01 Mar 2014, 09:38
ފަސް ރަށެއްގައި ނަރުދަމާ ގާއިމް ކުރުމަށް 20 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނެއް ދިވެހި ސަރުކާރުން ނަގައިފި އެވެ.
އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޯފިޑް ގެ އެ ލޯނުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކޮށްފައި ވަނީ ފިނޭންސް މިނިސްޓަރު އަބުދުއްﷲ ޖިހާދު އެވެ. އޯޕެކްގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ސުލައިމާން ޖާސިރު އަލްހާބިޝް އެވެ.
އެ ރަސްމިއްޔާތު ބާއްވާފައި ވަނީ އޮސްޓްރިއާގެ ވެރިރަށް ވިއެނާގައި ހުންނަ އޯފިޑްގެ މައި މަރުކަޒުގަ އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ އެލޯނުގެ ދަށުން ނަރުދަމާ ގާއިމް ކުރުމަށް ހަމަޖެހިފައި ވަނީ ބ. ތުޅާދޫ އާއި ނ. ވެލިދޫގެ އިތުރުން ރ. ހުޅުދުއްފާރާއި ގއ. ކޮލަމާފުއްޓާއި ގދ. ގައްދޫ ކަމަށެވެ.
ސަރުކާރުން ނެގި 20 މިލިއަން ޑޮލަރުގެ ލޯނަކީ ސާވިސް ޗާޖްގެ ގޮތުގައި އެއް ޕަސެންޓް ހިމެނޭ 3.85 ޕަސެންޓް އިންޓްރެސްޓް ރޭޓެއްގެ ލޯނެކެވެ. އަދި އެލޯނަކީ ފަސް އަހަރުގެ ގްރޭސް މުއްދަތެއް ހިމެނޭ ގޮތަށް 20 އަހަރު ތެރޭ ދައްކަން ޖެހޭ ލޯނެކެވެ.