އާ ދައުރަކަށް އިންތިހާބުވެ، މަގާމުގެ ހުވާ ކުރެއްވި 11 ކައުންސިލަރުންގެ މައްޗަށް އެކުލެވޭ މާލޭ ސިޓީ ކައުންސިލަކުން ޖެއްސުން ނުކުރާނެ ކަމަށާއި، ކައުންސިލްގެ އަމާޒަކީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުރިހަމަ ހިދުމަތްތަކެއް ދިނުން ކަމަށް މާލޭގެ އާ މޭޔަރު މުހައްމަދު ޝިހާބު ވިދާޅުވެއްޖެ އެވެ.

އާ ދައުރަކަށް ހޮއްވެވި މާލޭ ސިޓީ ކައުންސިލް މެމްބަރުން ހުވާ ކުރެއްވުމަށްފަހު ބޭއްވި ކައުންސިލްގެ ފުރަތަަމަ ބައްދަލުވުމަށްފަހު، "ސަން" އިން ކުރި ސުވާލެއްގެ ޖަވާބުގައި ޝިހާބު ވިދާޅުވީ އެއްވެސް ކައުންސިލަކުން ރައްޔިތުންނަށް ޖެއްސުން ނުކުރާނެ ކަމަށާއި މިދިޔަ ކައުންސިލުން ވެސް މަސައްކަތްކޮށްފައި ވަނީ ރައްޔިތުންނަށް ހިދުމަތް ދިނުމަށް ކަމަށެވެ. އަދި މާލޭ ސިޓީ ކައުންސިލް އާ މެމްބަރުންގެ އަމާޒަކީ ވެސް ރައްޔިތުން ހިންތިހާބުކޮށްފައިވާ މަންދޫބުންގެ ހައިސިއްޔަތުން، ރައްޔިތުންނަށް ހިދުމަތްކޮށްދިނުން ކަމަށް ޝިހާބު ވިދާޅުވި އެވެ.

ކުރީގެ ސިޓީ ކައުންސިލަށް، ސަރުކާރުން ފިއްތުންތައް ކުރިމަތިކޮށް، ކައުންސިލުން ބޭނުންވާ ހުއްދަތަށް ސަރުކާރުން ހިފަހައްޓާފައި ވާތީ، އެފަދަ މައްސަލައެއް އާ ކައުންސިލަށް ދިމާވެއްޖެނަމަ ސަރުކާރާ މަޝްވަރާ ކުރައްވާނެތޯ ޝިހާބަށް ސުވާލު ދެންނެވުމުން ވިދާޅުވީ ކައުންސިލުން އަމަލު ކުރަޖެހޭ ގޮތުން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ބުނެފައިވާ ކަމަށެވެ.

އަލަށް އިންތިހާބުވި ސިޓީ ކައުންސިލްގެ 11 މެމްބަރުންގެ ތެރެއިން ތިން މެމްބަރުންނަކީ ޕީޕީއެމް ކައުންސިލަރުންނެވެ. އަނެއް އަށް ކައުންސިލަރުންނާއެކު ސިޓީގެ މެޖޯރިޓީ ލިބެނީ އެމްޑީޕީއަށެވެ.

މާލޭ ސިޓީ ކައުންސިލްގައި ހިމެނޭ ހުޅުހެންވޭރު ދާއިރާގެ މެމްބަރު މުހައްމަދު ސާޖިދު ވިދާޅުވީ ޕީޕީއެމް ކައުންސިލަރުންގެ ފިކުރަކީ އެމްޑީޕީގެ ކައުންސިލަރުންނާއެކު ވެސް އެއް އަމާޒެއްގައި މަސައްކަތް ކުރުން ކަމަށެވެ. އަދި ީމާލޭ ސިޓީ ކައުންސިލަށް ޕީޕީއެމްގެ ކައުންސިލަރުންގެ އެއްބާރުލުން ލިބޭނެ ކަމަށާއި ނަމަވެސް ހަމަމަގުން ނެއްޓޭހިސާބުން ކުރަންޖެހޭ ކަމެއް ކުރާނެ ކަމަށް ސާޖިދު ވިދާޅުވި އެވެ.

މާލޭ ސިޓީ ކައުންސިލްގައި ހިމެނޭ 11 ކައުންސިލަރުންނަކީ ހުޅުހެންވޭރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސާޖިދު އާއި މެދުހެންވޭރު ދާއިރާގެ މެމްބަރު ޒައިދުލް އަމީން އާއި ހެންވޭރު ދެކުނު ކައުންސިލަރު އިބްރާހިމް ނިމާލާއި ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު އަދި ކުރީގެ އެޑިޔުކޭޝަން މިނިސްޓަރު ޝިފާ މުހައްމަދާއި ގަލޮޅު ދެކުނު ދާއިރާގެ ކައުންސިލަރު ފާތުމަތު ރިޒްވީން އާއި މައްޗަންގޮޅީ އުުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ރަޝީދާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ ކައުންސިލަރު އިބްރާހިމް މަންނޫން އާއި މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު ޝަމާއު ޝަރީފާއި މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު އަހުމަދު ރިޝްވާން އާއި ވިލިމާފަންނު ދާއިރާގެ ކައުންސިލަރު ހުސައިން ޝަރީފުގެ އިތުރުން މާފަންނު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ޝިހާބެވެ.