ޔޫއެފާ ޗެމްޕިއަންސް ލީގު ފުރަތަމަ ލެގުގައި ރޭ ޗެލްސީ އާއި ދެކޮޅަށް ލަނޑެއް ކާމިޔާބު ކުރަން ބޭނުންވި ކަމުގައި ކުރީގެ ޗެލްސީ ފޯވާޑް އަދި މިހާރު ގަލަތަސަރާއީގެ ފޯވާޑް ޑިޑިއާ ޑްރޮގްބާ ބުނެފި އެވެ.

ގަލަތަސަރާއީ ދަނޑުގައި ރޭ ކުޅުނު މެޗުގެ ކުރީ ކޮޅުގައި ޗެލްސީގެ ސްޕެއިން ފޯވާޑް ފެނާންޑޯ ޓޮރޭސްގެ ލަނޑުން ޗެލްސީއަށް ކުރި ލިބުނު ނަމަވެސް ދެވަނަ ހާފްގައި ގަލަސަތަރާއީ އިން ކުޅުން ރަނގަޅުކޮށް ނަތީޖާ ހަމަހަމަ ކުރި އެވެ. އެ ލަނޑު އެ ޓިމަށް ކާމިޔާބު ކޮށްދިނީ ކެމަރޫން ޑިފެންޑަރު އޯރެލިއެން ޗޭޑޫ އެވެ.

"ކުރީގެ ޓީމާއި ދެކޮޅަށް ކުޅުނު މެޗަކީ އަހަރެންނަށް ވަރަށް ހާއްސަވެގެން ދިޔަ މެޗެއް. އަހަރެންނަށް ލަނޑެއް ކާމިޔާބު ކުރެވުން ނަމަ އިތުރަށް ހާއްސަވެގެން ދާނެ. އަހަރެން އެކަން ކުރަން ހުރީ ބޭނުންވެފަ،" އައިވަރީ ކޯސްޓް ފޯވަޑް ޑްރޮގްބާ ބުންޏެވެ. "ޗެލްސީ އަކީ މޮޅު ޓީމަކަށްވީ ނަމަވެސް، އަހަރެމެން މި އަންގައިދިނީ އަހަރެމެންނަށް ވެސް އެމީހުންނަށް މައްސަލަތައް ކުރިމަތި ކުރެވިދާނެ ކަން. މިއީ ރަނގަޅު ނަތީޖާއެއް. އަހަރެންގެ އުންމީދަކީ ސްޓެމްފަޑް ބްރިޖްގައި ވެސް އަހަރެމެންނަށް ރަނގަޅު ނަތީޖާއެއް ލިބޭނެ ކަމަށް."

ޗެލްސީ އާއި ދެކޮޅަށް ރޭ ކުޅުނު މެޗާއި ބެހޭ ގޮތުން ވާހަކަ ދައްކަމުން ގަލަތަސަރާއީގެ ނެދަލޭންޑްސް މިޑްފީލްޑަރު ވެސްލޭ ސްނެއިޑާ ބުނީ، ފުރަތަމަ ހާފުގައި އޭނާ ކުޅޭ ފަޅިއަށް ރަނގަޅަށް ބޯޅަ ލިބިފައި ނުވާ ކަމަށެވެ.

"ފުރަތަމަ ހާފުގައި ކަނާތު ފަޅިން ރަނގަޅު ކުޅުނު، ނަމަވެސް ދެވަނަ ހާފަށް ނުކުތުމުގެ ކުރިން އަހަރެން ބުނިން ވާއަތު ފަޅިން ކުޅެން ބޯޅަ ބޭނުންވާ ކަން. އަދި އެކަންތައް އެގޮތަށް މަސައްކަތްކުރި." ސްނެއިޑާ ބުންޏެވެ. "އާންމުކޮށް އަހަރެންނަށް ވާއަތު ފަޅިން ބޯޅަ ލިބޭއިރު، ވަރަށް ގިނަ ފުރުސަތުތަކެއް ހޯދައިދެވޭ، ނަމަވެސް އެކަމެއް މިފަހަރަކު ނުވި. ކުރިއަށް އޮތް މެޗުގައި ބޭނުންވަނީ އެއަށްވުރެ ބޮޑަށް ނުރައްކާކޮށް ފުރުސަތު ހޯދަން."

އަންނަ މަހު 18 ވަނަ ދުވަހު މި ދެ ޓީމު ކުޅޭ ދެވަނަ ލެގު މެޗު ކުޅޭނީ ޗެލްސީގެ ސްޓެމްފަޑް ބްރިޖްގަ އެވެ. އެ މެޗަށް ޗެލްސީ ނުކުންނާނީ ރަށުން ބޭރުގައި ޖެހި އަވޭ ގޯލުގެ ފައިދާއާ އެކު އެވެ.