ގޯސްކޮށް ލޭ އެޅުނީމާ އިހުތިޖާޖު ކުރަން ޖެހޭ ކަމަށާއި ނުކުރުން އެއީ ބޮޑު ގޯހެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގުދާއިއާއަށް ވާދަކުރައްވާ މުހައްމަދު ފަލާހު (މާކުން ފަލާހު)ގެ ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި އެއްވުމެއްގަ އެވެ.

"... މިބާވަތުގެ ކަންކަމުގައި އިތުބާރު ހޯދުމަށް ޓަކައި އަދި ކަންކަން ރަނގަޅުކުރުމަށް ޓަކައި އަޅުގަނޑު މިދަންނަވާ ވެރިކަމުގެ ނިޒާމު ބޭނުންވަނީ. މިއަދު ގޯސްކޮށް ލޭއެޅުނީމާ އެކަމުގެ އިހުތިޖާޖެއް އެބަ ވާދަވެރި ސިޔާސީ ޕާޓީ ކުރާން ޖެހޭ. ނުކުރުން އެއީ ބޮޑު ގޯހެއް. ވާދަވެރިން ސިޔާސީ ޕާޓީން، މިފަދަ ބޮޑު ކަމެއް ހިނގީމާ އޭގެ އިހުތިޖާޖެއް އެބަކުރާން ޖެހޭ،" ތިން ބާރު ވަކިކުރުމުގެ ވާހަކަ ދެއްކެވުމަށް ފަހު ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެމްޑީޕީން މިއަދު އިހުތިޖާޖު ކުރަން އުޅުމުން އެކަމުގައި ގެންގުޅުނު ޕިކަޕް ފުލުހުން ހިފެހެއްޓި ހިފެހެއްޓުމަކީ ސަރުކާރުން އެއުސޫލު ގަބޫލު ނުކުރާ ކަމުގެ ހެއްކެއް ކަމަށެވެ.

" މިއަދު އަބުދުﷲ ޔާމީނު ޕިކަޕް ފޮނުއްވަވައިގެން، ފުލުހުން ނެރުއްވައިގެން އަޅުގަނޑުމެންގެ ޕިކަޕް އަތުލި، ހުއްޓުވި ހުއްޓުވުން އެއީ މިއުސޫލު، މިނިޒާމު އެބޭފުޅުން ގަބޫލުނުކުރައްވާ ކަމުގެ އެންމެ ރަނގަޅު ހެކި. އެންމެ ބޮޑު ދަލީލު،" ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީއަށް ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ނުލިބިއްޖިއްޔާ (ސަރުކާރުން) ހުއްޓުވާނީ ޕިކަޕް ނޫންކަމަށާއި މައިކުގެ ނަރުވެސް ކަނޑާލާނެ ކަމަށާއި މަޖިލީހުގެ ޖަލްސާތައް ވެސް ނުބޭއްވެން ފަށާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ވިދާޅުވީ ފަހަތަށް ސޮއްސާލައިގެން ދިއުމަކީ ކިތަންމެ ގައުމަކަށް ދިމާވެފައި ހުރި ކަމެއް ކަމަށެވެ.

" ... ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު އަޅުގަނޑުމެންނަށް ނުލިބިއްޖެ ނަމަ، މިޕިކަޕެއް އެކަންޏެއް ނޫން ހުއްޓުވާނީ. މި މައިކުގެ ނަރުވެސް ކަނޑާލާނެ. އަދި އިސާހިތަކު ތިޔަބޭފުޅުންނާ ހަމަ އެންމެ ގާތުން ދަންނަ މީހުން ވެސް ވީތަނެއް ވެސް ނޭނގެން ފަށާނެ. އަދި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ވެސް ނުބޭއްވެން ފަށާނެ. ތިޔަ ކިއުއްވާ ހުރިހާ މުސްތަގިއްލު މުއައްސަސާތައް ވެސް މަޑުމަޑުން ނެތެން ފަށާނެ. މީ ގައުމުތަކަށް ދިމާވެފައި ހުރި ހާލަތު. އެބަހުރި މިގޮތް އެނބުރި އައުން. އަނެއްކާ ކައްސާލައިގެން ދިއުން. ފަހަތަށް ދިއުން، ނަޝީދު ވިދާޅުވި އެވެ.