ދިމިޝްގު (ފެބްރުއަރީ 28) : ސޫރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގާ ހިސާރުކޮށްފައިވާ ފަލަސްތީނުގެ އަލްޔަރްމޫކް ރެފިއުޖީ އަވަށުގެ ރެފިއުޖީންނަށް މިހާތަނަށް ފޯރުކޮށްދެވިފައިވާ ކާބޯތަކެތީގެ އެހީތަކަކީ މާ ކުޑަމިންވަރެއްގެ އެހީތަކެއް ކަމަށާއި އެ އަވަށުގެ އެތައް ހާސްބަޔަކު އަދިވެސް ހައިހޫނުކަން ތަހައްމަލް ކުރަމުން ކަމަށް އދ. ން ބުނެފި އެވެ.

ފަލަސްތީނުގެ ރެފިއުޖީންނަށް ޚާއްސަކޮށްގެން އދ. ން އުފައްދާފައިވާ އޮނަރުވާ ޖަމާއަތުން ބުނީ ދިމިޝްގުގެ ދެކުނުގައި ހުންނަ 36 ހާސް ރެފިއުޖީން ތާށިވެފައިވާ އަލްޔަރްމޫކް އަވަށުގެ ރެފިއުޖީން، ބަލިމަޑުކަމާއި ހައިހޫނުކަން ތަހައްމަލް ކުރަމުންގެންދާ އިރު އެމީހުންނަށް ފޯރުކޮށްދެވިފައިވާ ކާބޯތަކެތީގެ މިންވަރަކީ ކަނޑަށް ފެންތިއްކެއް ޖެހުންފަދަ މިންވަރެއް ކަމުގަ އެވެ.

މިދިޔަ ޖަނަވަރީ މަހުގެ 17 ވަނަ ދުވަހުން ފެށިގެން މިހާތަނަށް އޮނަރުވާ ޖަމާއަތުން ވަނީ ސޫރިޔާ ސިފައިންގެ ހިސާރުގެ ދަށުގައިވާ އަލްޔަރްމޫކް ރެފިއުޖީ އަވަށަށް ކާބޯތަކެތީގެ ބޮޑެތި ޕާރުސަލްގެ 7500 ޕާރުސަލް ފޯރުކޮށްދީފަ އެވެ. މިއިން ކޮންމެ ޕާރުސަލެއްގައި އަށް މީހުންގެ އާއިލާއަކަށް 10 ދުވަހަށް ފުދޭ މިންވަރަށް ކާބޯތަކެތި ހުރި ނަމަވެސް 36 ހާހަށް ވުރެ ގިނަ ރެފިއުޖީންގެ ހައިހޫނުކަން ފިލުވުމަށް މިއީ ފުދޭވަރާ ގާތްކުރާ މިންވަރެއް ވެސް ނޫން ކަމަށް އެޖަމާއަތުން ބުނެއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ދިމިޝްގުގެ ދެކުނުގައި ހުންނަ ފަލަސްތީނުގެ އަލްޔަރްމޫކް ރެފިއުޖީ އަވަށުގައި ފަލަސްތީނުގެ 18 ހާސް ރެފިއުޖީންނާއި ސޫރިޔާގެ 18 ހާހެއްހާ ރެފިއުޖީން ދިރިއުޅެމުން ދަނީ އިންސާނީ ބޮޑުމުސީބާތަކާއި ގިލަންވެރިކަމެއްގެ ތެރޭގަ އެވެ.

ހަނގުރާމައިގެ ސަބަބުން އެއަވަށުގެ ގެތަކާއި ފެނާއި ނަރުދަމާގެ ނިޒާމް އެއްކޮށް ހަލާކުވެފައިވާއިރު ރެފިއުޖީންނަށް އެތަނުން ނުކުމެވޭނެ ގޮތެއްވެސް އަދި ކާބޯތަކެއްޗާއި ބޭސް ފަރުވާލިބޭނެ ގޮތެއްވެސް ނެތެވެ. އެ އަވަށުގައި ކާބޯތަކެތި ނެތުމުގެ ސަބަބުން ގިނަބަޔަކު ހައިހޫނުކަން ތަހައްމަލް ކުރަމުން ގެންދާތާ ހައެއްކަ މަސްވެފައިވަނިކޮށް މިދިޔަ ޖަނަވަރީމަހުގެ ކުރީކޮޅު އޭގެ ތެރެއިން 100 އަށް ވުރ ގިނަމީހުން ވަނީ ބަނޑަށް މަރުވެފަ އެވެ. ބަނޑަށް މަރުވި މީހުންގެ ތެރެއިން ގިނަ މީހުންނަކީ ކުޑަކުދިން ކަމަށް ޚަބަރުތައް ބުނެ އެވެ. އަލްޔަރްމޫކު ރެފިއުޖީ އަވަށުގެ މީހުން ދިރިއުޅޭ ފަލަސްތީނާއި ސޫރިޔާގެ ރެފިއުޖީންގެ ހާލަތުވަނީ އެޙާލަތު ފެންނަކޮންމެ މީހެއްގެ ހިތް ފަޅައިގެންދާ ފަދަ ހިތްދަތި ހާލަތެއްގައި ކަމަށް ޚަބަރުތައް ބުނެ އެވެ.

އަލްޔަރްމޫކު އަވަށުގެ ރެފިއުޖީން ދިރިއުޅެން ޖެހިފައިވާ އިންސާނީ މުސާބާތާއި ގިލަންވެރިކަމުގެ ޙާލަތު ދުނިޔެއަށް ހާމަވެފައި ވަނީ މި 100 މީހުން މަރުވުމާ ގުޅިގެންނެވެ. މިއާ އެކު އެއަވަށާ ދެކޮޅަށް ސޫރިޔާ ސިފައިން އަޅާފައިވާ ހިސާރުގެ ފިޔަވަޅުތައް ލުއިކޮށް އެއަވަށަށް ކާބޯތަކެތި ވެއްދޭތޯ އދ. ން ކުރިމަސައްކަތުގެ ދަށުން ވަގުތީގޮތުން އެތައް ބައެއްގެ ފުރާނަ ސަލާމަތް ކުރެވުނު ނަމަވެސް އެމީހުންގެ ވޭނާއި ކެކުޅުންތަކަށް ކުޑަވެސް ނިމުމެއްނެތެވެ. އަލްޔަރްމޫކު ރެފިއުޖީ އަވަށާ ދެކޮޅަށް ސޫރިޔާ ސިފައިން އަޅާފައިވާ ހިސާރުގެ ފިޔަވަޅުތަކަށް ލުއިދީފައި ވަނީ އެއަވަށުގައި ފިލައިގެންތިބި ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިން އދ. ގެ މަސައްކަތާއެކު އެތަނުން ނުކުތުމުގެ ސަބަބުންނެވެ.

މިގޮތުން ހައިހޫނުކަމުގެ ސަބަބުން އެއްބަޔަކު ލަސްމަރެއްގައި މަރުވަމުންދާ އިރު އަނެއްބަޔަކު ބަލިތަކުގެ ޝިކާރައަކަށްވެ ހަނާވަމުންދާ ކަމަށް އދ. ން ބުނެ އެވެ. ހައިހޫނުކަން ތަހައްމަލް ކުރަމުން ގެންދާ އަލްޔަރްމޫކު ރެފިއުޖީ އަވަށުގެ މީހުންގެ މޫނުމަތިން ފެންނަމުން ދަނީ މާޔޫސްކަމާއި ހިތާމަ އެވެ. އެމީހުންގެ ލޮލުން ފައިބަމުން ލޭ ކަރުނަކަމަށާ އެމީހުންގެ ހާލަތު ފެންނަ ކޮންމެ މީހެއްގެ ލަގޮނޑި ފަޅައިގެންދާ ވަރުވާ ކަމަށް މުރާސިލުން ސިފަކުރެ އެވެ.(އަލްޖަޒީރާ)