އޮލިމްޕިކްސް ސޮލިޑަރިޓީ ހޭންޑްބޯލް ކޯޗިންގް ކޯސް ފުރިހަމަ ކުރި ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްފި އެވެ.

މި މަހު 21 ވަނަ ދުވަހު ފެށި އޮލިމްޕިކްސް ސޮލިޑަރިޓީ ހޭންޑްބޯލް ކޯޗިންގް ކޯހަކީ އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ އާއި، އިންޓަނޭޝަނަލް ހޭންޑްބޯލް އެސޯސިއޭޝަނާއި ހޭންޑްބޯލް މޯލްޑިވްސް ގުޅިގެން ހިންގި ކޯހެކެވެ. އޮލިމްޕިކްސް ސޮލިޑަރިޓީ ކޯސް ކުރިއަށް ގެންދިޔައީ ޗެކް ރިޕަބްލިކްގެ އިންޓްރަކްޓަރެއް ކަމަށްވާ ތޮވާސްކީގެ އިރުޝާދާ އެކު އެވެ.

ހެންވޭރު ދަނޑުގައި އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތެއް ގައި މި ކޯސް ފުރިހަމަ ކުރި 24 ބައިވެރިންނަށް ހަނދާނީ ލިޔުން ހާވަލުކޮށްދެއްވީ ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު އެވެ. ޔޫތު މިނިސްޓަރުގެ އިތުރުން ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދު އާއި ހޭންޑްބޯލް މޯލްޑިވްސްގެ ޗެއާޕާސަން އިބްރާހިމް އިސްމާއީލް ބައިވެރިވަޑައިގެންނެވި އެވެ.

ހަނދާނީ ލިޔުން ހަވާލު ކުރުމުގެ ކުރިން ކޯސް ފުރިހަމަ ކުރި ބައިވެރިންގެ މެދުގައި ހޭންޑްބޯޅަ މެޗެއް ކެޅެވިގެންދިޔަ އެވެ. ހޭންޑްބޯޅަ ކުރި އެރުވުމުގެ މަގްސަދުގައި ކޯޗުން ތަމްރީނު ކުރުމަށް ރާއްޖޭގައި ބޭއްވި މި ކޯހަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް އިންސްޓްރަކްޓަރު ތޮވާސްކީ ބުނެފައި ވެއެވެ. މިކަމަށް ތާއީދުކޮށް ހިތްވަރު ދިން ހުރިހާ ފަރާތަކަށް ތޮވާސްކީ ޝުކުރު އަދާކުރި އެވެ.

ހޭންޑްބޯޅަ އަކީ އަށާރަ ސަތޭކަ އަހަރުގެ ފަހު ކޮޅުން ފެށިގެން ދުނިޔޭގައި ކުޅެމުން އަންނަ ކުޅިވަރެކެވެ. އެންމެ ފުރަތަމަ މި ކުޅިވަރު ކުޅެވިގެން ދިޔައީ ޔޫކްރޭން އާއި، ޑެންމާކާއި، ޖަރުމަނާއި، ސްލޮވޭކިއާ އަދި ޗެކް ރިޕަބްލިކްގަ އެވެ. ރާއްޖެ އަށް ހޭންޑްބޯޅަ ކުރިން ތައާރަފުވި ނަމަވެސް، މިއަދާއި ހަމައަށް އެ ކުޅިވަރު ތަރައްގީ ކުރެވިފަ އެއް ނުވެ އެވެ.