މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވާ ދުވަސް ކަމަށްވާ އަންނަ މަހުގެ ތިނެއްވާ ހޯމަދުވަހަކީ ސަރުކާރު ބަންދު ނުކުރާ ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު، އިބްރާހީމް މުއާޒު އަލީ "ސަން" އަށް މިރޭ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ‏‏އަބްދުލްގައްޔޫމްގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވަވާ ދުވަހު ސަރުކާރު ބަންދު ނުކުރާ ގޮތަށް ރައީސް ހަމަޖެއްސެވީ ރައްޔިތުންނަށް ސަރުކާރުން ފޯރުކޮށްދޭ ހިދުމަތްތައް ދިނުންކުރިއަށް ގެންދިއުމަށްޓަކައި ކަމަށެވެ.

"ރައީސް އެގޮތަށް ހަމަޖެއްސެވީ، އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި، ރިޔާސީ ބަޔާން އިއްވަވާ ދުވަހު ވެސް ރައްޔިތުންނަށް ސަރުކާރުން ފޯރުކޮށްދޭ ހިދުމަތްތައް ފޯރުކޮށްދެވެން ޖެހޭނެ. އެހެންވެ އެގޮތަށް ހަމަޖެއްސެވީ،" މުއާޒު ވިދާޅުވި އެވެ.

ގާނޫނު އަސާސީގައިވާ ގޮތުން "ކޮންމެ އަހަރަކުމެ، ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ގައުމުގެ ހާލަތު ބާޔާންކޮށްދީ އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރާންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރިއީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް އިއްވަންޖެހެ އެވެ.

އާންމުގޮތެއްގައި ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބާއްވާ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވަ އެވެ.