އިންދާރީ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްޗް) ގެ އާ އިމަރާތުގެ މަސައްކަތް އަންނަ އެޕްރީލް މަހު ނިމޭނެ ކަަމަށް ހެލްތް މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލީއްޔަތުއަދާކުރާ މިންވަރު ބަލާ ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝަކިލާ ވިދާޅުވީ މިހާރު މަސައްކަތް ދާގޮތަށް ބަލާއިރު އާ އިމާރާތުގެ މަސައްކަތް އެޕްރީލް މަހު ނިމޭނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައިވާ ގޮތުން އައިޖީއެމްޗްގެ އާ އިމާރާތުގެ މަސައްކަތް އެޕްރީލް މަހު ނިމޭނެ ކަމަށް އަޅުހަނޑަށް މައުލޫމާތު ލިބިފައި ވަނީ،" ޑރ ޝަކީލާ ވިދާޅުވި އެވެ.

ޑރ. ޝަކީލާ ވިދާޅުވީ ރާއްޖޭގެ ސިއްޙީ ދާއިރާ އަށް ދިމާވެފައިވާ މައްސަލަތަކަކީ "އިއްޔެ މިއަދަކު ދިމަވެފައިވާ މައްސަލަތަކެއް ނޫން" ކަމަށެވެ. އެހެން ކަމުން ރާއްޖޭގެ ސިއްޙީދާއިރާ ހަރުދަނާ ކޮށް ސިއްޙީ ދާއިރާ އަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށްޓަކައި ސަޕްލިމެންޓްރީ ބަޖެޓެއް މަޖިލީހަށް ހުށަހަޅައިގެން ނަމަވެސް އެ މައްސަލަތައް ހައްލު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ޝަކީލާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިތިބީ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަލައިގެން ވިޔަސް ރާއްޖޭގެ ސިއްޙީ ދާއިރާގައި ހުރި މައްސަލަތައް ހައްލު ކުރަން. އަޅުގަނޑުމެންނަށް އެ ފުރުސަތު ލިބިއްޖެ ކަމަށްވާނަމަ އެކަން އިރާދަކުރެއްވީއްޔާ އަޅުގަނޑު ކުރާނަން"ޝަކީލާ ވިދާޅުވި އެވެ.

ރާއްޖޭގެ ސިއްޙީ ދާއިރާ ހަރުދަނާ ކޮށް ސިއްޙީ ދާއިރާގެ މައްސަލަތައް ހައްލު ކުރުމަށްޓަކައި ބޭރުގެ އެހީ ހޯދައިގެން އެކަން ކުރުމަކީ ރަނގަޅު ގޮތް ކަަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް ޝަކީލާ ވިދާޅުވި އެވެ.

އައިޖީއެމްއެޗްގައި ހުރި މައްސަލަތައް ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ޑޮކްޓަރުންގެ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލުގެ ސަބަބުން ބައެއް ޑޮކްޓަރުންނަށް ގެއަށް ގެންދަން ލިބޭ އާމްދަނީ ދަށަށް ދިޔައީ އޮނިގަނޑުން ބައެއް އުނިވުމުގެ ސަބަބުން ކަމަށާއި އެއީ އޮޅުކަމުން ކުރެވުނު ކަމެއް ކަމަށެވެ. އަދި އެ އޮޅުން ރަނގަޅުކޮށް އޮނިގަނޑު އަލުން މުރާޖައާ ކުރުމުގެ މަސައްކަތް ރައީސް އޮފީހުން އެ ކަމަށް ކަނޑައަޅާފައިވާ ކޮމިޓީން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އަންނަ މާޗް މަހުގެ ތެރޭގައި ޑޮކްޓަރުންގެ މުސާރައިގެ ކަންކަން މުރާޖައާކޮށް ނިމޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް އޮފީހުން މިހާރު މުރާޖާ ކުރަމުންދާ ޑޮކްޓަރުންގެ މުސާރައިގެ އޮނިގަނޑު ނިމޭއިރު، ޑޮކްޓަރުންނަށް މިހާރު ލިބޭ މުސާރައަށް ވުރެ ބޮޑު މުސާރަ އެއް ލިބޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން ހެލްތް މިނިސްޓްރީގެ ޕާމެނެންޓް ސެކެޓްރީ ގީލާ އަލީ ވިދާޅުވީ އެ މިނިސްޓްރީގެ ފަރާތުން ތައްޔާރުކޮށްފައި ވަނީ "ޑޮކްޓަރުންނަށް މުސާރައާއި އިނާޔަތްތައް ދޭނެ އުސޫލެއް ނުވަތަ ސްޓްރަކްޗާ އެއް" ކަށެވެ. އަދި އެ އުސޫލުގައިވާ ގޮތުން ޑޮކްޓަރުންގެ މުސާރައާއި އިނާޔަތްތައް ކަނޑައެޅިގެންދާނީ ސިއްޙީ ދާއިރާ އަށް ބަޖެޓް ލިބޭ ނިސްބަތަކުން ކަމަށް އޭނާ ވިދާޅުވި އެވެ.