28 Feb 2014, 21:33
އެޗްއައިވީ ޕޮޒިޓިވް ލޭ މާބަނޑު އަންހެނެއްގެ ގަޔަށް އެޅި މައްސަލައިގައި އިހްމާލުވި ބިދޭސީ ލެބް ޓެކްނީޝަނަކީ ކުރިން ރާއްޖޭގެ އެހެން ހޮސްޕިޓަލަކުން ވަޒީފާއިން ވަކި ކުރި މީހެއްކަން ހާމަވެއްޖެ އެވެ.
އިންޑިޔާގެ ރައްޔިތެއް ކަމަށްވާ، ރާޖޭޝް ކަކަންތު ބަސްކަރަން، 32، އަކީ ކުރިން ރާއްޖޭގެ އެހެން ހޮސްޕިޓަލެއްގައި މަސައްކަތް ކުރަނިކޮށް ދިމާވި މައްސަލައަކާއި ގުޅިގެން ވަޒީފާއިން ވަކިކޮށްފައިވާ މީހެއްކަން ހާމަވެފައި ވަނީ ހެލްތް މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ އާއި އެ މިނިސްޓްރީގެ އެހެން އިސް ބޭޅުންނާއިއެކު މިއަދު ހަވީރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލީއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގެ ބައްދަލުވުމުގަ އެވެ.
ސަރުކާރުގެ މަސްއޫލީއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގައި ހެލްތް މިނިސްޓަރު އާއި ސުވާލު ކުރައްވަމުން އެ ކޮމެޓީގެ މުގައްރިރު ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ވިދާޅުވީ ބިދޭސީ އެ ޓެކްނީޝަންއަކީ 2006 ހިސާބުގައި އއ. ރަސްދޫގައި ސިއްހީ މަރުކަޒުގައި މަސައްކަތް ކުރި މީހެއް ކަަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އޭނާ ވަޒީފާއިން ވަކިކޮށްފައި ވަނީ މަސައްކަތަށް ފަރުވާކުޑަވެގެން ކަމަށް ކޮމެޓީ އަށް އެނގިފައިވާ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. އެހެން ކަމުން އެކަމުގެ ހަގީގަތް ސާފްކޮށްދެއްވުމަށް އަލީ ވަހީދު އެދިވަޑައިގެންނެވި އެވެ.
"އަޅުގަނޑުމެނަށް ވެސް އިންވެސްޓިގޭޝަން ތެރޭގައި މި އެނގުނ 2006 ގައި ކޮންމެވެސް މައްސަލަތަކެއް ދިމާވެގެން އެހެން ތަނަކުން ވަޒީފާއިން ވަކިކުރެވިފައިވާ ކަމަށް. އެހެން ނަމަވެސް އޭނަޔަކީ މަސައްކަތް ނުކުރެވޭ ގޮތަށް ޑީޕޯޓް ކުރެވިފައިވާ މީހެއް ކަމަށް ނުވަތަ ބްލެކް ލިސްޓް މީހެއް ކަމަކަށް އަޅުގަނޑުމެންގެ ރިކޯޑްސް ތަކަކުން ނުދައްކާ. އެހެން ނަމަވެސް ކޮންމެވސް ވަރެއްގެ އިންސިޑެންޓްސް ތަކެއް އޭނަ މަސައްކަތް ކުރާ ދާއިރާއިން ހިނގާފައިވާ ކަމުގެ މައުލޫމާތި ލިބިފައިވޭ. އެހެން ނަމަވެސް އޭނާ 2006 ފެށިގެން އައިޖީއެމްޗްގައި މަސައްކަތް ކުރަން ފެށިފަހުން އެއްވެސް އިންސިޑެންޓެއް ހިނގާފައިވާ ކަމަކަށް އަޅުގަނޑުމެން ރިކޯޑްސް ތަކަކުން ނުދައްކާ،" ހެލްތު މިނިސްޓްރީގެ ފަރާތުން ކޮމެޓީއަށް ޖަވާބުދާރީވެވަޑައިގެންނެވި ގީލާ އަލީ ވިދާޅުވި އެވެ.
އައިޖީއެމްޗްގައި މަސައްކަތްކުރާ އިންޑިޔާގެ އެ ލެބް ޓެކްނީޝަން ރޭ ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާގެ ބަންދަށް ކޯޓުން ވަނީ ހަތް ދުވަސް ޖަހައިދީފަ އެވެ.
މިއަދުގެ ކޮމެޓީ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ހެލްތް މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ ވިދާޅުވީ އެޗްއައިވީ ލޭ އެޅުނު މައްސަލާގައި މައާފަށް އެދިވަޑައިގަންނަވާ ކަމަށެވެ. އެކަމަނާ ވިދާޅުވީ އެކަން ހިނގާފައި ވަނީ ލެބޯޓަރީ މެޝިނެއްގެ މައްސަލައަކުން ނޫން ކަމަށާއި ލެބޯޓްރީ ޓެކްނީޝަންގެ މައްސަލައަކުން ކަމަށެވެ. އެހެން ނަމަވެސް ހެލްތް މިނިސްޓަރުގެ ހައިސިއްޔަތުން އެކަމުގެ ޒިންމާ ފުރިހަމަ އަށް ނަންގަވާ ކަަމށް އެކަމަނާ ވިދާޅުވި އެވެ.
ޝަކީލާ ވިދާޅުވީ އެ މައްސަލައާއި ގުޅިގެން އެއްވެސް ކަމެއް ސިއްރުކޮށްފައި ނުވާނެ ކަމަށާއި އަދި ރާއްޖޭގެ ސިއްހީ ދާއިރާގެ ހާލަތަކީ ރާއްޖޭގެ ހުރިހައި ރައްޔިތުންނަށް އެނގެން ޖެހޭ ކަމެއް ކަމަށް އެކަމަނާ ވިދާޅުވި އެވެ.
ޑރ ޝަކީލާ ވިދާޅުވީ ބޭރުގެ އެހީއާއެކު މެޑިކަލް އެކިއެކި އިކިއުޕްމަންޓާއި ޑޮކްޓަރުން ލިބޭނެ މަގު ތަނަވެސް ވެފައިވާ ކަމަށެވެ. އެހެން ނަމަވެސް ދައުލަތުން ސިއްހީ ދާއިރާ އަށް ކަނޑައަޅާފައިވާ ބަޖެޓާމެދު ކަންބޮޑުވެވަޑައިގެން، ސިއްހީ ދާއިރާގައި ހުރި މައްސަލަތައް ޝަކީލާ ވަނީ ކޮމެޓީއާ ހިއްސާ ކުރައްވާފަ އެވެ.
"އަޅުގަނޑު ރިޒައިން ކުރުމަކުން މައްސަލައެއް ހައްލުވީއަކީ ނޫން. އަޅުގަނޑުމެން ނުވަ ބިލިއަން ހުށަހެޅީމާ ލިބުނީ ދެ ބިލިއަން ރުފިޔާ ސިއްހީ ދާއިރާއަށް ލިބުނީ،" ޑރ. ޝަކީލާ ވިދާޅުވި އެވެ.