އައިޖީއެމްއެޗްގެ ލެބް ޓެކްނީޝަނެއްގެ އިހްމާލުން އެޗްއައިވީ ޕޮޒިޓިވް ލޭ މާބަނޑު އަންހެނެއްގެ ގަޔަށް އެޅި މައްސަލާގައި އެ ހޮސްޕިޓަލުގެ ލެބޯޓަރީގެ އިސް ވެރިޔާ މަސްއޫލިއްޔަތުތަކުން ދުރުކޮށްފައިވާ ކަމަށް އައިޖީއެމްއެޗްގެ ޑެޕިއުޓީ ސީއީއޯ ޑރ. މުހައްމަދު ހަބީބު ވިދާޅުވެއްޖެ އެވެ.

ހަބީބު މިއަދު "ސަން"އަށް ވިދާޅުވީ ލެބޯޓަރީގެ ހެޑް އޮފް ޑިޕާޓްމަންޓް (އެޗްއޯޑީ)ގެ މަގާމުގެ މަސްއޫލިއްޔަތުގައި ހުންނެވި ބޭފުޅަކު އެ މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކޮށްފައިވާ ކަމަށާއި އޭނާ މަގާމުން ދުރުކުރީ އެޗްއައިވީ ލޭ އެޅި މައްސަލަ ތަހުގީގު ކުރަމުން ދާތީ ކަމަށެވެ. އަދި އޭނާގެ މަސްއޫލިއްޔަތުތައް އަދާ ކުރުމަށް ބަހައްޓައިގެން މައްސަލަ ތަހުގީގު ކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ވެސް ޑރ. ހަބީބު ވިދާޅުވި އެވެ.

ލެބޯޓަރީގެ ވެރިޔާ މަގާމުން ދުރުކުރި ނަމަވެސް އޭނާ އައިޖީއެމްއެޗްގެ މަސައްކަތަށް އަދި ވެސް ބަރާބަރަށް ނުކުމެ އެވެ.

ލެބޯޓަރީގެ ވެރިޔާ މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކުރިއިރު، ލެބް ޓެކްނީޝަނަކަށް އުޅުނު ބިދޭސީއަކު އެ މައްސަލާގައި ސަސްޕެންޑްކޮށްފަ އެވެ. އެޗްއައިވީ ލޭ މާބަނޑު އަންހެނެއްގެ ގަޔަށް އެޅި މައްސަލާގައި އިހްމާލުވާ ބިދޭސީ މީހާގެ މައްސަލަ ވަނީ ފުލުހުންނަށް ހުށަހަޅާފަ އެވެ. ނަމަވެސް އޭނާ ހައްޔަރެއް ނުކުރެ އެވެ.

އެޗްއައިވީ ޖެހިފައި ހުރި މީހެއްގެ ލޭ އައިޖީއެމްއެޗުން މާބަނޑު އަންހެނެއްގެ ގަޔަށް އެޅި މައްސަލަ ހާމަ ކުރީ ހެލްތު މިނިސްޓްރީގައި ރޭ ބޭއްވި ކުއްލި ނިއުސް ކޮންފަރެންސްގަ އެވެ. ނިއުސް ކޮންފަރެންސްގައި އައިޖީއެމްއެޗްގެ ޑެޕިއުޓީ ސީއީއޯ ހަބީބު ވިދާޅުވެފައި ވަނީ އެއީ "އައިޖީއެމްއެޗްގެ 18 އަހަރުގެ ހަޔާތުގައި ދިމާވި އެންމެ ހިތާމަވެރި ހާދިސާ" ކަމާއި އެކަމާ "މުޅި ދިވެހިރައްޔިތުންގެ ކިބައިން" މައާފަށް އެދޭ ކަމަށެވެ.