ސައުދީ އަރަބިއްޔާގެ ކްރައުން ޕްރިންސް ސަލްމާން ބިން އަބުދުއް އަޒީރު އަލް ސައުދު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި އެވެ.

އެމަނިކުފާނަށް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ ރައީސުލުޖްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމެވެ. އެމަނިކުފާނު މާލެ ވަޑައިގަތުމުން ޖުމްހޫރީ މައިދާނުން އެމަނިކުފާނަށް ރަތްދޫލައިގެ މަރުހަބާއެއް ދެންނެވިއެވެ. އަދި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް( އެމްއެންޑީއެފް) އިން އެ މަނިކުފާނަށް ހަތް ބަޑީގެ ސަލާމެއް އެރުވިއެވެ. އަދި ދެގައުމުގެ ގައުމީ ސަލާމް އެމްއެންޑީއެފްގެ ބޭންޑުން ކުޅުނެވެ.

ޖުމްހޫރީ މައިދާނުން ސަލްމާނަށް މަރުހަބާ ވިދާޅުވީ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދާއި ވަޒީރުންނެވެ.

ސަލްމާންގެ ދަތުރުފުޅުގައި ރާއްޖޭގެ ބަޖެޓަށް ދިމާވެފައިވާ ތާށިކަން ހައްލުކުރުމަށް ސައުދީ އަރަބިއްޔާ އިން ހޯދުމަށް އެދިފައިވާ 300 މިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީއާ ބެހޭ ގޮތުން މަޝްރާކުރައްވަން ނިންމަވާފައިވެ އެވެ.

ސަލްމާން ރާއްޖެ އަށް ކުރައްވާ ދަތުރުފުޅުގައި ރާއްޖޭގެ ބަޖެޓް ސަޕޯޓަކަށް ބޭނުންވާ ލޯން އެހީގެ މަޝްވަރާތަކުގެ އިތުރުން ޓޫރިޒަމާއި ހަކަތަ އާއި ދަތުރުފަތުރުގެ ދާއިރާގެ އިތުރުން ދީނީ ގޮތުން ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ގުޅުން ހަރުދަނާ ކުރުމާ ބެހޭ ގޮތުން ވާހަކަ ދައްކަވާނެ އެވެ.

ރާއްޖޭގެ ބަޖެޓަށް ދިމާވެފައިވާ ތާށިކަން ހައްލުކުރުމަށް ޓަކައި ސައުދީ ސަރުކާރުގައި 300 މިލިއަން ޑޮލަރުގެ ލުއި ލޯނެއް ހޯދުމުގެ މަޝްވަރާތައް އެންމެ ފުރަތަމަ ކޮށްފައި ވަނީ ކުރީގެ ރައީސް މުހައްމަދު ވަހީދު ސަރުކާރުގައި އެ ގައުމަށް ކުރެއްވި ދަތުރުފުޅެއްގަ އެވެ.