ ލަޝްކަރުތަކުގެ ފުރިހަމަ ކޮންޓްރޯލް ވަގުތީ ސަރުކާރަށް ނެތް ކަމަށް ރިޕޯޓްތައް ބުނެ އެވެ.(ނޫސްއެޖެންސީތައް)