27 Feb 2014, 19:18
އައިޖީއެމްއެޗުން ބަލި މީހެއްގެ ގަޔަށް އެޗްއައިވީ ޖެހިފައިވާ މީހެއްގެ ގައިން ނެގި ލޭ އެޅި މައްސައިގައި ހެލްތް މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ މަގާމުން އިސްތިއުފާ ދެއްވަންޖެހޭނެ ކަމަށް ސަރުކާރާއި އިދިކޮޅު އެމްޑީޕީން ބުނެފި އެވެ.
އެމްޑީޕީން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕްގެ ނައިބު ލީޑަރު އަލީ ވަހީދު ވިދާޅުވީ އެ ކަން ހިނގާފައި ވަނީ ހަމަ އެކަނި އެ ހޮސްޕިޓަލުގެ ޓެކްނީޝަނުގެ އިހްމާލުން ކަމަށް އެ ޕާޓީން ނުދެކޭ ކަމަށައި ޝަކީލާ އިސްތިއުފާ ނުދެއްވައިފި ނަމަ އޭނާގެ އިތުބާރުނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ.
"ދުނިޔޭގެ އެހެން ގައުމުތަކޭ އެއްގޮތަށް، މިހާރު މިހާރަށް ހެލްތް މިނިސްޓަރު އިސްތިއުފާދޭން ޖެހޭނެ. ސަބަބަކީ އަޅުގަނޑުމެން ގަބޫލެއް ނުކުރަން މިއީ ހަމަ އެކަނި އެތަނުގައި މަސައްކަތްކުރި ޓެކްނީޝަނުގެ މައްސަލައެއް ކަމަކަށް. އެ ލޭ ނެގިއިރު އެތަނުގެ މެޝިނަރީތަކުގެ ހާލަތްތަކާ މެދު ސަރުކާރުން ޒިންމާވާން ޖެހޭނެ، " އަލީ ވަހީދު ވިދާޅުވި އެވެ.
އަލީ ވަހީދު ވިދާޅުވީ އެއިޑްސް ޖެހިފައިވާ މީހެއްގެ ލޭ އެހެން މީހެއްގެ ގަޔަށް އެޅުން މައްސަލަ އަކީ އާދައިގެ މައްސަލައެއް ނޫން ކަމަށާއި ސަރުކާރުން މިކަމުގައި މިހާރު އަމަލުކުރަމުންދާ ގޮތާ މެދު އެ ޕާޓީން ހިތާމަކުރާ ކަމަށެވެ. މިކަމުގައި ރައީސުލްޖުމްހޫރިއްޔާ ގައުމާއި މުހާތަބުކުރައްވާ އެއްޗެއް ވިދާޅުވާން ޖެހޭނެ ކަމަށާއި އެކަމުގައި ސަރުކާރު ދިފާއު ކުރުމަށް ކުރާ މަސައްކަތް އެމްޑީޕީން ކުއްވެރިކުރާ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.
"ރައީސުލްޖުމްހޫރިއްޔާ ރައްޔިތުން ކިބައިން މާފަށް އެދެން ޖެހޭނެ. އެއީ ސަރުކާރުގެ ހޮސްޕިޓަލުން ހިނގާދިޔަ ކަމެއް މިއީ،" އޭނާ ވިދާޅުވި އެވެ.
އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕްގެ ތިން މެންބަރުން ސޮއި ކުރެއްވުމަށް ފަހު ކުއްލި މައްސަލައެއް ރައްޔިތުން މަޖިލީހުގެ ކޮމެޓީއަކަށް ވައްދާފައިވާ ކަމަށް ވެސް ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ވިދާޅުވި އެވެ.
އެމްޑީޕީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވީ އެކަމަކީ އެންމެ މީހެއްގެ އިހްމާލުން ވީކަމެއް ކަމަށްބުނެ ދޫކޮށް ލެވޭނެ ކަމެއް ނޫން ކަމަށާއި މިކަމުގައި ޝަކީލާ ޒިންމާ ނަންގަވަން ޖެހޭނެ ކަމަށެވެ.
އައިޖީއެމްޗްގެ ފެންވަރު ރަނގަޅުކުރުމަށް ފިނޭސްމިނިސްޓްރީގެ ބަޖެޓުން ފައިސާ ހަރަދުރުމަށްވެސް އެމްޑީޕީން މިއަދު ވަނީ ގޮވާލާފަ އެވެ. އަދި އައިޖީއެމްޗްގެ ފެންވަރު ރަނގަޅުކުރުމަށް މަޖިލީހުން ދޭން ޖެހޭ އެއްބާރުލުން ދިނުމަށް އެމްޑީޕީން ތައްޔާރަށް އޮތް ކަމަށް އެޕާޓީން ބުންޏެވެ.