27 Feb 2014, 17:49
ރާއްޖެ އިން ހައްޖަށް މީހުން ގެންދިއުމާ ބެހޭ އުސޫލުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތައް ހުރުމުން އެކަންތައްތައް އިސްލާހު ކުރުމަށް ފަހު ނޫނީ ޕްރޮޕޯސަލް ބަލައިގަތުގެ މަސައްކަތް ކުރިއަށް ނުގެންދަން އިސްލާމިކް މިނިސްޓްރީ އަށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަންފައިފި އެވެ.
އޭސީސީ އިން މިއަދު ބުނީ 1435 ވަނަ އަހަރު ރާއްޖެ އިން ހައްޖަށް މީހުން ގެންދިއުމާ ބެހޭ ގޮތުން އިސްލާމިކް މިނިސްޓްރީން އެކުލަވާލާފައިވާ އުސޫލާއި އެ އުސޫލުގެ ދަށުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ބިޑިން ޕްރޮސެސްގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއްވާ ކަމަށް އެ ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލައެއް ތަހުގީގު ކުރުމުގައި ފާހަގަކުރެވިފައިވާ ކަމަށެވެ.
އެގޮތުން ހައްޖަށް ގެންދާ އަގަށް ހުއްދަ ހޯދުމަށް އެ މިނިސްޓްރީ އަށް ހުށަހަޅަން ޖެހޭ ޕްރޮޕޯސަލުގައި، އުސޫލުގައިވާ ޕްރޮޕޯސަލްގެ ނަމޫނާގައި ފުރިހަމަކުރުމަށް ލާޒިމް ކުރާ ގިނަ މައުލޫމާތަކެއް ހިމެނިދާނެ ކަމަށް ގަބޫލުނުކުރެވޭނެ ކަމަށް އޭސީސީން ބުނެފައިވެ އެވެ.
މީގެ އިތުރުން ވޭތުވެ ދިޔަ ހަ މަސް ދުވަހު ކުންފުނީގެ މެނޭޖްމަންޓް އެކައުންޓް އަދި ފައިސާ ޖަމާކުރާ ހާއްސަ އެކައުންޓްގެ ސްޓޭޓްމަންޓް ޕްރޮޕޯސަލް އާއި އެކު ހުށަހަޅަން ޖެހޭނެ ކަމަށް އުސޫލުގައި ބުނެފައިވީ ނަމަވެސް، ހައްޖަށް ގެންދާ އެއްވެސް ކުންފުންޏެއްގައި ވަކި ދެ އެކައުންޓެއް ހުޅުވާފައި އޮތުމަކީ ލާޒިމް ކޮށްފައިވާ ކަމަކަށް ނުވާތީ އާއި އެކަމަށް ޝަރުތު ކޮށްފައި ވަނީ އެއްވެސް އަސާސެއްގެ މައްޗަށް ބެލުމަށްފަހުގައި ނޫން ކަމަށް ވެސް އޭސީސީ އިން ބުނެފައިވެ އެވެ.
އޭސީސީ އިން ކުރި ތަހުގީގުގައި ޕްރޮޕޯސްލްތަކަށް ޕޮއިންޓް ދިނުމަށް ކަނޑައަޅާފައިވާ އުސޫލްތަކުގައި ވެސް މައްސަލަތަކެއް އުޅޭ ކަމަށް ފާހަގަކުރެވިފައިވާ ކަމަށް ފާހަގަކުރައްވާ އެ ކޮމިޝަނުން ބުނީ ހައްޖަށް މީހުން ގެންދިއުމުގެ ޕްރޮޕޯސަލް ހުށަހަޅާ ފަރާތުގެ ތަޖުރިބާ އަށް 15 ޕަސެންޓް ކަނޑައެޅި ނަމަވެސް، އެ ތަޖުރިބާ މިނާނެ ވަކި އުސޫލެއް ބަޔާންކޮށްފައި ނުވާ ކަމަށެވެ.
މީގެ އިތުރުން ހައްޖަށް މީހުން ގެންދިއުމުގެ ތަޖުރިބާ ހުރި މުވައްޒަފުންގެ ތަފްސީލު ވެސް ޕްރޮޕޯސަލް އާއި އެކުގައި ހުށަހަޅަންޖެހޭ އިރު އެ ފަރާތްތަކުގެ ތަޖުރިބާ ވެސް މިނާނެ އުސޫލެއް ބަޔާންކޮށްފައިނުވާ ކަމަށް އޭސީސީ އިން ބުނެފައިވެ އެވެ. އެގޮތުން ޕްރޮޕޯސަލް ހުށަހަޅާ މުވައްޒަފަކީ ހައްޖަށް މީހުން ގެންދާ ކުންފުންޏެއްގައި މަދުވެގެން ތިން އަހަރު ހަރަކާތްތެރިވެފައިވާ ފަރާތެއް ހިމެނޭ ކުންފުންޏަކަށް ވާންޖެހޭނެ ކަމަށް އުސޫލުގައި ޝަރުތުކޮށްފައިވާ އިރު، މީހުން ގެންދިއުމުގެ ފުރުސަތު ހަމައެކަނި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކަށް ދޭން ފެށި ދުވަހުން ފެށިގެން މިހާތަނަށް ތިން އަހަރު ވެފައިނުވާ ކަމަށް ވެސް އޭސީސީގެ ތަހުގީގުގައި ފާހަގަކުރެވިފައިވާ ކަމަށެވެ.
ހައްޖަށް މީހުންގެ ގެންދާ އަގަށާއި ހިދުމަތުގެ ފެންވަރަށް ކަނޑައަޅާފައިވާ ޕޮއިންޓް ދިނުމުގެ އުސޫލު ވެސް މިނާނެ ވަކި އުސޫލެއް ނުވަތަ މިންގަނޑެއް ވެސް ބަޔާންކޮށްފައިނުވާ ކަމަށް ވެސް އޭސީސީން ބުނެފައިވެ އެވެ.
އޭސީސީން ބުނީ ޕްރޮޕޯސަލްގައި ހިމެނޭ މައުލޫމާތުގެ މައްޗަށް ބަލައި ކޯޓާ ލިބޭ ފަހުން ޕްރޮޕޯސަލްގައި ހުށަހެޅި ހިދުމަތްތައް ހައްޖާޖީންނަށް ނުދެވިއްޖެ ނަމަ، އެކަމަކީ އެ މިނިސްޓްރީ އަށް ދޮގު މައުލޫމާތު ދީފައިވާ ކަމަކަށް ބަލައި ކުރިމަގުގައި އެފަދަ ފަރާތްތަކަށް ހައްޖަށް މީހުން ގެންދިއުމުގެ ފުރުސަތު ގެއްލިގެންދާނެ ކަމަށާއި އަދި އަންނަ އަހަރު ހައްޖަށް މީހުންގެ ގެންދިއުމުގެ ހުއްދަ ވެސް ނުދެވޭނެ ކަމަށް އުސޫލުގައި ބުނެފައިވީ ނަމަވެސް، ޕްރޮޕޯސަލް ހުށަހަޅާ އިރު އެ މައުލޫމާތުތަކަކީ ކަށަވަރުކޮށް ބަޔާންކުރަން އެނގޭނެ މައުލޫމާތުތަކެއް ކަމަށް ތަހުގީގަށް ގަބޫލުނުކުރެވޭ ކަމަށް އޭސީސީގެ ބުނެފައިވެ އެވެ.
މީގެ އިތުރުން ވެސް ގިނަ މައްސަތަކެއް ފާހަގަކުރައްވާ އޭސީސީން ބުނީ އެ ކޮމިޝަންގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން އިސްލާހުކޮށްގެން ނޫނީ ބިޑިން ޕްރޮސެސް ކުރިއަށް ނުގެންދިއުމަށް އިސްލާމިކް މިނިސްޓްރީއަށް އަންގާފައިވާ ކަމަށެވެ.
އޭސީސީ އަށް ހުށަހެޅިފައިވާ މައްސަލައެއް ތަހުގީގުކޮށް ނިންމާފައިވާ އިރު، ހައްޖަށް މީހުން ގެންދިޔުމާ ބެހޭ އުސޫލުގެ ދަށުން ހައްޖަށް ގެންދާނެ މީހުން ކަނޑައެޅުމަށް ކުރަން ޖެހޭ ކަންތައް ކުރުން މަޑުޖައްސާލުމަށް ސިވިލް ކޯޓުން މިއަދުވަނީ އަމުރުކޮށްފި އެވެ.
ސިވިލް ކޯޓުން ނެރުނު އަމުރުގައި ބުނެފައި ވަނީ ހައްޖަށް މީހުން ގެންދިޔުމާ ބެހޭ އުސޫލުގެ ދަށުން ހުށަހަޅަން ޖެހޭ ޕްރޮޕޯސަލްތައް ހުށަހަޅައި އެ ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރެވި އެ ޕްރޮޕޯސަލްގެ މައްޗަށް ބިނާކޮށް ހައްޖަށް ގެންދާނެ ވަކި ފަރާތްތަކެއް ކަނޑައެޅިއްޖެ ނަމަ ދައުވާ ކުރާ ފަރާތްތަކުގެ އިއާދަ ނުކުރެވޭނެ ފަދަ ހައްގެއް ގެއްލިދާނެ ކަމަށެވެ.