27 Feb 2014, 15:58
އިނގިރޭސި ކްލަބު ޗެލްސީގެ ޕޯޗުގަލް ކޯޗު ހޯސޭ މޮރީނިއޯ އަށް އުމުރު އޮޅުން ފިލުވައި ދޭން ނުޖެހޭނެ ކަމުގައި އެ ޓީމުގެ ފޯވާޑް ސެމުއެލް އެޓޫ ބުނެފި އެވެ.
ޗެލްސީގެ ސްޓްރައިކަރުންނާއި ބެހޭ ގޮތުން މޮރީނިއޯ އާއި އޭނާގެ ރައްޓެއްސަކާއި ދެމެދު ދެކެވުނު ވާހަކައެއް ދާދި ފަހުން ފްރާންސްގެ ޓިވީ ޗެނެލް ކެނަލް ޕްލަސް އިން ރެކޯޑްކޮށް ދައްކާފައިވެ އެވެ. މޮރީނިއޯ އާއި އޭނާގެ ރައްޓެއްސާއި ދެމެދު ދެކެވުނު ވާހަކާގައި އޭނާ ބުނީ، ޗެލްސީގެ މައްސަލައަކީ ލަނޑު ޖަހާނެ ކުޅުންތެރިއަކު ނެތް ކަމުގަ އާއި، ޓީމުގައި ހުރި އެޓޫގެ ސީދާ އުމުރު ނޭނގޭ ކަމަށެވެ.
"އަހަރެންގެ އުމުރު އޮޅުން ފިލުވައިދޭކަން ނުޖެހޭނެ،" އުމުރުން 32 އަހަރުގެ ކެމަރޫން ފޯވަޑް އެޓޫ ބުންޏެވެ. "އަހަރެން ކުޅޭ ކޮންމެ ކްލަބެއްގައި ހުރެ މަސައްކަތް ކުރަނީ ކާމިޔާބު ހޯދަން، އަދި ޗެލްސީގައި ކާމިޔާބު ސީޒަނެއް ހޭދަކުރަން އަހަރެން ބޭނުން."
ޗެމްޕިއަންސް ލީގު ގަދަ ސޯޅައިގެ ދެވަނަ ލެގުގައި ރޭ ގަލަތަސަރާއީ އަތުން ޗެލްސީ ވަނީ 1-1 ލަނޑުން އެއްވަރުވެފަ އެވެ. މެޗުގެ ކުރީކޮޅު ޗެލްސީގެ ސްޕެއިން ފޯވަޑް ފެނާންޑޯ ޓޮރޭސް ލަނޑު ޖަހައިފައި ވަނިކޮށް، ދެވަނަ ހާފުގައި ގަލަތަސަރާއީ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ކެމަރޫން ޑިފެންޑަރު އޯރެލިއެން ޗޭޑޫ އެވެ. ގަލަތަސަރާއީ އަތުން ޗެލްސީ އެއްވަރުވި ނަމަވެސް އެއީ ރަނގަޅު ނަތީޖާއެއް ކަމަށް އެޓޫ ދެކެ އެވެ.
"އެއީ ރަނގަޅު ނަތީޖާއެއް،" އެޓޫ ބުންޏެވެ. "ދެވަނަ ލެގުގައި އިތުރަށް ސަމާލުވެ، ހޯމް އެޑްވާންޓޭޖުގެ ބޭނުން ހިފަން ޖެހޭނެ."
ދެވަނަ ލެގުގައި ގަލަތަސާރާއީ އާއި ދެކޮޅަށް ޗެލްސީ ނުކުންނާނީ އަންނަ މަހުގެ 18 ވަނަ ދުވަހު އެވެ. މި މެޗު ކުޅޭނީ ޗެލްސީގެ ސްޓެމްފަޑް ބްރިޖުގަ އެވެ.