ޔޫރޮޕާ ލީގު ދެވަނަ ބުރުގެ ދެވަނަ ލެގުގައި އިނގިރޭސި ކްލަބު ސްވަންސީ ސިޓީ ބަލިކޮށް، އިޓަލީގެ ނަޕޯލީ ގަދަ ސޯޅަ އަށް ދަތުރުކުރި އިރު، އިޓަލީގެ ލާޒިއޯ މުބާރާތުން ކަޓައިފި އެވެ.

އަމިއްލަ ދަނޑުގައި ރޭ ސްވަންސީ އާއި ދެކޮޅަށް ކުޅެ ނަޕޯލީ ގަދަ ސޯޅަ އަށް ދަތުރުކުރީ ގޮންޒާލޯ ހިގައިން އާއި ލޮރެންޒޯ ގޯކަން އިންލާ ކާމިޔާބުބ ކޮށްދިން ދެ ލަނޑާ އެކު އެވެ. 3-1 ލަނޑުން ނަޕޯލީ މޮޅުވި އިރު، މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑް ނެގީ ވެސް ނަޕޯލީ އިން ނެވެ. ލޮރެންޒޯ އިންސިގްނޭ ނަޕޯލީ އަށް ލީޑު ނަގައިދިން ނަމަވެސް ޖޮނަތަން ޑި ގުޒްމަން ސްވަންސީ އަށް ނަތީޖާ ހަމަހަމަކޮށްދިނެވެ.

ނަޕޯލީގެ ފުރަތަމަ ލަނޑު މެޗުގެ 17 ވަނަ މިނެޓުގައި އިންސިގްނޭ ކާމިޔާބު ކޮށްދިން އިރު، ސްވަންސީ އަށް ގުޒްމަން ނަތީޖާ ހަމަހަމަކޮށްދިނީ މެޗުގެ 30 ވަނަ މިނެޓުގަ އެވެ. ނަޕޯލީގެ ދެވަނަ ލަނޑު ހިގުއައިން ކާމިޔާބު ކޮށްދިނީ މެޗުގެ 78 ވަނަ މިނެޓުގަ އެވެ. އަދި އެ ޓީމުގެ ތިންވަނަ ލަނޑު އިންލާ ކާމިޔާބުކުރީ މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުގަ އެވެ.

ލާޒިއޯ މުބާރާތުން ކެޓީ ބަލްގޭރިއާގެ ލުޑޮގޮރެޓްސް ރަޒްގްރެޑް އަތުން އެގްރިގޭޓުން ބަލިވެގެންނެވެ. ލާޒިއޯ އާއި ލުޑޮގޮރެޓްސް ރޭ ބައްދަލުކުރި މެޗު އެއްވަރު ވެގެން ނިމުނު ނަމަވެސް، ލާޒިއޯ ކެޓީ އަމިއްލަ ދަނޑުގައި ލުޑޮގޮރެޓްސް އަތުން ބަލިވުމުންނެވެ. އެގްރިގޭޓުން ލާޒިއޯ ކެޓީ 4-3 ލަނޑުންނެވެ.

މެޗުގެ ފުރަތަމަ މިނެޓްގައި ލާޒިއޯ އަށް ކޭޓާ ލީޑު ނަގައިދިން އިރު، 54 ވަނަ މިނެޓްގައި އެ ޓީމަށް ލީޑު ފުޅާކޮށްދިނީ ބްރަޔަން ޕެރޭ އެވެ. މެޗުގެ 67 ވަނަ މިނެޓުގައި ރޯމަން ބެޒްޖަކް ލުޑޮގޮރެޓްސްގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރި އިރު، 78 ވަނަ މިނެޓުގައި އެ ޓީމުގެ ދެވަނަ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްދިނީ ހުރިސްޓޯ ޒްލަޓިންސްކީ އެވެ. މެޗުގެ 83 ވަނަ މިނެޓްގައި ލާޒިއޯ އަށް އެ ޓީމުގެ ޖަރުމަން ފޯވަޑް މިރޮސްލާވް ކްލޯސެ އަލުން ލީޑު ހޯދައިދިން ނަމަވެސް މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ޖުނީނިއޯ ވަނީ ލުޑޮގޮރެޓްސް އަށް އަނެއްކާ ވެސް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.

ސްލޮވީނިއާގެ އެންކޭ މަރިބޯ އަތުން 2-1 ލަނޑުން މޮޅުވެ، 4-3 ލަނޑުގެ އެގްރިގޭޓަކުން ސްޕެއިންގެ ސެވިއްޔާ ވަނީ ގަދަ ސޯޅަ އަށް ދަތުރުކޮށްފަ އެވެ. 5-5 ލަނޑުގެ އެގްރިގޭޓަކުން ޖަރުމަނުގެ އެންޓްރަޗް ފްރެންކްފާޓް އަތުން ޕޯޗުގަލްގެ އެފްސީ ޕޯޓޯ އެއްވަރުވި ނަމަވެސް އަވޭ ތިން ގޯލާއެކު ޕޯޓޯ ވަނީ ގަދަ ސޯޅަ އަށް ދަތުރުކޮށްފަ އެވެ.

އޮސްޓްރިއާގެ ސަލްޒްބާގް އަތުން 3-1 ލަނޑުން ބަލިވެ، 6-1 ލަނޑުގެ އެގްރިގޭޓަކުން ނެދަލޭންޑްސްގެ އަޔެކްސް ވަނީ މުބާރާތުން ކަޓައިފަ އެވެ. ރުބިން ކަޒާން އަތުން މޮޅުވެ 3-1 ލަނޑުގެ އެގްރިގޭޓަކާ އެކު ރެއާލް ބެޓިސް ގަދަ ސޯޅަ އަށް ދަތުރުކުރި އިރު، އިސްރާއީލުގެ މަކާބީ ޓެލް އަވިވް އަތުން މޮޅުވެ 3-0 ލަނޑުގެ އެގްރިގޭޓަކުން ސިވިޒަލޭންޑްގެ އެފްސީ ބާސެލް ވަނީ ގަދަ ސޯޅަ އިން ޖާގަ ހޯދައިފަ އެވެ.