27 Feb 2014, 15:10
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ މައްޗަށް ދައުލަތުން ކުރި ކެނަބިހުން މުއާމަލާތްކުރުމުގެ ކުށުގެ ދައުވާ ޝަރީއަތަށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައި ވަނީ ޖާބިރުގެ މައްޗަށް އެ ދައުވާ ކޮށްފައި ވަނީ 2012 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ރޭ ފަތިހު 4:30 ހާއިރު އޭނާ ހައްޔަރުކުރި ސަރަހައްދާއި ފަސް ވަރަކަށް ފޫޓު ދުރުން މަސްތުވާތަކެތި ފެނިފައިވާތީ ކަމަށެވެ.
އެ ހުކުމްގައި ބުނެފައި ވަނީ އެތަނުން ފެނުނު މަސްތުވާތަކެއްޗަކީ ޖާބިރުގެ ތަކެތި ކަމަށް ބެލެވޭނެ އެއްވެސް ހެއްކެއް ދައުލަތުން ޝަރީއަތަށް ހުށަހަޅާފައިނުވާ ކަމަށެވެ. އަދި ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހަށް ބަލާއިރު ޖާބިރު ކެނަބިހުން މުއާމަލާތް ކުރިކަމަށް ބުނެފައިނުވާ ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.
ކެނަބިހުން މުއާމަލާތް ކުރުމުގެ މާނައަކީ ކެނަބިސް އެއްތަނުން އަނެއްނަތަނަށް ގެންދިޔުމާއި އެކަކު އަނެކަކަށް ދިނުމާއި އަދި އެ އިންކަމެއް ކުރުމުގައި އެއްވެސް ސިފައެއްގައި ބައިވެރިވުން ކަމަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައި ބުނެފައިވާއިރު، ޖާބިރު އެއިން ކަމެއް ކުރަނިކޮށް ނުފެންނަ ކަމަށް ހެކީން ބުނެފައިވާ ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.
ޖާބިރު އެއް އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައި ވަނީ ކުޑަކަމުދާއެއްޗިހި ދިނުމަށް އިންކާރު ކުރުމުގެ ކުށުގެ ދައުވާ ޝަރީއަތަށް ސާވިތުވުމާ ގުޅިގެންނެވެ.
ކެނަބިހުން މުއާމަލާތް ކުރުމުގެ ކުށުގެ ދައުވާގެ ހުކުމް މިއަދު އިއްވާފައިވާއިރު، ކްރިމިނަލް ކޯޓުގައި މިހާރު ނުނިމި އޮތީ ޖާބިރުގެ އެއް މައްސަލައެވެ. އެއީ ބަނގުރާ ގެންގުޅުމުގެ ކުށުގެ ދައުވާ އެވެ.
މިއަދު ޖާބިރު ކޯޓަށް ގެންގޮސްފައިވަނީ ޖަލު ހެދުމުގައި ބިޑިއަޅުވައިގެންނެވެ. އޭނާ ކޯޓަށް ވެއްދިވަގުތުގައި ވެސް އަދި ކޯޓުން ނެރުގަނޑީގައި ނޫސްވެރީން ފޮޓޯ ނަގައި ވީޑިއޯ ކުރަން އުޅުމުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރުން ވަނީ ނޫސްވެރިންގެ މަސައްކަތަށް ހުރަސް އެޅޭގޮތަށް އަމަލުކޮށްފަ އެވެ.