27 Feb 2014, 15:44
ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމް ޕްރައިމަރީގައި ވާދަކުރެއްވި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މުވައްޒަފަކަށް ވަޒީފާއަށް އަލުން އިޔާދަކޮށްފި އެވެ.
ޕީޕީއެމްގެ ޕްރައިމަރީގައި ހުޅުމީދޫ ދާއިރާއަށް ވާދަކުރެއްވުމަށް ފަހު އަލުން ސީއެސްސީގެ ވަޒީފާ ދީފައި ވަނީ އެ ކޮމިޝަންގެ އެޑްމިނިސްޓްރޭޓިވް އޮފިޝަރު ޒުލޭހާ އަލީ އަށެވެ. އޭނާ ވަނީ އެ އިންތިހާބްގައި ވާދަކޮށް ޕްރައިމަރީ ނާކާމިޔާބު ވެވަޑައިގެންފަ އެވެ. ޒުލޭހާ ޕްރައިމަރީގައި ވާދަ ކުރެއްވުމުން ވަޒީފާއިން ވަކިވާނެ ކަމަށް ސީއެސްސީން އެންގުމުން އޭނާ ވަނީ އެކަމާ "އެޕީލް" ކުރެއްވުމުން، ކޮމިޝަނުން ވަނީ އެ ނިންމުން މުރާޖާކޮށް، ވަޒީފާ އިޔާދަކޮށްފަ އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ޒުލޭހާގެ އިތުރުން އެ ކޮމިޝަންގެ ސިވިލް ސާވިސް ޓްރެއިނިގް އިންސްޓިއުޓް (ސީއެސްޓީ)ގައި ސީއީއޯގެ މަގާމުގައި ހުންނެވި ބޭފުޅަކު ވެސް ވަނީ ޕްރައިމަރީގައި ވާދަކުރައްވައިފަ އެވެ. ނަމަވެސް އޭނާ ވަނީ އެ ވަޒީފާއިން ވަކިކޮށްފަ އެވެ.
ސީއެސްސީގެ މުވައްޒަފަކު ސަން އަށް މައުލޫމާތު ދެމުން ބުނީ ސިވިލް ސާވިސް ގަވާއިދުގައި އާއްމު އިންތިހާބެއްގައި ސިވިލް ސާވަންޓަކު ވާދަކޮށްފި ނަމަ އެ މީހަކަށް ސިވިލް ސާވިސްގެ ވަޒީފާ ދޫކޮށްލަންޖެހޭއިރު ޒުލޭހާއަށް އަލުން ވަޒީފާ ދީފައި ވަނީ ވަޒީފާއިން ވަކިކުރުން ނިންމުމަށްފަހު، ސިޔާސީ ނުފޫޒުންނެވެ.
ސީއެސްސީގެ އެސޯސިއޭޓް ލީގަލް ކައުންސެލް އަބްދުއް ނާސިރު ސަފީއު "ސަން"އަށް ވިދާޅުވީ ޒުލޭހާއަށް ވަޒީފާ ދޭން ސިވިލް ސާވިލް ކޮމިޝަނުން ސީދާ ނިންމި ސަބަބު އެނގިވަޑައި ނުގެންނަވާ ކަމަށެވެ. ނަމަވެސް ސިވިލް ސާވިސް މުވައްޒަފުންނާއި އެ ކޮމިޝަންގެ ސިވިލް ސާވިސް މުވައްޒަފުންނާމެދު ފިޔަވަޅު އެޅުމުގައި މިނާ މިންގަނޑު ތަފާތު ކަމަށް އޭނާ ވިދާޅުވި އެވެ.
"ކޮމިޝަނުން ފުރަތަމަ ހަމަ ނިންމާފައި އޮތީ ވަޒީފާއިން އޭނަ [ޒުލޭހާ] ވަކިކުރަން ނިންމައިފައި. އެހެން ނަމަވެސް އެ ބޭފުޅާ އެޕީލްކުރެއްވުމުން ކޮމިޝަނުން ވަނީ އަލުން އެ ނިންމެވުން މުރާޖާ ކުރުމަށް ފަހު އަލުން ވަޒީފާ ދިނުމަށް ނިންމައިފައި، ކޮމިޝަނުން ނިންމީ ވަޒީފާއިިން ވަކިކުރުމުގެ ބަދަލުގައި އިތުރު އެހެން ފިޔަވަޅެއް އެޅުމަށް،" ނާސިރު ވިދާޅުވި އެވެ.
ޒުލޭހާއަށް ފިޔަވަޅު އެޅީ އޭނާގެ މަގާމު ދަށް ކުރުމަށްފަހު އަލުން ވަޒީފާ ދިނުމަށެވެ. ނަަމަވެސް އޭނާއާ މެދު ކޮމިޝަނުން އަޅާފައިވާ ފިޔަވަޅަކީ ކޮބައި ކަމެއް އަދި ސާފެއް ނުވެ އެވެ.
ސިވިލް ސާވިސްގެ ގާނޫނުގެ 51 ވަނަ މާއްދާގެ (ށ)ގައި މަގާމުން އިސްތިއުފާ ނުދީ ހުރެ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ އާންމު އިންތިހާބުތަކަށް ކުރިމަތިލައިފި ނަމަ، ވަޒީފާ އިން ވަކިކުރެވޭނެ ކަމަށް ބަޔާންކޮށްފައިވެ އެވެ. އަދި ސީއެސްސީން ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލުމުގެ ކުރިން އެ މުވައްޒަފެއް މަގާމުން އިސްތިއުފާ ދިނުމަށް ސާކިއުލާ ނޯޓަކުން ސަރުކާރުގެ މަސްއޫލު އޮފީސްތަކަށާއި ކައުންސިލްގެ އިދާރާތަކަށް މިމަހު ވަނީ އަންގައިފަ އެވެ. ނަމަވެސް އެ ގާނޫނުގައި ޕާޓީތަކުގެ ޕްރައިމަރީގެ ވާހަކަ ކަނޑައެޅިގެން ބަޔާންކޮށްފައެއް ނުވެ އެވެ.