މާފަންނު ފެއަރީ ކޯނާ އަލީ ޝިފާން މަރާލި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލި މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމް ކޮށްފައި ވަނީ ދައުލަތުން ހުށަހެޅި ހުރިހާ ހެކިތައް މިނެކިރާ ވަޒަންކޮށްފައިނުވާ ކަމަށް ދައުލަތުން ބުނެފި އެވެ.

ދައުލަތުން މިހެން ބުނެފައި ވަނީ އަލީ ޝިފާން މަރާލި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލި މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމް ކުރުމާ ގުޅިގެން އޭގެ ތެރެއިން ތިން މީހުންގެ މައްސަލަ އިސްތިއުނާފު ކުރުމުން ހައިކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގަ އެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ މ. ދިންމަނަ އަބްދުﷲ ތިލްމީޒު އާއި މާލޭ މުނިސިޕަލްޓީގެ ޚާއްސަ ދަފްތަރު 2193 މުހައްމަދު ޝައިފަން އާއި މ. ސިލްވަނެސްޓް މުހައްމަދު މިޝާން އަބްދުލް ހާދީގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމް ކޮށްފައި ވަނީ ރަނގަޅަށް ނޫންކަމަށެވެ.

އެ ތިން މީހުން އަލީ ޝިފާނަށް ހަމަލާދިނުމުގައި ބައިވެރިވިކަން ހެކީންގެ ހެކިބަހުން ސާފުކޮށް އެނގެން އޮތްއިރު އެކަންކަމުގެ މައްޗަށް ކޯޓުން ރިއާޔަތްކޮށްފައިނުވާ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ ހެކީންގެ ހެކިބަހުގައި ފުށުއެރުންތަކެއް ހުރި ކަމަށް ހުކުމްގައި ބުނެފައިވާއިރު، ހެކީން ޝަރީއަތަށް ދިން ބަޔާންތަކަށް ބެލިއިރު ފުށުއެރުންތަކެއް ނެތްކަން އެނގޭ ކަމަށެވެ.

އެކަކަށް ނުފެންނަ މަންޒަރެއްގެ ވާހަކަ އަނެކަކު ދެއްކުމަކީ ފުށުއެރުމެއް ކަމަށް ނުބެލެވޭނެ ކަމަށާއި ސާފުބަހުން ހެކިބަސްދީފައިވާ މީހެއްގެ ހެކިބަހަށް ކޯޓުން ބުރަދަން ދީފައިނުވާ ކަމަށް ވެސް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.
ދައުލަތުން ހުށަހެޅި ހެކީންގެ ތެރެއިން އެކަކީ ފާސިގެއް ކަމަށް ކޯޓުން ކަނޑައަޅާފައި ވަނީ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުސޫލާ ޚިލާފަށް ކަމަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ފަނޑިޔާރުންގެ ބެންޗުން ބުނީ ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި އޮންނާނީ ދައުވާ ލިބޭ ފަރާތްތަކުން ޖަވާބުދާރީވުމުން ކަމަށެވެ.

އަލީ ޝިފާން މަރާލާފައި ވަނީ 2012 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ފުރަތަމަ ދުވަހުގެ ހަވީރު 4:40 ހާއިރު ވެސްޓުޕާކް ރެސްޓޯރަންޓު ކުރިމަތީގައި ހުއްޓައި ހަތަރު ސައިކަލެއްގައި ދިޔަ ބަޔަކު އޭނާއަށް ތޫނު އެއްޗަކުން ހަމަލާދީ މާރާމާރީ ހިންގުމާ ގުޅިގެންނެވެ.