އިންޑިއާގެ ކަނޑުގެ ސިފައިންގެ ސަބްމެރީނެއްގައި ހިނގި އެކްސިޑެންޓެއްގައި ދެ އޮފިސަރަކު ގެއްލުމާ ގުޅިގެން އެގައުމުގެ ނޭވީޗީފް ކާނަލް މަގާމުން އިސްތިއުފާދެއްވައިފި އެވެ.

އިންޑިއާގެ ދަ ހިންދޫ ނޫހުން ބުނީ ޗީފް އޮފް ނޭވަލް ސްޓާފް އެޑްމިރަލް ޑީކޭ ޖޯޝީ މަގާމުން އިސްތިއުފާ ދެއްވީ ފާއިތުވި މަދު މަސްތަކުގެ ތެރޭގައި ހިނގި އެކްސިޑެންޓްތަކާއި ހާދިސާތަކުގެ ޒިންމާ އަމިއްލަފުޅަށް އުފުއްލެވުމުގެ ގޮތުން ކަމަށެވެ.

އެނޫހުން ބުނީ ޖޯޝީ އިސްތިއުފާ ދެއްވީ މަރާމާތުކޮށްގެން އަލަށް ބޭނުންކުރަން ފެށި ސަބްމެރިންއެއް ކަމަށްވާ އައިއެންއެސް ސިންދުރަތުނާގައި ހިނގި އެކްސިޑެންޓެއްގައި ދެއޮފިސަރުން ގެއްލި، ހަތް އޮފިސަރުން ޒަހަމްވިތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި ކަމަށެވެ. އަދި އެނާގެ އިސްތިއުފާ އިންޑިއާ ސަރުކާރުން އިއްޔެ ގަބޫލުކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.

އައިއެންއެސް ސިންދުރަތުނާގައި ހިނގި ހާދިސާއަކީ އިންޑިއާގެ ނޭވީ ސަބްމެރިންތަކުގައި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހިނގި ތިން ވަނަ ހާދިސާ އެވެ. އޭގެ ތެރޭގައި އައިއެންއެސް ސިންދުރަކްޝަކް ގޮވައި، އަޑިއަށް ދިއުމުގެ ސަބަބުން 18 އޮފިސަރުން މަރުވި ހާދިސާ ވެސް ހިމެނެ އެވެ.