27 Feb 2014, 20:27
އުމުރުން 12 އަހަރުގެ އެއްމާބަނޑު އަންހެން ދެކުދިންނަށް ތަކުރާރުކޮށް ޖިންސީ ގޯނާކުރަމުންދިޔަ މީހަކު 20 އަހަރު ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ކުޑަ ދެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ކުށް ޝަރީއަތަށް ސާބިތު ވުމާ ގުޅިގެން 20 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ ގދ. ފަރެސް މާތޮޑާ، ޕާމްސޭޑް، އުމުރުން 44 އަހަރުގެ ނަޒީރު އިބްރާހީމްގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ ދެ އަންހެން ކުދީންނަށް ޖިންސީ ގޯނާ ކުރިކަމަށް އޭނާ ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފުވެފައިވާ ކަމަށެވެ. އޭނާގެ އިއުތިރާފުގެ އިތުރުން ދެ އަންހެން ކުދިންނަށް ޖިންސީ އަނިޔާތަށް ލިބެމުން ދިޔަކަމަށް ޝަރީއަތަށް ހުށަހެޅުނު ހެކިންގެ ހެކިބަހުން ވެސް އެނގެން އޮންނަ ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.
މީގެ އިތުރުން ފެމިލީ އެންޑް ޗިލްޑްރަން ސާވިސް އިން ތައްޔާރު ކޮށްފައިވާ ރިޕޯޓްތަކުގައި މި ދެ ކުދިންނަށް ވެސް ޖިންސީ އަނިޔާ ލިބިފައި ވާކަން އެ ދެ ކުދިން ބެއްލެވި ސައިކޮލޮޖިސްޓްގެ ބަހުން އެނގެން އޮތްކަމަށްވެސް ކްރިމިނަލް ކޯޓުގެ ހުކުމުގައި ބުނެފައިވެއެވެ.