މޯލްޑިވްސް މީޑިއާ ކައުންސިލް ( އެމްއެމްސީ)އާ ދެކޮޅަށް އެ ކައުންސިލްގެ މެމްބަރު އަބްދުﷲ މުއާޒް ޔޫސުފް ސިވިލް ކޯޓަށް ހުށައެޅި މައްސަލަ ނިމެންދެން އެކައުންސިލްގެ ރައީސަކު އިންތިހާބު ކުރުން ފަސްކުރުމަށް އެކޯޓުން އަމުރުކޮށްފި އެވެ.

ސިވިލްކޯޓުން މިއަދު ނެރުނު އަމުރުގައި ބުނެފައި ވަނީ ޝަރީއަތުން ވަކިގޮތެއް ކަނޑައަޅަން ދެން ރައީސަކު އިންތިހާބު ކުރުމާ ބެހޭ ގޮތުން ކުރެވޭ އެންމެހައި ކަންތައްތައް ފަސްކުރުމަށް އަމުރުކުރާ ކަމަށެވެ.

"...ބުނެވި ދިޔަ ގޮތުގެ މައްޗަށް ޢަބްދުﷲ މުއާޒް ޔޫސުފްގެ ފަރާތުން މޯލްޑިވްސް މީޑިއާ ކައުންސިލްގެ މައްޗަށް ކޮށްފައިވާ ދައުވާގައި ޝަރީއަތުން ވަކިގޮތެއް ކަނޑައަޅަންދެން މޯލްޑިވްސް މީޑިއާކައުންސިލްގެ ރައީސަކު އިންތިހާބުކުރުމާއި ބެހޭ ގޮތުން ކުރެވޭ އެންމެހައި ކަންތައްތައް ފަސްކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލަށް އަންގައި އަމުރުކޮށްފީމެވެ." ސިވިލްކޯޓްގެ އަމުރުގައިވެ އެވެ.

ކޯޓު އަމުރުގައި ވަނީ ޝަރީއަތުން ވަކިގޮތެއް އަންގަންދެން އިންތިހާބު ފަސްކުރުމަށް އަމުރުކުރަން ޖެހޭ ގޮތުގައި އެކަން އޮތްކަން މައްސަލައިގައި ހުށައަޅާފައިވާ ލިއުންތަކުން އެނގޭ ކަމަށެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސަކު ހޮވުމަށް މިމަހުގެ 12 ވަނަ ދުވަހު ބޭއްވި ޖަލްސާއަކީ ބާތިލު ޖަލްސާއެއް ކަމަށް ކަނޑައަޅާފައި ވަނީ އެކައުންސިލުން މިމަހުގެ 19 ވަނަ ދުވަހު ބޭއްވި ޖަލްސާއެއްގަ އެވެ.