ސްކޫލްތަކުގެ މެދުގައި މިހާރު ކުރިއަށްދާ ސޯޅަވަނަ އިންޓަ ސުކޫލް ކެރަމް މުބާރާތުގެ ޑަބަލްސް އިވެންޓުގެ ފައިނަލް މެޗުތަކުގެ ކުޅުން ނިމި، މި އިވެންޓުގެ ޗެމްޕިއަނުން ކަނޑަ އެޅިއްޖެ އެވެ.

ދިހަ އަހަރުން ދަށުގެ ބައިން ފިރިހެން ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ޖަމާލުއްދީން ސުކޫލުގެ މުހައްމަދު ރާހިލް ސަޢުދު އާއި މުހައްމަދު ނިބާލް ހުސެއިން ބަލިކޮށް އެ ސުކޫލްގެ ލަޔާން ޝަރީފް އާއި އަބުދުﷲ އާހިލް އާޒިމެވެ. މި އުމުރު ފުރައިގެ އަންހެން ޗެމްޕިއަންކަން ހޯދީ ޖަމާލުއްދީން ސުކޫލްގެ ޝައިސްތާ ޒާމިރު އަލީ އާއި އައިޝަތު ހަނާން އަބްދުލް ހައްނާން ބަލިކޮށް އަމީނިއްޔާ ސުކޫލްގެ ޒިވާ ޒައީދު އާއި ޖަނާ މުހައްމަދެވެ.

ބާރަ އަހަރުން ދަށުގެ ބައިން ފިރިހެން ޗެމްޕިއަންކަން ހޯދީ ފައިނަލްގައި އިމާދުއްދީން ސުކޫލްގެ އިބްރާހިމް ނީޝާމް އަހްމަދު އާއި ހުސެއިން އަލްސަން އިބްރާހިމް ބަލިކޮށް ތާޖުއްދީން ސުކޫލްގެ ޝައިމަން އަބްދުލް ސަމަދު އާއި މުހައްމަދު އައިހަމް އަހްމަދެވެ. މި އުމުރު ފުރައިގެ އަންހެން ޗެމްޕިއަންކަން ހޯދީ އިމާދުއްދީން ސުކޫލްގެ އައިމިނަތު ޒަހުވާ ސިރާޖު އާއި ފާތިމަތު ޒާއިން އިސްމާއިލް ރަޝީދު ބަލިކޮށް ތާޖުއްދީން ސުކޫލްގެ ހައްވާ ސުލެއިމާން އާއި އައިމިނަތު މިޝްފާއެވެ.

ސާދަ އަހަރުން ދަށުގެ ބައިން ފިރިހެން ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ތާޖުއްދީން ސުކޫލުގެ މުހައްމަދު ފާލިހް ފައިސަލް އާއި އާދަމް ޝައިއު ބަލިކޮށް ޖަމާލުއްދީން ސުކޫލްގެ އަހުމަދު ރުވެއިދު ޒިޔާދު އާއި މައްޔާޝް ލަތީފެވެ. މި އުމުރު ފުރައިގެ އަންހެން ޗެމްޕިއަންކަން ހޯދީ އިސްކަންދަރު ސުކޫލްގެ ނުހާ ނަޢީމް އާއި ފާތިމަތު ޒައިނާ ބަލިކޮށް އިމާދުއްދީން ސުކޫލްގެ އައިމިނަތު އަޖުފާން އަހުމަދު އާއި އައިޝަތު ޝިފްނާ އެވެ.

ސޯޅަ އަހަރުން ދަށުގެ ބައިން ފިރިހެން ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ޖަމާލުއްދީން ސުކޫލްގެ އަހުމަދު ޝާބިން ހުސެއިން އާއި ހުސެއިން އުނެއިޝް ބަލިކޮށް ދަރުމަވަންތަ ސުކޫލްގެ އަބްދުﷲ ޝާމިލް އާއި އިބްރާހިމް ނާހިލް އަހުމަދެވެ. މި އުމުރު ފުރައިގެ އަންހެން ޗެމްޕިއަންކަން ހޯދީ އިމާދުއްދީން ސުކޫލްގެ އައިމިނަތު އަލްޔާ ސައީދު އާއި އައިމިނަތު ރިފާ ބަލިކޮށް އަމީނިއްޔާ ސުކޫލްގެ އައިޝަތު ރިފްޤާ އާއި އަޒްހާ މުހައްމަދެވެ.

ނަވާރަ އަހަރުން ދަށުގެ ބައިން ފިރިހެން ޗެމްޕިއަންކަން ހޯދީ ފައިނަލްގައި އަރަބިއްޔާ ސުކޫލްގެ އަންސަރު އިބްރާހިމް އާއި މުހައްމަދު މަމްޝޫޤު ބަލިކޮށް މަޖީދިއްޔާ ސުކޫލްގެ އިބްރާހިމް ހުޖާން އާއި އަހްމަދު އަޒާން އަލީ އެވެ. މި އުމުރު ފުރައިގެ އަންހެން ޗެމްޕިއަންކަން ހޯދީ އަމީނިއްޔާ ސުކޫލްގެ އަނޫޝާ މޫސާ އާއި އައިމަނަތު އަފްޝީން އިބްރާހިމް ބަލިކޮށް ހިރިޔާ ސުކޫލްގެ މުޒެއިނަތް ރިޔާޒް އާއި އައިމިނަތު ވިދާދު އެވެ.

މިއަދު ކުރިއަށް ދާނީ މިމުބާރާތުގެ ސިންގަލްސް ފައިނަލް މެޗުތަކެވެ. އަދި މިމުބާރާތުގެ އެންމެ ފަހު ދުވަސް ކަމުގައިވާ މާދަމާ ކުރިއަށް ދާނީ މިމުބާރާތުގެ އެންމެ މުހިއްމު އަދި އެންމެ ފޯރިގަދަ އިވެންޓު ކަމުގައިވާ ޓީމް އިވެންޓުގެ ފައިނަލް މެޗުތަކެވެ.

ގަލޮޅު ބޯޅަ ދަނޑުގައި ހުންނަ ކެރަމް ހޯލުގައި ބުދަ ދުވަހު ފެއްޓި މި މުބާރާތުގައި ވަނީ ޖުމްލަ ފަނަރަ ސުކޫލަކުން 423 ކުޅުންތެރިއަކު ބައިވެރިވެފަ އެވެ. ފަސް އުމުރު ފުރައަކަށް ބަހާލައިގެން ކުރިއަށްދާ މިމުބާރާތުގައި 10 އަހަރުން ދަށާއި، 12 އަހަރުން ދަށާއި، 14 އަހަރުން ދަށާއި 16 އަހަރުން ދަށާއި އަދި 19 އަހަރުން ދަށުގެ ޑަބަލްސް އިވެންޓުގެ އިތުރުން ސިންގަސްލް އިވެންޓާއި އަދި ޓީމް އިވެންޓުގެ ކުޅުން ވަނީ މިމުބާރާތުގައި ކުރިއަށް ގެންގޮސްފަ އެވެ.

މީގެ އިތުރުން ޖަމާލުއްދީން ސުކޫލްގެ އަޑު އިވުމުން މަހުރޫމުވެފައިވާ ކުދިންގެ ކުލާހަށް ހާއްސަ ކުރެވިގެން ބޭއްވި ސިންގަލްސް އަދި ޑަބަލްސް އިވެންޓަކާއި އަދި އިމާދުއްދީން ސުކޫލްގެ ޚާއްސަ އެހީއަށް ބޭނުންވާ ކުދިނަށް (ސެން ކްލާސް) އަށް އަމާޒުކޮށްގެން ބޭއްވި އިވެންޓެއް މިމުބާރާތުގައި ހިމެނުނެވެ.

މިމަހުގެ 19 ން 28 އަށް ކުރިއަށް ގެންދާ މިމުބާރާތުގައި ބައިވެރިވެފައިވާ ސުކޫލްތަކަކީ އަލް މަދަރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ، އަމީނިއްޔާ ސްކޫލް، ސީ.އެޗް.އެސް.އީ، ދަރުމަވަންތަ ސްކޫލް، ގިޔާސުއްދީން އިންޓަނޭޝަނަލް ސުކޫލް، ހިރިޔާ ސްކޫލް، އިމާދުއްދީން ސްކޫލް، އިސްކަންދަރު ސްކޫލް، ޖަމާލުއްދީން ސްކޫލް، މާފަންނު މަދަރަސާ، މަޖީދިއްޔާ ސުކޫލް، މެޕްސް އިންޓަނޭޝަނަލް ހައި ސުކޫލް، ތާޖުއްދީން ސުކޫލް އަދި ވިލާ އިންޓަނޭޝަނަލް ހައި ސުކޫލް އެވެ.