28 Feb 2014, 11:42
މިދިޔަ އަހަރުގެ މެއި އަދި ޖޫން ގައި ބޭއްވި އެޑެކްސެލް އޭ ލެވެލް އިމްތިހާނުން، އެކައުންޓުން ދުނިޔޭގެ އެއްވަނަ ދިވެހި ހަތް ދަރިވަރަކަށާއި އެޑެކްސެލްއިން އެންމެ މަތިން ފާސްވާ ދަރިވަރުންނަށްދޭ "ހައި އެޗީވާސް އެވޯޑް" ދިވެހި ތިން ދަރިވަރަކަށް ލިބިއްޖެ އެވެ.
މަތީ ސާނަވީ އިމްތިހާންގެ ނަތީޖާ އިއުލާނު ކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި އެކައުންޓުން ދުނިޔޭގެ އެއްވަނަ ލިބިފައި ވަނީ ސެންޓަރު ފޯ ހަޔާ ސެކަންޑްރީ އެޑިއުކޭޝަން (ސީއެޗްއެސްއީ)ގެ ފަސް ދަރިވަރަކަށާއި ލ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރަކަށާއި އަހްމަދިއްޔާ ސްކޫލުގެ ދަރިވަރަކަށެވެ.
އެޑެކްސަލް އިމްތިހާންތަކުން ތިން އޭ ސްޓާ އަށްވުރެ މަތިން ހޯދައިގެން އެޑެކްސަލް އެގްޒެމިނޭޝަން އިންދޭ ހައި އެޗީވާސް އެވޯޑް ލިބިފައިވަނީ ކުޅުދުއްފުށީ، ޖަލާލުއްދީން ސްކޫލުގެ ދެ ދަރިވަރަކަށާއި ސީއެޗްއެސްސީގެ ދަރިވަރަކަށެވެ.
ޖަލްސާގައި އެޑިއުކޭޝަން މިނިސްޓަރުގެ ސްޓޭޓް މިނިސްޓަރު ޑރ.އަބްދުﷲ ނަޒީރު ވިދާޅުވީ މިދިޔަ އަހަރުގެ މެއި/ޖޫން ގައި ބޭއްވި އެޑެކްސެލް އޭ ލެވެލް އިމްތިހާނުގައި ރާއްޖޭގެ 45 ސްކޫލަކުން 1725 ދަރިވަރަކު ބައިވެރިވެފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ވޭތުވެދިޔަ އަހަރުގެ މަތީ ސާނަވީ އިމްތިހާނުގައި ބައިވެރިވެފައިވާ ކުދިންގެ ތެރެއިން 74.9 ޕަސެންޓް ކުދިން ތިން މާއްދާ އިން ފާސްވެފައި ވާ ކަމަށާއި އެއީ 2012 ވަނަ އަހަރާ އަޅާބަލާއިރު 2.9 ޕަސެންޓް ކުރިއެރުމެއް ކަމަށެވެ.
ވޭތުވެދިޔަ އަހަރު އެކިއެކި މާއްދާތަކުން ދަރިވަރުން ހޯދާފައިވާ ކާމިޔާބީތަކަށް ފާހަގަކުރައްވާ ނަޒީރު ވިދާޅުވީ ވޭތުވެދިޔަ އަހަރު އިސްލާމުންނާއި ދިވެހިން 2.4 ޕަސެންޓުގެ ކުރި އެރުމެއް ހޯދާފައިވާއިރު ކޮމާސް ސްޓްރީމުން އެއްވަރަކަށް ހިފެހެއްޓިފައިވާ ކަމަށެވެ. އަދި ސައިންސް ސްޓްރީމުންނާއި އާޓްސް ސްޓްރީމުގައި ހިމެނޭ ޖިއޮގޮރަފީ އަދި ހިސްޓްރީން ވޭދުވެދިޔަ އަަހަރު ލިބުނު ނަތީޖާގެ އިންސައްތަ ކުޑަކޮށް ދަށްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަޒީރު ވިދާޅުވީ ތައުލީމީ ދާއިރާއިން ދިވެހިން ހޯދަމުންދާ ކާމިޔާބީތައް އެއްއަހަރުން އަނެއް އަހަރު އިތުރުވެ ރަނގަޅުވަމުން އަންނަ ކަމަށާއި ވޭތުވެދިޔަ ފަސް އަހަރު އަންހެން ކުދިން ރަނގަޅު ނަތީޖާތަކެއް ހޯދަމުންދާ ކަމަށް ނަޒީރު ވިދާޅުވި އެވެ.
މިދިޔަ އަހަރު ރާއްޖޭގެ 18 ސްކޫލަކުން ޖުމްލަ 126 ދަރިވަރަކު މަތީ ސާނަވީ އިމްތިހާނުގެ ގަދަ 10 ގައި ހިމެނިފައިވާއިރު އަތޮޅުތަކުން 31 ދަރިވަރުންނާއި މާލޭގެ ސްކޫލްތަކުން 95 ދަރިވަރުން ހިމެނިފައިވާ ކަމަށެވެ. ވޭތުވެދިޔަ އަހަރު ހުރިހާ މާއްދާއަކުން އޭ ގްރޭޑް ލިބިފައިވަނީ 11 ދަރިވަރަކަށެވެ.