ޗައިނާއާއި ޕާކިސްތާނުން 14 ބިލިޔަން އެމެރިކާ ޑޮލަރުގެ އިޤްތިސާދީ އަދި ވިޔަފާރީގެ އެއްބަސްވުންތަކެއްގައި ސޮއިކޮށްފިއެވެ. މިއެއްބަސްވުންތަކުގައި ދެޤައުމުގެ މަސްއޫލުވެރިން ސޮއިކުރެއްވީ ޗައިނާގެ ބޮޑުވަޒީރު ވިންޖިޔާބާއޮ އިސްލާމް އާބާދަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައެވެ. ޕާކިސްތާނުގެ އިންފޮރމޭޝަން މިނިސްޓަރ ޤަމަރުއްޒަމާން ކައިރާ ވިދާޅުވީ މި 14 ބިލިޔަން ޑޮލަރުގެ އެއްބަސްވުންތަކުގެ އިތުރުން ދެޤައުމުގެ ކުންފުނިތަކުގެ ދެމެދުގައި އިތުރު ދިހަ ބިލިޔަން އެމެރިކާ ޑޮލަރުގެ އެއްބަސްވުންތަކެއްގައި ސޮއިކުރުމަށްވެސް ދަނީ ތައްޔާރުވަމުން ކަމުގައެވެ. ޗައިނާއާއި ޕާކިސްތާނުގެ މަސްއޫލުވެރިން އިއްޔެ ސޮއިކުރެއްވި 14 ބިލިޔަން އެމެރިކާ ޑޮލަރުގެ އެއްބަސްވުންތަކުގެ ތެރޭގައި ޗައިނާއިން ޕާކިސްތާނަށް ދޭ 229 މިލިޔަން އެމެރިކާ ޑޮލަރުގެ ހިލޭ އެހީގެ އެއްބަސްވުމަކާއި ދިގުމުއްދަތަކުން ދައްކާގޮތަށް ޗައިނާއިން ޕާކިސްތާނަށް ދޭ ހަތަރުސަތޭކަ މިލިޔަން އެމެރިކާ ޑޮލަރުގެ ލޯން އެއްބަސްވުމެއްވެސް ހިމެނެއެވެ. މިއީ ދާދިފަހުން ޕާކިސްތާނަށް ކުރިމަތިވި ފެންބޮޑުވުމުގެ ކާރިޘާގައި ލިބުނު ގެއްލުންތައް ފޫބެއްދުމުގެ ގޮތުން ޗައިނާއިން ދޭ އެހީތަކެކެވެ. ޗައިނާއާއި ޕާކިސްތާނުން ސޮއިކުރި މި 14 އެއްބަސްވުންތަކުގެ ތެރޭގައި ގިނައީ އިންފްރާސްޓްރަކްޗަރއާބެހޭ އެއްބަސްވުންތަކާއި ސިނާޢަތާއި ދަނޑުވެރިކަމާއި އެނޫންވެސް އުފެއްދުންތެރިކަން އިތުރުކުރުމާބެހޭ އެއްބަސްވުންތަކެވެ. މިއެއްބަސްވުންތަކުގެ ދަށުން އިންފްރާސްޓްރަކްޗަރާއި ހަކަތައާއި ދަނޑުވެރިކަމާއި ސިނާއަތާއި ޓެކްނޮލޮޖީއާބެހޭ ބޮޑު 36 މަޝްރޫޢެއް ތަންފީޒުކުރެވޭނެ ކަމަށް ޕާކިސްތާނުގެ އިންފޮރމޭޝަން މިނިސްޓަރ ވިދާޅުވިއެވެ. ޕާކިސްތާނަކީ އިލެކްޓްރިކް ކަރަންޓްގެ ދާއިރާގައި ވަރަށްބޮޑު އިންވެސްޓްމަންޓްތަކެއް ބޭނުންވެފައިވާ ޤައުމެކެވެ. ތަފާސްހިސާބުތައް ދައްކާގޮތުން ޕާކިސްތާނަށް ބޭނުންވާ ކަރަންޓްގެ ތެރެއިން އެޤައުމަށް އުފެއްދެނީ އެންމެ 70 އިންސައްތަ ކަރަންޓެވެ. މިމައްސަލަ ޙައްލުކުރުމަށްޓަކައި ނިއުކްލިޔަރ ހަކަތައިން ކަރަންޓް އުފައްދުމަށްޓަކައި އެއްހާސް މެގަވޯޓުުގެ ނިއުކްލިޔަރ ރިއެކްޓަރެއް ބިނާކުރުމުގައި އެހީވުމަށް ޗައިނާ ނިންމާފައިވާ ކަމަށްވެސް ޕާކިސްތާނުގެ އިންފޮރމޭޝަން މިނިސްޓަރ ވިދާޅުވިއެވެ. މީގެއިތުރުން ކުރިޔަށް އޮތް ފަސްއަހަރުތެރޭގައި ހިންގުމަށް ޕާކިސްތާނުން ރާވާފައިވާ ޤައުމީ ތަރައްޤީގެ 36 މަޝްރޫޢަކަށް މާލީގޮތުންނާއި ފަންނީގޮތުން އެހީދިނުމަށް ޗައިނާ ނިންމާފައިވާ ކަމަށްވެސް ޕާކިސްތާނުގެ މިނިސްޓަރ ވިދާޅުވިއެވެ. ޗައިނާގެ ބޮޑުވަޒީރު ޕާކިސްތާނަށް ވަޑައިގެންނެވީ އިންޑިޔާއަށް ކުރެއްވި ތިންދުވަހުގެ ދަތުރުފުޅެއް ނިންމަވާލެއްވުމަށްފަހުގައެވެ. މިދަތުރުފުޅުގައި 16 ބިލިޔަން އެމެރިކާ ޑޮލަރުގެ އެއްބަސްވުންތަކެއްގައި ދެޤައުމުން ސޮއިކޮށްފައިވެއެވެ.