27 Feb 2014, 21:33
އައިޖީއެމްއެޗްގައި ފަރުވާ ހޯދަމުން ދިޔަ މީހަކަށް އެޗްއައިވީ ޕޮޒިޓިވްވެފައިވާ ލޭ އެޅުމުގެ މައްސަލައިގައި މައުލޫމާތު ފެތުރުމުގައި ސަމާލުވުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން އިލްތިމާސްކޮށްފި އެވެ.
އެ ކޮމިޝަނުން މިރޭ ބުނެފައި ވަނީ، އައިޖީއެމްއެޗްގައި މި މަހުގެ ތިންވަނަ ދުވަހު، އެޗްއައިވީ ޕޮޒިޓިވް ލޭ އެޅުމުގެ ސަބަބުން އެޗްއައިވީއަށް ޕޮޒިޓިވް ވެފައިވާ ފަރާތާއި އެފަރާތުގެ އާއިލާ މިވަގުތު ތަހައްމަލުކުރަމުންދާ ހިތާމައަށް އިހްތިރާމު ކުރުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސް ކުރާ ކަމަށެވެ.
"މީޑިއާ އަދި އަމިއްލަ އެއްވެސް ފަރާތަކުން ވެސް ސައްހަ ނޫން މައުލޫމާތާއި، މި ފަރާތްތަކަށް އިތުރު އެއްވެސް ކަހަލަ ތަކުލީފަކާއި ހިތްދަތިކަމެއް ކުރިމަތި ކުރުވަފާނެ، އެއްވެސް އަމަލެއް ނުކުރުމަށް ހިޔުމަން ރައިޓްސް ކޮމިޝަނުން އިލްތިމާސް ކުރަމެވެ." އެޗްއާރުސީއެމުން މިއަދު ކޮށްފައިވާ އިލްތިމާސްގައިވެ އެވެ.
ލެބް ޓެކްނީޝަނެއްގެ އިހްމާލުން އައިޖީއެމްއެޗްގައި، އެޗްއައިވީ ޕޮޒިޓިވް ލޭ މާބަނޑު އަންހެނެއްގެ ގަޔަށް އެޅި މައްސަލަ ތަހުގީގު ކުރުމުގެ މަސައްކަތް އެޗްއާރްސީއެމްގެ ހާއްސަ ޓީމަކުން ފަށައިފައިވާ ކަމަށް މިއަދު އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
އައިޖީއެމްއެޗުން މީހެއްގެ ގަޔަށް އެޗްއައިވީލޭ އެޅި ހާދިސާގައި އިހުމާލުވީ އެންމެންނާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ހެލްތު މިނިސްޓްރީން ވެސް މިއަދު ވަނީ ބުނެފަ އެވެ. އަދި އެ މިނިސްޓްރީން ވަނީ އެ ހާދިސާއާ ގުޅިގެން ރައްޔިތުންގެ ކިބައިން މައާފަށް ވެސް އެދިފަ އެވެ.