01 Mar 2014, 09:39
ލަންޑަން (ފެބްރުއަރީ 28) : އިނގިރޭސިވިލާތުގައި ޒުވާން އަންހެނަކު ތުބުޅިއާއި މަތިމަސް ބަހައްޓަން ފެށުމުން އިންޓަނެޓް މެދުވެރިކޮށް އޭނާއަށް މަރުގެ އިންޒާރު ދެމުން ގެންދާކަމަށް އެގައުމުގެ ނޫހެއް ކަމަށްވާ "ޑެއިލީ މެއިލް" ބުނެފި އެވެ.
އެނޫސް ބުނާ ގޮތުން ހެނަމް ކޯ ނަމަކަށްކިޔާ މިއަންހެން މީހާގެ މަތިމަހާއި ތުބުނޅީގައި ފިރިހެނެއް ގޮތަށް ބޯކޮށް އިސްތަށި ފެޅުމުގެ ސަބަބުން ސޯޝަލް މީޑިޔާ ބޭނުންކޮށްގެން ބައެއް މީހުން ގެންދަނީ އޭނާއަށް މަރުގެ އިންޒާރުތައް ދެމުންނެވެ. މީގެ އިތުރުން އޭނާ ކިޔަވައިދޭ ސްކޫލްގެ ދަރިވަރުންނާއި ޓީޗަރުންނާއި އެނޫންވެސް ފަރާތްތަކުގެ ނުރުހުމާއި ނަފްރަތާއި ޖޯކުޖެހުމާއި މަލާމާތާއި ފުރައްސާރަ ވެސް ފުޅާދާއިރާއެއްގައި އޭނާ އަށް ރައްދުވަމުންދާ ކަމަށް ހެނަމް ކޯރ ބުނެ އެވެ.
އެހެންކަމުން މިއިންޒާރުތަކާއި މަލާމާތްތައް ރައްދުވި ފުރަތަމަ ދުވަސްތަކުގައި އަމިއްލައަށް މަރުވުމާ މެދު ވިސްނި ކަމަށް ވެސް ހެނަމް ކޯރ އާ ހަވާލާދީ"ޑެއިލީ މެއިލް" ބުނެ އެވެ.
މިއަންހެން މީހާގެ މަތިމަހާއި ތުބުނޅީގައި އިސްތަށި ފަޅާފައިވަނީ ޕޮލިސިސްޓިކް ސިންޑްރޯމް ނަމަކަށް ކިޔާ ބައްޔެއްގެ ސަބަބުން ކަމަށް ވެ އެވެ. މިއީ އަންހެނުންގެ ހަށިގަނޑުގައި ފިރިހެން ހޯމޯން އާދަޔާ ޚިލާފަށް ގިނަވެގެންދާ ބައްޔެކެވެ. ނަތީޖާއަކީ މިފަދަ އަންހެނުންގެމަތިމަހާއި ތުބުނޅީގައި ފިރިހެނެއް ގޮތަށް ބޯކޮށް އިސްތަށިފެޅުމެވެ. މީގެ އިތުރުން މިބަލި ޖެހޭ އަންހެނުންގެ އަޑުވެސް ފިރިހެނެއްގެ އަޑު ގޮތަށް އަޑުބަރުވެ، މޭމަތީގައި ވެސް ފިރިހެނުންގޮތަށް އިސްތަށިފަޅާކަމަށާ ތުބުނޅީގެ އިތުރުން މި ދެމައްސަލަ ވެސް މިއަންހެންމީހާ އަށް ކުރިމަތިވެފައިވާ ކަމަށް "ޑެއިލީ މެއިލް" ބުނެ އެވެ.
ހެނަމް ކޯ އަށް މިމައްސަލަ ދިމާވެފައި ވަނީ އޭނާގެ އުމުރުން 11 އަހަރުގައި ކަމަށްވެ އެވެ. ތުބުނޅިއާއި މަތިމަހުގައި އިސްތަށިފަޅަން ފެށުމުން ފުރަތަމަ އޭނާ ހެދިގޮތަކީ ތުބުނޅިއާއި މަތިމަސް ހަފްތާއަކު ތިންފަހަރު ބޭލުމަށް ފަހު އިސްތަށި ނުފަޅާ ބާވަތުގެ ކްރީމެއް އުނގުޅުމެވެ. މިގޮތަށް އަމަލުކުރާތީ މިހާތަނަށް މިމައްސަލަ އާންމުންނަށް އެނގިފައި ނުވަނީ ކަމަށާއި އާންމުންނަށް އެނގެންފެށީ ތުބުނޅިއާއި މަތިމަސް ބަހައްޓަން ފެށުމުން ކަމަށް އޭނާއާ ހަވާލާދީ "ޑެއިލީ މެއިލް" ބުނެ އެވެ.
އުމުރުން 23 އަހަރުގެ ހެނަމް ކޯރ އަކީ އިންޑިޔާގެ ސިކުންގެ ނަސްލަށް ނިސްބަތްވާ އަންހެނެކެވެ. އޭނާ ބުނާ ގޮތުން ތުބުނޅިއާއި މަތިމަސް ބަހައްޓަން ފަށާފައި ވަނީ އެކަމަކީ އޭނާއަށް ގުދްރަތީގޮތުން ވާރުތަވެފައިވާ ކަމަކަށް ވާތީ އޭނާ ގުދްރަތުން ހައްދަވާފައިވާ ގޮތަށްރުހި ގަބޫލުވުމުގެ ނިޔަތުގަ އެވެ. ނަމަވެސް އެހެން މީހުންގެ މަލާމާތާއި ފުރައްސާރަ އަށް ކެތްތެރިވާން އިތުރަށް ދަސްކުރަންޖެހިފައިވާ ކަމަށް އޭނާ ބުނެ އެވެ. ހެނަމް ކޯރ މިހާރު މަސައްކަތް ކުރަނީ އިނގިރޭސިވިލާތުގައި ހުންނަ ސިކުންގެ ދަރިކޮޅުގެ މީހުންނަށް ޚާއްސަކޮށްގެން ހިންގާ ޕްރައިމަރީ ސްކޫލެއްގެ ޓީޗަރެއްގެ ގޮތުގައެވެ. ތުބުނޅި ބެހެއްޓުމުން އަންހެންވަންތަކަން އިހްސާސްވާވަރު ކުޑަނޫން ކަމަށް ހެނަމް ބުނާކަމަށް ވެސް "ޑެއިލީ މެއިލް" ބުނެ އެވެ.(ޑެއިލީ މެއިލް)