ޗެމްޕިއަންސް ލީގު ގަދަ ސޯޅައިގެ ފުރަތަމަ ލެގުގައި ޝާލްކޭ އާ ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު މެޗު ތަފާތު ބޮޑުކޮށް ރެއާލް މެޑްރިޑް ކާމިޔާބުކޮށްފި އެވެ.

މެޑްރިޑް އަތުން 6-1 ލަނޑުން ބަލިވުމުން ޝާލްކޭ އަށް ވަނީ ކުއާޓާ ފައިނަލުގެ އުންމީދުތަކަށް ހުރަސް އެޅިފަ އެވެ. މެޗުގައި މެޑްރިޑުން ޖެހި ލަނޑުތައް ކާމިޔާބު ކޮށްދިނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ވޭލްސް ފޯވަޑް ގެރެތް ބޭލް އަދި ފްރާންސް ފޯވަޑް ކަރިމް ބެންޒެމާ އެވެ. މި ތިން ކުޅުންތެރިންގެ ތެރެއިން ކޮންމެ ކުޅުންތެރިއެއް ވެސް މެޗުގައި ދެ ލަނޑު ކާމިޔާބުކޮށްފައިވެ އެވެ.

ޝާލްކޭގެ ވެލްޓިސް އެރީނާގައި ކުޅުނު މި މެޗުގެ ފުރަތަމަ ލަނޑު ރެއާލް މެޑްރިޑަށް ކާމިޔާބު ކޮށްދިނީ ބެންޒެމާ އެވެ. ތޭރަ ވަނަ މިނެޓްގައި ޖެހި ލަނޑާ އެކު މެޑްރިޑަށް ލީޑު ލިބުނު އިރު، މެޗުގެ 21 ވަނަ މިނެޓްގައި ބޭލް ވަނީ ލަނޑެއް ޖަހައި މެޑްރިޑަށް ލީޑު ފުޅާކޮށްދީފަ އެވެ.

މެޗުގެ ދެވަނަ ހާފް ފެށިތާ ހަތް މިނެޓް ފަހުން މެޑްރިޑްގެ ތިން ވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ރޮނާލްޑޯ އެވެ. މެޗުގެ 57 ވަނަ މިނެޓްގައި ބެންޒެމާގެ ދެވަނަ ލަނޑު ފެނުނު އިރު، މެޗުގެ 69 ވަނަ މިނެޓްގައި ބޭލްގެ ދެވަނަ ލަނޑު ވެސް ފެނިގެންދިޔަ އެވެ. ރޮނާލްޑޯގެ ދެވަނަ ލަނޑު އަދި މެޑްރިޑްގެ ހަވަނަ ލަނޑު ފެނިގެން ދިޔައީ މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށެވެ. މެޗުގައި ޝާލްކޭ އިން ޖެހި ހަމައެކަނި ލަނޑު ދެވަނަ ހާފުގެ އިތުރު ވަގުތު ކޮޅު ތެރޭގައި ކާމިޔާބު ކޮށްދިނީ އެ ޓީމުގެ ނެދަލޭންޑްސް ފޯވަޑް ކްލާސް ޔެން ހަންޓެލާ އެވެ.

އަންނަ މަހު 18 ވަނަ ދުވަހު ދެވަނަ ލެގަށް މި ދެޓީމު ނުކުންނާނީ މެޑްރިޑްގެ ސެންޓިއާގޯ ބެރްނެބުއާ ދަނޑުގަ އެވެ.