28 Feb 2014, 19:06
އަންނަ މަހު 22 ގައި ބާއްވާ މަޖިލިސް އިންތިހާބުގައި، ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށް 45،000 އަށްވުރެ ގިނަ މީހުން ރީ ރެޖިސްޓްރީ ކޮށްފައިވާ ކަމަށް އެ އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އިލެކްޝަން ކޮމިޝަންގެ ބިޔުރޯގެ ޑިރެކްޓަރު ޖެނަރަލް އަދި މީޑިއާ ކޯޑިނޭޓަރު މުހައްމަދު ޝަކީލް "ސަން" އަށް ވިދާޅުވީ ރަށްވެހިވެފައިވާ ރަށް ނޫން އެހެންތަނެއްގައި ވޯޓް ލުމަށް ބޭނުންވާ ފަރާތްތަކުން ރެޖިސްޓްރީ ކުރުމަށް މިމަހުގެ 18 ވަނަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ހުޅުވާލި ފުރުސަތުގައި މިހާތަނަށް ޖުމްލަ 45726 މީހުން ރެޖިސްޓްރީ ކޮށްފައިވާ ކަމަށެވެ.
ރީ ރެޖިސްޓްރީ ކުރުމުގެ ސުންގަޑި ހަމަވާނީ މިރޭ 12:00 އަށެވެ. ރެޖިސްްޓްރީވުމުގެ ފުރުސަތު ބަންދުކުރާ ގޮތަށް ކުރިން ހަމަޖައްސާފައި އޮތީ މިރޭ 10:00 އަށެވެ. ނަމަވެސް ފަހުން ވަނީ އިތުރު ދެ ގަޑިއިރުގެ މުހުލަތެއް ދީފަ އެވެ.
މަޖިލިސް އިންތިހާބުގައި ވޯޓުލުމަށް ރެޖިސްޓްރީ ކުރުމަށްޓަކައި، ރެޖިސްޓްރޭޝަނާ ބެހޭ މައިމަރުކަޒު ކުރީގެ ގޯޑައުން ހިންގި އިމާރާތް ހިމެނޭ ސަރަހައްދަށް މިއަދު އިރުއޮއްސުމާއެކު ގިނަ ބަޔަކު ވަނީ ޖަމާވެ، ކިޔު ހަދާފަ އެވެ.
އިލެކްޝަން ކޮމިޝަނުން ބުނީ މީގެ ކުރިން ބޭއްވި އިންތިހާބަކަށް ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރެޖިސްޓްކުރި ނަމަވެސް މަޖިލިސް އިންތިހާބަށް އަލުން ރެޖިސްޓްރީ ކުރަން ޖެހޭނެ ކަމަށެވެ.
އަންނަ މާޗް މަހު ބާއްވާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 240،000 އަށް ވުރެ ގިނަ މީހުން ވޯޓުލުމަށް ޝަރުތު ހަމަވާއިރު އެ އިންތިހާބުގައި މުޅި ޖުމްލަ 302 ކެންޑިޑޭޓުން ވާދަ ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަން އިން ވަނީ ބުނެފަ އެވެ.