އެޗްއައިވީ ޕޮޒިޓިވް ލޭ މާބަނޑު އަންހެނެއްގެ ގަޔަށް އެޅި މައްސަލައިގައި ހެލްތު މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ އާއި ލެބް ޓެކްނީޝަން މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީއަށް ހާޒިރު ކުރަން ނިންމައިފި އެވެ.

މިރޭ ބާއްވަން އުޅުނު ކޮމެޓީއަށް ޝަކީލާ ހާޒިރު ކުރުމަށް ނިންމާފައިވަނިކޮށް، އެކަމަނާގެ އެދިވަޑައިގަތުމަކަށް އެ ބައްދަލުވުން ފަސް ކުރެއްވީ މަދަމާ މެމްދުރުފަހު 2:00 އަށެވެ.

އެޗްއައިވީ ޕޮޒިޓިވް ލޭ މާބަނޑު އަންހެން މީހާގެ ގަޔަށް ވާސިލްވުމުގެ މެދުވެރިއަކަށްވި އައިޖީއެމްއެޗްގެ ލެބް ޓެކްނީޝަން ވެސް މާދަމާ ކޮމެޓީއަށް ހާޒިރު ކުރުމަށް ސިޓީ ފޮނުވާފައިވާ ކަމަށް ކޮމެޓީގެ މުގައްރިރު އަލީ ވަހީދު މިރޭ ވަނީ ވިދާޅުވެފަ އެވެ.

މަޖިލީހުގެ ކޮމެޓީގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަލީ ވަހީދު ވިދާޅުވީ މަދަމާގެ ބާއްވާ ކޮމެޓީއަށް އައިޖީއެމްއެޗްގެ ބޭފުޅުން ވެސް ހާޒިރު ކުރުމަށް ވަނީ ނިންމާފަައިވާ ކަމަށެވެ.

"އަޅުގަނޑުމެން މި މަސައްކަތް ފަށާފައި މި ވަނީ އައިޖީއެމްއެޗް ރަނގަޅު ހާލަތަކަށް ގެންދިއުމަށް. އެތަނުގެ ހާލަތު ހުރި ގޮތް ވަކިވަކި މެމްބަރުން ވެސް މި ކޮމެޓީއަށް ވަނީ ހުށަހަޅާފައި. އެތަނުގެ ހާލަތު ހުރި ގޮތުގެ ފޮޓޯތަކާއި އެހެންނިހެން ހެކިތައް ކޮމެޓީއަށް ވަނީ ހުށަހަޅާފައި،" ސަރުހާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީގެ މުގައްރިރު ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވީ މަދަމާ ބާއްވާ ކޮމެޓީ ސިއްރު ކުރުމަށް އަދި ނިންމާފައި ނުވާ ކަމަށާއި ނަމަވެސް ލެބް ޓެކްނީޝަނާ ސުވާލު ކުރާއިރު "ކޮމެޓީ ސިއްރު ކުރަންޖެހިއްޖެނަމަ ސިއްރު ކުރާނެ ކަމަށެވެ.