27 Feb 2014, 14:20
އެޗްއައިވީއަށް ޕޮޒޮޓިވް ވެފައިވާ ލޭ މާބަނޑު އަންހެނެއްގެ ގަޔަށް އައިޖީއެމްއެޗުން އެޅި މައްސަލަ މިހާރުން މިހާރަށް ތަހުގީގުކުރުމަށް އިދިކޮޅު އެމްޑީޕީން ގޮވާލައިފި އެވެ.
އެ ޕާޓީން މިކަމަށް ގޮވައިލީ އެ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް މިއަދު ނެރުނު ނޫސްބަޔާނެއްގަ އެވެ. އެ ނޫސްބަޔާނުގައި ބުނެފައި ވަނީ މާބަނޑު އަންހެނެއްގެ ގަޔަށް އެއިޑްސް ބަލި ޖެހިފައިވާ މީހެއްގެ ލޭ އެޅުމަށް ފަހު، އެ ކަމަކީ މުވައްޒަފެއްގެ ފަރުވާ ކުޑަކަމުން ހިނގި ޙާދިސާއެއްގެ ގޮތުގައި ނޫސްކޮންފަރެންސެއްގައި ސިފަކޮށް، ސިއްޙީ ދާއިރާގެ ވެރިން ޒިންމާ ނުއުފުލިކަމީ އަދި އެހާމެ ބިރުހުރި އަދި ކަންބޮޑުވާ ކަމެއް ކަމަށެވެ.
"... އަދި އެދާއިރާގެ ވެރިން މަޤާމުތަކުގައި އިސްތިއުފާ ނުދެއްވާ ދެމިތިއްބަވާކަމީ މި ޕާރޓީން ކަންބޮޑުވާކަމެކެވެ. މި މައްސަލަ މިހިނދުން މިހިނދަށް ތަޙްގީގުކުރުމަށް ސަރުކާރުގެ ކަމާ ބެހޭ އެންމެހައި ފަރާތްތަކަށް މި ޕާޓީން ގޮވާލަމެވެ. އަދި މާބަނޑު އަންހެން މީހާ އާއި ބަނޑުގައިވާ ދަރިފުޅަށް ޝިފާއަށް އެދި ދުޢާކުރަމެވެ،" އެމްޑީޕީގެ ބަޔާނުގައި ވެއެވެ.
ބަޔާނުގައި އަދި ބުނެފައި ވަނީ މިއީ ރާއްޖޭގައި ކުރިން ހިނގާފައި ނުވާ ޒާތުގެ ހާދިސާއެއް ކަމަށާއި ސިއްހީ ދާއިރާ ވެއްޓިފައިވާ ދަށު ދަރަޖަ ހާމަވާ ހާދިސާއެއް ކަމަށެވެ.
"...މި ބިރުހުރި އަދި ހިތާމަވެރި ޚަބަރާމެދު މި ޕާރޓީން އިންތިހާއަށް ކަންބޮޑުވުން ފާޅުކުރަމެވެ. އަދި މިއީ މީގެކުރިން މިރާއްޖޭގައި ދުވަހަކު ވެސް އެނގިގެން ހިނގާފައިނުވާ ޒާތުގެ މުޅިން އައު ޙާދިސާއެކެވެ. މި ގައުމުގެ ސިއްޙީ ދާއިރާގެ ޙާލަތު މިހާރު ވެއްޓިފައިވާ ދަށުދަރަޖަ އިތުރަށް ހާމަވެގެން ދިއަކަމެކެވެ. އަދި މިކަމަކީ މިހާރު މިއޮތް ސަރުކާރުކާރުން ރާއްޖޭގެ ރައްޔިތުންގެ ސިއްޙީ ކަންކަމާ މެދު އިޙްމާލުވެ، ފަރުވާކުޑަވެ، އަދި ސިއްޙީ ދާއިރާއާ މެދު ރައްޔިތުންގެ މެދުގައި މިއިން ޒަމާނަކު އަލުން އިތުބާރު ނުއުފުއްދޭވަރުގެ ޙާލަތަކަށް ވައްޓައިލި ކަމެއްގެ ގޮތުގައި މިޕާރޓީން ސިފަކުރަމެވެ،" ބަޔާނުގައިވެ އެވެ.