19 Dec 2010, 13:25
ޒަޔަނިސްޓުންނާ ދެކޮޅަށް ކުރާ މުޒާރަހާތަކުން ސަރުކާރަށް އަޑެއް ނީވުނު ކަމަށް ބުނެ، އަނެއްކާ ވެސް މިރޭ މުޒާހަރާ ކުރަން ނިންމާފައިވާ ކަމަށް އެ މުޒާހަރާ އިންތިޒާމް ކުރާ ފަރާތްތަކުން ބުނެފި އެވެ.
ޒަޔަނިސްޓުންނާ ދެކޮޅަށް މާލޭގައި ކުރާ މުޒާހަރާތައް އިންތިޒާމް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ މަދަނީ އިއްތިހާދުގެ މީޑިއާ އޮފިޝަލް އިބްރާހިމް މުހައްމަދު މިއަދު ވިދާޅުވީ "އައި ފޮރޮމް ޒިޔޯން"ގެ ނަމުގައި ރާއްޖެ އައިސްގެން އުޅޭ އިޒުރޭލުގެ ޔަހޫދީ ޑޮކްޓަރުންނާ ދެކޮޅަށް ކުރި މުޒާހަރާތަކުނާއި މިދިޔަ ހުކުރު ދުވަހު ސިޔާސީ ފާޓީތަކާއި މަދަނީ ޖަމިއްޔާތަކުން އެއްބައިވެގެން ބޭއްވި "ބޮޑު" މުޒާހަރާގައި ރައްޔިތުން އުފުލި އަޑަށް ސަރުކާރުން "ބީރު ކަންފަތެއް" ދީފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ މިރޭ އަލުން މުޒާހަރާ އަށް ނުކުންނަނީ ސިޔާސީ ހަ ޕާޓީ އާއި މަދަނީ 126 ޖަމިއްޔާ އިން ބޭއްވި ބައްދަލުމުގެ މެޖޯރިޓީން އެގޮތަށް ނިންމައިގެން ކަމަށެވެ.
އިޒުރޭލުގެ ޒަހޫދީ ޑޮކްޓަރުން އަދިވެސް މި ގައުމުން ބޭރު ކުރަން ސަރުކާރުން "ހިތަށް" ނާރާ ކަމަށް ވިދާޅުވެ، އިބްރާހިމް ވިދާޅުވީ ވިކިލީސް އިން ފަޅާ އަރުވާލައިފައިވާ ރާއްޖެގެ ލާދީނީ ސިޔާސަތާ ދެކޮޅަށް މިރޭގެ މުޒާހަރާގައި އަޑު އުފުލާނެ ކަމަށެވެ.
ސަރުކާރާއި އިޒުރޭލާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ދިވެހި ތައުލީމީ މުގައްރަރުގައި ޔަހޫދީ އަގީދާއާއި ވައްޓަފާޅި ހިމެނުމަކީ ސަރުކާރުގެ އިއުތިރާޒެއް އޮތް ކަމެއް ނޫން ކަމަށް ސަރުކާރުން ބުނެފައިވާ ކަމީ ހަގީގަތުގައި ވެސް މުޒާހަރާ ކުރަން ޖެހޭނެ ކަމެއް ސަބަބެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ސަރުކާރުގެ ލާދީނީ އަމަލްތަކުގެ ތެރޭގައި އަރަބިއްޔާގެ ސްކޫލްގެ ދަރިވަރުންނާ މެދު ސަރުކާރުން ގެންގުޅޭ ފިކުރާއި އަރަބިއްޔާގެ ބިމާ މެދު ސަރުކާރުގެ މިހާރު ގެންގުޅޭ ސިޔާސަތު ސަބަބުން ސަރުކާރުގެ ލާދީނީ އަމަލްތައް ވަރަށް ރަގަނޅަށް ހާމަވާ ކަމަށް އިބްރާހިމް ވިދާޅުވި އެވެ. އަދި ޔަހޫދީން މި ގައުމަށް ގެނެސްގެން ދިވެހިންގެ ފިކުރާ ކުޅެން މަސައްކަތް ކުރުމާއި ބަނގުރަލުގެ މައްސަލަ ފަދަ އެތައް މައްސަލަތައް ފެންމަތިވެފައި ވުމުން އެ ކަމާ ދެކޮޅަށް ދިވެހިން ތެދުވެ، މިއަދު އަޑު އުފުލަން ވެއްޖެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި މަހުގެ ފަހެއްގައި ރާއްޖެ އައި އިޒުރޭލުގެ "އައި ފްރޮމް ޒަޔޮން" ޖަމާއަތުގެ ޑޮކްޓަރުންގެ ޓީމާ ދެކޮޅަށް އެތައް ހާސް ބަޔަކު އަޑު އުފުލަމުންދަނިކޮށް، "އައި ފްރޮމް ޒަޔޮން"ގެ ޑޮކްޓަރުންގެ ޓީމުން ފަރުވާދިން ދިވެހި އަންހެނެއްގެ ލޯ އިތުރަށް ފުސްވެ، އިތުރު ފަރުވާ ހޯދުމަށް އެ އަންހެން މީހާ އިއްޔެ ވަނީ ސިރީލަންކާއަށް ފުރައިފަ އެވެ.