28 Feb 2014, 20:09
މާބަނޑު އަންހެނެއްގެ ގަޔަށް އެޗްއައިވީ ޕޮޒިޓިވް ލޭ އެޅުމުގައި އިހްމާލުވި މައްސަލާގައި ހައްޔަރު ކުރި އިންޑިއާގެ ލެބް ޓެކްނީޝަންގެ ވަނަވަރު ހާމަވެއްޖެ އެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި އެޗްއައިވީ ޕޮޒިޓިވް ލޭ މީހެއްގެ ގަޔަށް އެޅި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އިންޑިއާގެ ކެރެލާ އަށް އުފަން ރާޖޭޝް ކަކަންތު ބަސްކަރަން، 32، އެވެ. ފުލުހުން އޭނާ ރޭ ހައްޔަރު ކުރުމަށްފަހު، ތަހުގީގު ކުރިއަށް ގެންދިއުމަށްޓަކައި އޭނާ ބަންދުގެ މުއްދަތު އިތުރު ކުރުމަށް މިރޭ ކޯޓަށް ގެންދިޔަ އެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހުމަދު މުހައްމަދު މަނިކު ވިދާޅުވީ އެޗްއައިވީ ލޭ މާބަނޑު އަންހެނެއްގެ ގަޔަށް އެޅި ކަމަށް ތުހުމަތު ކުރޭ ލެބް ޓެކްނީޝަންގެ ބަންދަށް ހަތް ދުވަސް ކޯޓުން މިރޭ ޖަހައިދީފައިވާ ކަމަށެވެ.
އައިޖީއެމްއެޗުގެ ޑެޕިއުޓީ ސީއީއޯ ޑރ. މުހައްމަދު ހަބީބު ވިދާޅުވި ގޮތުގައި ރާޖޭޝް އިހްމާލުވެފައި ވަނީ ލޭ ހަދިޔާ ކުރި މީހާގެ ލެޔަކީ އެޗްއައިވީއަށް ޕޮޒިޓިވް ލެއެއް ކަމަށް އައިޖީއެމްއެޗްގެ ލެބޯޓަރީގެ ލޭ ޓެސްޓު ކުރާ މެޝިނުން ދެއްކުމުން ވެސް އެ ލެޔަކީ އެޗްއައިވީ ނެގެޓިވް ލެއެއް ކަމަށް ރިޕޯޓުގައި ލިޔެފައިވުމުންނެވެ.
މަޖިލީހުގެ ކޮމެޓީއެއްގައި ވާހަކަފުޅު ދައްކަވަމުން ހަބީބު ވިދާޅުވީ މާބަނޑު އަންހެން މީހާގެ ގަޔަށް އެޗްއައިވީ ލޭ އެޅި ދުވަހު ލެބް ޓެކްނީޝަން ކުއްލި ގޮތަކަށް އިންޑީއާއަށް ފުރައިގެން ދިޔަ ކަމަށާއި އެނބުރި ރާއްޖެ އައީ ދެ ދުވަސް ފަހުން ކަމަށެވެ. އަދި އޭނާ ރާއްޖެއިން ބޭރަށް ފުރައިގެން ދިޔައީ އަމިއްލަ ބޭނުމެއްގައި ކަމަށް ހަބީބު ވިދާޅުވި އެވެ.
އެޗްއައިވީ ލޭ މާބަނޑު އަންހެނެއްގެ ގަޔަށް އެޅުނީ އަމިއްލަ އިހްމާލުން ކަމަށް ރަޖޭޝް އެއްބަސްވެފައިވާ ކަމަށް ހަބީބު ވިދާޅުވި އެވެ. ނަމަވެސް އެއީ ގަސްތުގައި ކުރި ކަމެއް ކަމަށް އޭނާ އެއްބަސްވެފައި ނުވާ ކަމަށް ހަބީބު ވަނީ ވިދާޅުވެފަ އެވެ.
ހަބީބު ވިދާޅުވި ގޮތުގައި ފުލުހުންގެ ތަހުގީގަށް އޭނާ ހައްޔަރު ކުރީ ރޭގެ ވަގުތެއްގަ އެވެ.