ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަ ކުރައްވަން ނިންމެވުމުން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ އެސިސްޓެންޓް އޮޑިޓަރު، މަގާމުން ވަކިކުރުމަށް އޭސީސީން ނިންމާފައިވާ ނިންމުމަށް އަމަލު ނުކުރުމަށް ސިވިލް ކޯޓުން އޭސީސީއަށް އަންގާ އަމުރުކޮށްފި އެވެ.


އޭސީސީގެ އެސިސްޓެންޓް އޮޑިޓާ ރ. މާކުރަތު މަލަ، ފަރުހަތު ނަސީމް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަ ކުރަން ނިންމެވުމުން އޭސީސީގެ މުވައްޒަފުން އިންތިހާބުތަކަށް ކުރިމަތިލަނާމަ ބައިވެރިވެވޭނީ ވަޒީފާއިން ވަކިވެގެން ކަމަށް އޭސީސީގެ މެންބަރުން ނިންމާފައިވާތީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން މިއަދު ވަނީ އެ މައްސަލައާ ގުޅިގެން ވަގުތީ އަމުރެއް ނެރެފަ އެވެ.


ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ނިޔާހަތު ނެރުއްވި ވަގުތީ އަމުރުގައި ބުނަނީ "ކޯޓުން ވަކި ގޮތަކަށް އަންގަންދެން އެންޓިކޮރަޕްޝަން ކޮމިޝަންގެ އޮޑިޓާ ކަމުގެ މަގާމުގައި ހުރި ރ. މާކުރަތު މަލަ، ފަރުހަތު ނަސީމް ލޯކަލް ކައުންސިލްގެ އިންތިހާބުގައި ކުރިމަތިލާފައިވުމުގެ ސަބަބުން ފަރުހަތު ނަސީމް ވަޒީފާއިން ވަކި ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ނިންމާފައިވާ ނިންމުން ތަންފީޒު ނުކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނަށް އަންގައި އަމުރު ކުރަމެ"ވެ.


އެ އަމުރުގައ ބުނެފައި ވަނީ މި މައްސަލައަކީ ފަރުހަތުގެ ވަޒީފާއާ ގުޅޭ ގޮތުން ނިންމާފައިވާ ނިންމުން ސައްހަ ކަމުގެ މައްޗަށް ހުށަހެޅިފައިވާ މައްސަލައަކަށްވާތީ މައްސަލައިގެ ޝަރީއަތް ކުރިޔަށް ދަނިކޮށް އަދި އޭސީސީގެ ނިންމުމާ ގުޅޭ ގޮތުން ޝަރީއަތުން ގޮތެއް ކަނޑަ ނާޅަނީސް އެކަން ތަންފީޒު ވެގެން ދިޔުމަކީ އެންމެ އަދުލުވެރި ގޮތް ކަމަށް ނުވާނެ ކަމަށެވެ.


މި މައްސަލަ ފަރުހަތުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި އިރު މައްސަލަ ނިމެންދެން ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލާ އޭސީސީގެ އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކި ނުކުރުމުގެ އަމުރު ނެރެ ދިނުމަށް ވެސް އެދިފައި ވެއެވެ.


ނަމަވެސް ސިވިލް ކޯޓުގެ އަމުރުގައި ބުނަނީ އޭސީސީގެ އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކި ނުކުރުމަށް އަމުރުކޮށް ދިނުމަށް ފަރުހަތު އެދުނު ނަމަވެސް އެ އަމުރަކީ ޝަރީއަތުން ނެރެވިދާނެ އަމުރެއް ނޫން ކަމަށެވެ.