ތިން މީހެއްގެ ޑީއެންއޭއާއެކު ކުއްޖަކު އުފަން ކުރުމުގެ މަސައްކަތް އިނގިރޭސީ ވިލާތުގައި ފަށައިފި އެވެ.

ތިން މީހެއްގެ ޑީއެންއޭއާއެކު ކުއްޖެއް ހޯދުމުގެ ނިޒާމް އިނގިރޭސި ސައިންޓިސްޓުން ހޯދާފައިވީ ނަމަވެސް އެ ގައުމުގެ ގާނޫނުގައިވާ ގޮތުން އެއީ ހުއްދަ ކަމެއް ނޫނެވެ. ނަމަވެސް މިހާރު އިނގިރޭސި މިނިސްޓަރުންގެ ހިޔާލު ބަދަލުކޮށް، އެ ކަމަށް ބޭނުންވާ ގާނޫނީ ޑްރާފްޓް އެކުލަވާލުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. އެ ގާނޫނު އަދި ތަސްދީގެއް ނުކުރެ އެވެ. އެ ގާނޫނުގެ ދަށުން ތިން މީހެއްގެ ޑީއެންއޭއާއެކު އިންސާނަކު އުފަން ކުރުމަށް ހުއްދަ ލިބޭނެތީ، އަންނަ އަހަރު އެފަދަ ކުއްޖަކު ދުނިޔެއަށް އުފަން ކުރުމުގެ މަސައްކަތް އެ ގައުމުން ވަނީ ފަށާފަ އެވެ.

މި ނިޒާމުގެ ދަށުން ކުދިން ވިހާ އިރު ހުންނަ ހިތުގެ ބަލި ފަދަ ބަލިތައް ނުހުންނާނެ ކަމަށް ސައިންސްވެރިންގެ ޓެސްޓުތަކުން ދައްކަ އެވެ. މި ނިޒާމް ހިނގާނީ ބަލިކަށި ޑީއެންއޭ ހުންނަ އަންހެނެއްގެ ބިހަށް ސިއްހީ ހާލަތު ރަނގަޅު ޑީއެންއޭ އެއް ލައިގެންނެވެ. ތިން މީހެއްގެ ޑީއެންއޭ އާ އެކު އަންހެނެއްގެ ރަހިމްތެރޭގައި ދަރި އުފައްދައި، ދުނިޔެއަށް އުފަންކޮށްފިނަމަ، އެ ކުއްޖާ ވެގެންދާނީ ދުނިޔޭގައި އެގޮތަށް ހޯދުނު ފުރަތަމަ ކުއްޖާއަށެވެ.

"މިކަމަކީ ހުރިހާ ޔޫރަޕް ގައުމުތަކުން މަނާ ކޮށްފައިވާ ކަމެއް،" ހިއުމަން ޖެނެޓިކްސް އެލާޓްގެ ޑިރެކްޓަރު ޑރ. ޑޭވިޑް ކިންގް ބުންޏެވެ. "އަދި ޓެކްނިކަލް ހުރިހާ ޓެސްޓެއް ނުނިމޭ، މިކަމުގެ ގާނޫނު ޑްރާފްޓްކޮށް ނިމި ހުއްދަ ލިބޭން ވާއިރަށް ހުރިހާ ޓެސްޓްތަކެއް ވެސް ނިމޭނެ. މި ނިޒާމުގެ ދަށުން ކުއްޖަކު އުފަން ކުރެވިއްޖެނަމަ، ބަލި ހުންނަ ކުދިން މަދުކުރެވޭނެ،"

ތިން މީހެއްގެ ޑީއެންއޭއާ އެކު ކުއްޖެއް ހޯދުމުގެ ހުއްދަ ދޭ ގޮތަށް ގާނޫނު ތައްޔާރު ކުރަން އިނގިރޭސި ސަރުކާރުން މަސައްކަތް ކުރާތީ، ގިނަ ސިއްހީ ތަޖުރިބާކާރުންނާއި ސައިންޓިސްޓުން އެކަމަށް ތައުރީފްކޮށްފައިވެ އެވެ.