އައިޖީއެމް އިން މީހެއްގެ ގަޔަށް އެޗްއައިވީލޭ އެޅި ހާދިސާގައި އިހުމާލުވީ އެންމެންނާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ހެލްތު މިނިސްޓްރީން އެހެން ބުނެފައި ވަނީ އެ ހާދިސާއާ ގުޅިގެން ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގެން މިއަދު ނެރުއްވި ބަޔާނެއްގަ އެވެ.

"ހާދިސާގެ ތަހުގީގު ފުރިހަމަކުރުމަށް ފަހު، މިކަމުގައި އިހުމާލުވީ އެންމެހައި ފަރާތްތަކާ މެދު ހަރުކަށިފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން އަރުވަމެވެ. އަދި މިފަދަ ހިތާމަވެރި ހާދިސާއެއް ތަކުރާރު ވިޔަނުދިނުމަށްޓަކައި ކުރެވެން ހުރި ކަންކަން ބެލުމަށް ފަހު އައިޖީއެމްއެޗްގެ މެނޭޖްމެންޓަށާއި އުސޫލަށް ގެންނަން ޖެހޭ އެންމެހައި ބަދަލުތައް މިމިނިސްޓްރީން މިދަނީ މަސައްކަތްކުރެވެމުންނެވެ،" މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

ބަޔާނުގައި ބުނެފައި ވަނީ އެ ހާދިސާގެ ސަބަބުން އެޗްއައިވީއަށް ޕޮޒިޓިވްވެފައިވާ ބަލިމީހާގެ ސިއްހީ އެންމެހައި ކަންކަން ބެލެހެއްޓުމާ އެކު މިނިސްޓްރީން އާއިލާއަށް ވެވެން އޮތް އެހީއެއް ވަމުން ދާނެ ކަމަށެވެ. އަދި ބުނެފައި ވަނީ އައިޖީއެމްއެޗްގައި ބަހައްޓާފައިވާ އާލާތްތަކާއި ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތަތަށް ބަލާއިރު މިއީ އެއްގޮތަކަށް ވެސް ހިނގައިގެންވާނެ ހާދިސާއެއް ނޫން ކަން ގަބޫލުކުރައްވާ ކަމަށެވެ.

"... އައިޖީއެމްއެޗްގައި ބެހެއްޓިފައިވާ އާލާތްތަކާއި ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތަކަށް ބަލާއިރު ، މިހާދިސާއަކީ އެއްވެސް ހާލެއްގައި ހިނގައިގެންވާނެ ހާދިސާއެއްނޫން ކަމާއި، މިހިތާމަވެރި ހާދިސާއަކީ އެއްވެސް ހާލެއްގައި އެއްވެސް މީހަކަށް ބަލައިގަނެވޭނެ ހާދިސާއެއް ނޫން ކަން މިނިސްޓްރީއިން ވެސް ގަބޫލުކުރަމެވެ،" ބަޔާނުގައި ވެއެވެ.

ސިއްހީ ދާއިރާގެ ހިދުމަތްތެރިންނަކީ ފަރުވާތެރި އަދި އޯގާތެރި ބަޔަކަށް ވުމަށް އާދޭހާ އެކު އިލްތިމާސްކުރާ ކަމަށް ވެސް ބަޔާނުގައި ވެއެވެ. އަދި އެހާދިސާއިން އިބުރަތް ހާސިލުކުރުމަށް ގޮވާލާފައިވެ އެވެ.

އެޗްއައިވީ ލޭ މާބަނޑު އަންހެނެއްގެ ގަޔަށް އެޅި މައްސަލާގައި އައިޖީއެމްއެޗްގެ ލެބޯޓަރީގެ ހެޑް އޮފް ޑިޕާޓްމަންޓް (އެޗްއޯޑީ)ގެ މަގާމުން މުވައްޒަފަކު ދުރުކޮށް، ލެބް ޓެކްނީޝަނަކަށް އުޅުނު ބިދޭސީއަކު އެ މައްސަލާގައި ވަނީ ސަސްޕެންޑްކޮށްފަ އެވެ. އެޗްއައިވީ ލޭ މާބަނޑު އަންހެނެއްގެ ގަޔަށް އެޅި މައްސަލާގައި އިހްމާލުވާ ބިދޭސީ މީހާގެ މައްސަލަ ވަނީ ފުލުހުންނަށް ހުށަހަޅާފަ އެވެ. ނަމަވެސް އޭނާ ހައްޔަރެއް ނުކުރެ އެވެ.

އެޗްއައިވީ ޖެހިފައި ހުރި މީހެއްގެ ލޭ އައިޖީއެމްއެޗުން މާބަނޑު އަންހެނެއްގެ ގަޔަށް އެޅި މައްސަލަ ހާމަ ކުރީ ހެލްތު މިނިސްޓްރީގައި ރޭ ބޭއްވި ކުއްލި ނިއުސް ކޮންފަރެންސްގަ އެވެ. ނިއުސް ކޮންފަރެންސްގައި އައިޖީއެމްއެޗްގެ ޑެޕިއުޓީ ސީއީއޯ ހަބީބު ވިދާޅުވެފައި ވަނީ އެއީ "އައިޖީއެމްއެޗްގެ 18 އަހަރުގެ ހަޔާތުގައި ދިމާވި އެންމެ ހިތާމަވެރި ހާދިސާ" ކަމާއި އެކަމާ "މުޅި ދިވެހިރައްޔިތުންގެ ކިބައިން" މައާފަށް އެދޭ ކަމަށެވެ.