27 Feb 2014, 13:15
ތައުލީމީ ދާއިރާގެ މުވައްޒަފުންނަށް މުސާރަ އާއި އެއްވަރުގެ އެލެވެންސެއް ލިބޭ ގޮތަށް ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރު ސަން އަށް ވިދާޅުވީ އެ ފުރުސަތުތައް ހުޅުވާލުމުގައި އެންމެ އިސްކަމެއް ދީފައި ވާނީ އެ މާއްދާއެއް ކިޔަވައިދިނުމަށް ބިދޭސީން ގެންނަން ޖެހޭ ސްކޫލްތަކަށް ކަމަށާއި އެގޮތުން މި އަހަރު ރާއްޖޭގެ 85 ސްކޫލަކުން 101 ފަރާތަކަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
"ސުވާލަކީ، ޕޭލީވް ދޭނީ ބޭނުންވާ ވަރަށް ވުރެ ގިނައިން މީހުން ލިބޭ ސްކޫލަކުން މީހަކު ހެއްޔޭ ޓްރެއިން ކުރާނީ. ނުވަތަ ޓީޗަރަކު ނުލިބިގެން އަބަދުވެސް ބިދޭސީއަކު ގެންނަން ޖެހޭ ސްކޫލު ހެއްޔޭ ޕްރައޯރިޓީ ދާނީ." އޭނާ ވިދާޅުވި އެވެ.
ނަޒީރު ވިދާޅުވީ ސްކޫލަކުން ހުޅުވާލި ފުރުސަތަކަށް އެހެން ސްކޫލެއްގެ ބޭފުޅަކަށް ވެސް ކުރިމަތިލެވޭނެ ކަމަށާއި ނަމަވެސް ކުރިމަތިލާފައިވާ ފަރާތްތައް ހޮވާނީ އޭގެ އިން އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތައް ކަމަށެވެ.
"އަޅުނގަޑުމެން ސްކޫލްތަކަށް މި ހުޅުވާލި ފުރުސަތުތަކަށް އެހެން ސްކޫލްތަކުގެ ބޭފުޅުންނަށް ވެސް ކުރިމަތިލެވޭނެ. ނަމަވެސް ފުރުސަތު ހުޅުވާލި ސްކޫލަކަށް އިސްކަމެއް ނުދޭނަން. އަޅުނގަޑުމެން އިސްކަމެއްދޭނީ ޕޮއިންޓް ލިބޭ އުސޫލުން." ނަޒީރު ވިދާޅުވި އެވެ.
އެގޮތުން ސްކޫލަކުން ހުޅުވާލި ފުރުސަތެއް އެހެން ސްކޫލެއްގެ ބޭފުޅަކަށް ލިބިގެން ދިޔަ ނަމަވެސް ތަމްރީން ނިމުމަށް ފަހު ހިދުމަތް ކުރަންޖެހޭނީ ހެދޭ އެއްބަސްވުމެއްގެ ދަށުން ފުރުސަތު ލިބިގެންދިޔަ ސްކޫލަކަށް ކަމަށެވެ. އަދި ފުރުސަތު އެވޯޑް ކުރުމުގެ ކުރިން އެ އެއްބަސްވުން ހަދާނެ ކަމަށް ވެސް ނަޒީރު ވިދާޅުވި އެވެ.
ނަޒީރު ވިދާޅުވީ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ކޮންމެ އަހަރަކު ހުޅުވާލަން ނިންމާފައިވާ އެ ފުރުސަތު މި އަހަރުގެ ބަޖެޓުން 101 ފަރާތަކަށް އޮތް ނަމަވެސް އަންނަ އަހަރު ބަޖެޓް ލިބޭ މިންވަރަކުން އެ އަދަދު އިތުރުކުރެވޭނެ ކަމަށެވެ.
މީގެ އިތުރުން ޕޭލީވްގައި ހުރެގެން ކިޔަވާ ފަރާތަކަށް އެ ބޭފުޅެއްގެ އަސާސީ މުސާރަ ކޮންމެ މަހަކު ވެސް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން މަހެއްގެ މައްޗަށް 101 ފަރާތަށް ސަރުކާރުން ގާތްގަނޑަކަށް 757500 ރުފިޔާ ހަރަދު ވާނެ އެވެ.
ތައުލީމީ ދާއިރާގެ ހިދުމަތުގައި ތބި މުވައްޒަފުންނަށް މުސާރަ އާއި އެއްވަރުގެ އެލެވެންސެއް ދީގެން ތަމްރީން ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން މި އަހަރު، ޑިޕްލޮމާ ފެންވަރަށް ކިޔެވުމުގެ 36 ފުރުސަތަކާއި ޑިގްރީ ފެންވަރަށް ކިޔެވުމަށް 65 ފުރުސަތެއް ވަނީ ހުޅުވާލާފަ އެވެ.
އެގޮތުން ޑިޕްލޮމާ ފެންވަރަށް ގުރުއާން މާއްދާ ކިޔެވުމުގެ 31 ފުރުސަތަކާއި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ ޓީޗަރުންނަށް ފަސް ފުރުސަތެއް މިއަހަރު ވަނީ ހުޅުވާލާފަ އެވެ.
ޑިގްރީ ފެންވަރަށް ކިޔެވުމުގެ ފުރުސަތު މިއަހަރު ހުޅުވާލާފައި ވަނީ އިސްލާމް، ދިވެހި، އިނގިރޭސި އަދި އަރަބި މާއްދާ އަށެވެ.
އެގޮތުން އިސްލާމް މާއްދާ ކިޔެވުމުގެ ފުރުސަތު އަށް ފަރާތަކަށް ހުޅުވާލާފައިވާ އިރު ދިވެހި މާއްދާ ކިޔެވުމަށްވަނީ 15 ފަރާތަކަށް ހުޅުވާލާފަ އެވެ. އަދި ޕްރައިމަރީ ގްރޭޑަށް އިނގިރޭސި މާއްދާ ކިޔެވުމުގެ ފުރުސަތު 31 ބޭފުޅަކަށް ހުޅުވާލާފައިވާއިރު އަރަބި މާއްދާ ކިޔެވުމުގެ ފުރުސަތު ވަނީ 11 ފަރާތަކަށް ހުޅުވާލާފަ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ތައުލީމީ ދާއިރާގައި ތިބި މީހުންނަށް މުސާރަ އާއި އެއްވަރުގެ އެލެވެންސެއް ދީގެން ތަމްރީން ކުރުމުގެ ފުރުސަތު ހަމަވާނީ އަންނަ މަހުގެ 31 އަށްކަމަށެވެ.