01 Mar 2014, 00:52
މެންޗެސްޓާ ޔުނައިޓެޑާ އެކު ހަދާފައިވާ އެއްބަސްވުން އެކްލަބުގެ އިނގިރޭސި ތަރި ވޭން ރޫނީ އާ ކުރުމާ އެކު، މި މަހު އެންމެ ހައިރާން ކުރަނިވި ދުނިޔޭގެ ކުޅިވަރު ހަބަރަކަށް ވަނީ ވެފަ އެވެ. މި ކޮންޓްރެކްޓް ގައި ސޮއިކުރުމުގެ ފުރުސަތު ލިބުމަކީ ރޫނީ އަށް އުފަލެއް ކަމަށް ވީ އިރު، މި ކަމަކީ އޭނާގެ އަމިއްލަ ފައިދާ އަށް ނިންމި ނިންމުމެއް ކަމުގައި މީޑިއާ ގައި އަޑު ގަދަވެފައި ވެ އެވެ.
ޔުނައިޓެޑާ އެކު ހަދާފައިވާ ކޮންޓްރެކްޓް އާ ކުރުމަށް ބުޅަލާއި މީދާ އުޅޭ ފަދައިން ބުރަ މަސައްކަތެއް ރޫނީ ކުރި އެވެ. ނަތީޖާއެއްގެ ގޮތުން އޭނާ ސޮއިކުރި ކޮންޓްރެކްޓްގައިވާ ގޮތުން އޭނާ އަށް މުސާރައިގެ ގޮތުގައި ހަފްތާ އަކު 300,000 ޕައުންޑް (363,000 ޔޫރޯ) ލިބިގެންދާނެ އެވެ. ޔުނައިޓެޑާ އެކު ރޫނީ ހެދި މި ކޮންޓްރެކްޓް ނިމުމަކަށް އަންނާނީ އޭނާގެ 34 ވަނަ އުފަން ދުވަހުގެ ކުޑަ ދުވަސް ކޮޅެއް އޮއްވަ އެވެ.
އުމުރުން 28 އަހަރުގެ ފޯވަޑް ރޫނީގެ ކުރީގެ ކޮންޓްރެކްޓްގައި ވާ ގޮތުން އޭނާ އަށް މުސާރައިގެ ގޮތުގައި ލިބެނީ ހަފްތާއަކު 250,000 ޕައުންޑް (302,000 ޔޫރޯ) އެވެ. ރޫނީގެ ކުރީގެ ކޮންޓްރެކްޓް ހަމަވުމަށް 18 މަހަށްވީ އިރު، އެންމެ ފަހުން ރޫނީ ސޮއިކުރި އަގުހުރި ކޮންޓްރެކްޓް އާކުރެވުނީ އޭނާގެ އެޖެންޓް ޕައުލް ސްޓްރެޓްފަޑްގެ މޮޅު ކުޅިވަރާ އެކު އެވެ.
މިދިޔަ ސީޒަނަށް ފަހު ރޫނީ ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާކަން ހާމަކުރި އިރު، އެއީ ޔުނައިޓެޑަށް އެގޮތަށް އޭނާ ބިރު ދެއްކި ދެވަނަ ފަހަރެވެ. ދެ ފަހަރު ވެސް ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ބުނެ ރޫނީ ކްލަބަށް ބިރު ދެއްކުމުގެ ކުރިން އޭނާ ހުށަހަޅާ ކޮންޓްރެކްޓްގައި މުސާރައިގެ ގޮތުގައި ބޮޑު އަދަދެއް ދިނުމަށް ހުށަހަޅަ އެވެ. މި ކޮންޓްރެކްޓާ އެކު ޔުނައިޓެޑުން އެންމެ ބޮޑު ހަރަދެއް ކުރަން ޖެހޭނީ ރޫނީ އަށެވެ.
ޓްރާންސްފާ މޭކެޓްގައި ރޫނީގެ އަގު ދަށްވުމުގެ ސަބަބުން ޔުނައިޓެޑުން ރޫނީގެ ކޮންޓްރެކްޓް އާކުރުން ނޫން ގޮތެއް ނެތެވެ. މި ސީޒަންގެ ކުރީ ކޮޅުގައި ރޫނީ ހޯދަން ޗެލްސީ އިން މަސައްކަތްކުރި ނަމަވެސް، ބޮޑު އަގެއް ދީފައި އެ ޓީމުން ރޫނީ ހޯދަން ބޭނުމެއް ނުވި އެވެ.
ރޫނީގެ ކޮންޓްރެކްޓް އާކުރެވުމާއެކު، ދެން ޔުނައިޓެޑްގެ ކޯޗު ޑޭވިޑް މޮއެސް ޖެހޭނީ ރޫނީގެ އެންމެ ރަނގަޅު ހިދުމަތް ފެންނާނެ ގޮތަށް ޓީމު ބައްޓަން ކުރާށެވެ. މި ސީޒަނުގައި ނާކާމިޔާބީ އާއި ކުރިމަތިލަމުންދާ ޔުނައިޓެޑުން ރޫނީގެ ކޮންޓްރެކްޓް އާކުރުމުން ގިނަ ބަޔަކު ފާޑު ކިޔަމުންދާ އިރު، ރޫނީ އަށް އޭނާގެ އަގާއި އެއް ފެންވަރަށް ނުކުޅެވޭނެ ކަމަށް ވެސް ކުޅިވަރު ދިރާސާ ކުރާ ފަރާތްތަކުން ބުނެ އެވެ.
ޔުނައިޓެޑުގެ ރެކޯޑް ޓްރާންސްފާ އަކަށް ޗެލްސީ އިން ހުއާން މަޓާ ގެންދިއުމާއި، ރޫނީގެ އަގުބޮޑު ކޮންޓްރެކްޓް އާކުރުމަކީ އެ ކްލަބުގެ ކޯޗުކަމުން އެލެކްސް ފާގަސަން ދުރުވުމަށް ފަހު، އެޓީމުން ނިންމި އެންމެ ބޮޑު ނިންމުންތަކެވެ. ފާގަސަންގެ ކާމިޔާބީ ދުވަސްތަކަށް ފަހު، އެ ޓީމުގެ ކޯޗުކަމާ ހަވާލުވި މޮއެސް އަށް މި ވަނީ ގިނަ ފިއްތުންތަކަކާ ކުރިމަތިލާން ޖެހިފަ އެވެ.
އެވަޓަން އިން 2004 ވަނަ އަހަރު ޔުނައިޓެޑާ ގުޅުމަށް ފަހު ދެ ފަހަރަކު އޭނާ ކްލަބު ދޫކޮށް ދާން ހުށަހެޅި ކަމަށާއި، ރޫނީ އާ ކުރިން އޮތް ގާތްކަން މިހާރު ނެތް ކަމުގައި ފާގަސަންގެ އޮޓޯބަޔޮގްރަފީ ގައި ވެއެވެ. އެ އޮޓޯބަޔޮގްރަފީ ގައި ފަގާސަން ލިޔެފައި ވަނީ، ރޫނީ ސަމާލުވާންޖެހޭ ކަމަށާއި މިހާރު އޭނާގެ ފިޓްނަސް ދަށްވެފައިވާ ކަމަށެވެ.
ޔުނައިޓެޑުގައި 10 އަހަރު ހޭދަކުރި އިރު، ރޫނީ އެ ޓީމަށް ކުޅުނު 430 މެޗުން 208 ލަނޑު ކާމިޔާބުކޮށްފައި ވެއެވެ. ޔުނައިޓެޑާ އެކު ރޫނީ ވަނީ ފަސް ޕްރިމިއާ ލީގާއި، ޗެމްޕިއަންސް ލީގަކާއި، ކްލަބު ވޯލްޑް ކަޕެއް އަދި ދެ ލީގު ކަޕް ކާމިޔާބު ކޮށްފަ އެވެ.
މިހާރު އުފެދޭ އެންމެ ބޮޑު ސުވާލަކީ މުއްސަނދި ކަމަށް ރޫނީގެ ހަނގުރާމަ ނިމުމުން ދެން ތަފާތު މޮޅު ކުޅުމެއް އޭނާގެ ފަރާތުން ފެނިދާނެ ބާވަ އެވެ.