ރާއްޖެއާއި ރާއްޖެއިން ބޭރުގައި މަތީ ތައުލީމަށް ކިޔެވުމުގެ 1000 ފުރުސަތު ހުޅުވާލައިފި އެވެ.

މިކަން ހާމަކުރެއްވީ މިދިޔަ އަހަރު މަތީ ސާނަވީ އިމްތިހާނުން މަތީ ވަނަތައް ހާސިލްކުރި ދަރިވަރުންނަށް އިނާމު ދިނުމުގެ ގޮތުން މިރޭ ދަރުބާރުގޭގައި ހިންގަމުންދާ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުއް ގައްޔޫމް އެވެ.

އެމަނިކުފާނު ވިދާޅުވީ 1000 ސްކޮލޮޝިޕް ފުރުސަތުގެ ތެރެއިން 500 ސްކޮލޮޝިޕްގެ ފުރުސަތަކީ ރާއްޖޭން ބޭރުން ކިޔެވުމަށް ހުޅުވާލެވޭ ފުރުސަތު ކަމަށެވެ.

"1000 ފުރުސަތުގެ ތެރޭގައި ހިމެނެނީ މިހާރު ކިޔަވަމުންދާ ކުދިންނަށް ހުޅުވާލެވޭ ސްކޮލޮޝިޕްގެ ފުރުސަތާއި، އަލަށް ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ހުޅުވާލެވޭ ސްކޮލޮޝިޕް ފުރުސަތާއި، ވަޒީފާގައި އުޅެމުން ކިޔަވަން ބޭނުންވާ ފަރާތްތަކަށް ހުޅުވާލެވޭ ފުރުސަތާއި، ރާއްޖޭން ބޭރުން އެކުވެރި ގައުމުތަކުން ހަދިޔާކުރަ ސްކޮލޮޝިޕްގެ ފުރުސަތު،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މަތީ ތައުލީމުގެ ފުރުސަތު ހުޅުވާލާއިރުގައި ރާއްޖެއަށް އެންމެ ބޭނުންވާ ދާއިރާތަކުން އިސްކަންދެވޭނެ ކަމަށާއި އެގޮތުން ސިއްހީ ދާއިރާއާއި އިގްތިސާދު ފަދަ މުހިއްމު ދާއިރާތަކަށް އިސްކަންދެވޭނެ ކަމަށެވެ.

"ސިއްހީ ދާއިރާއަށް އަމާޒްކޮށްގެން ޖެނެރަލް މެޑިސިންގެ ފުރުސަތާއި، އެކި ބަލިތަކަށް ސްޕެޝިލައިޒްޑް ވުމަށް ޕޯސްޓް ގްރެޖުއޭޓް މެޑިސިން ހެދުމުގެ ފުރުސަތު ހިމެނޭނެ. މީގެ އިތުރުން އިކޮނޮމިކްސް، ބޭންކިން އަދި ފައިނޭންސިންގެ ދާއިރާތައް ފާހަގަކޮށްލެވޭ،" އެމަނިކުފާނު ވިދާޅުވި އެވެ.

ތައުލީމީ ދާއިރާ އިތުރަށް ހަރުދަނާކޮށް ރަނގަޅު މުޖުތަމައުއެއް ބިނާކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ މުރާޖައާ ކުރެވިފައިވާ ގައުމީ މަންހަޖު އަންނަ އަހަރު ރާއްޖޭގެ ހުރިހާ ސްކޫލުތަކުގައި ތަންފީޒުކުރުމަށް ބޭނުންވާ ވަސީލަތްތައް ތައްޔާރުކޮށް ނިންމާނެ ކަމަށެވެ.

މީގެ އިތުރުން ތައުލީމީ ދާއިރާއިން ނުކުންނަ ކުދިންގެ ކިބައިގައި މަސައްކަތުގެ ހުނަރު އަށަގެންނެވުމަށްޓަކައި ބައިނަލްއަގްވާމީ ޕްރޮގްރާމްތަކެއް ފެށުމަށް އިންތިޒާމްތައް ހަމަޖައްސާފައިވާއިރު ސްކޫލުތަކުގައި މަދަނީ ތައުލީމް އުނގަންނައިދީ ގައުމިއްޔަތާއި ދިވެހި ބަހަށް ޝައުގުވެރިކަން އިތުރުކުރުމަށް ޕްރޮގްރާމްތަކެއް މިހާރު ފަށާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ދަރިވަރުންގެ އަގީދާ ވަރުގަދަކޮށް އިސްލާމް ދީންދެކެ ލޯބިވާ ދަރިވަރުންތަކަކަށް ހެދުމަށް ގްރޭޑް 1-7 އަށް ގުރުއާން މަޖްބޫރު މާއްދާއެއްގެ ގޮތުގައި ހަމަޖައްސައި، ހުރިހާ ސްކޫލެއްގައި ގުރުއާން ކިޔަވައިދޭން ފަށާފައިވާ ކަމަށެވެ. އަދި އަރަބި ބަސް ކިޔަވައިދިނުމުގެ މަސައްކަތުގެ ތެރެއިން ގްރޭޑް އެކެއްގެ ކުދިންނަށް އެ ޕްރޮގްރާމް ފަށާފައިވާ ކަމަށްވެސް ރައީސް ފާހަގަކުރެއްވި އެވެ.

ވޭތުވެދިޔަ އަހަރުގެ މެއި/ޖޫން ގައި ބޭއްވި އެޑެކްސެލް އޭ ލެވެލް އިމްތިހާނުގައި ރާއްޖޭގެ 10 ދަރިވަރަކު މުޅި ދުނިޔެއިން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންގެ ތެރޭގައި ހިމެނިފައިވާއިރު ރާއްޖޭގެ ހަތް ދަރިވަރަކުވަނީ އެކައުންޓުން ދުނިޔޭގެ އެއް ވަނަ ހޯދައިފަ އެވެ.