19 Dec 2010, 13:05
އައްޑު އަތޮޅުގައި ހުރި ސަރުކާރުގެ އިދާރާތަކުގެ ފައިސާއާ ގުޅޭ މަސައްކަތްތައް ހިނގަމުން ގެންދަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށްތޯ ބެލުމުގެ ގޮތުން އެތަންތަނުގެ ލިޔުންތައް ޗެކްކުރުމުގެ މަސައްކަތް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފަށައިފި އެވެ.
އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނަނީ، ސ.އަތޮޅު ރަށްރަށަށް އަމާޒުކޮށްގެން ކޮރަޕްޝަން ނައްތާލުމާ ބެހޭ ގޮތުން އާއްމުން ހޭލުންތެރިކުރުމަށް މާދަމާއިން ފެށިގެން މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް އައްޑު އަތޮޅުގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވަކިވަކިން ބައްދަލުވުންތައް ބާއްވަން ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ ބައްދަލުވުންތައް ކުރިއަށްދާއިރު ކޮމިޝަނުގެ ޕްރިވެންޝަން ޕްރޮގްރާމްގެ ދަށުން އެ އަތޮޅުގައި ހުރި ސަރުކާރުގެ އިދާރާތަކުގެ ފައިސާއާގުޅޭ މަސައްކަތްތައް ހިނގަމުން ގެންދަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށްތޯ ބެލުމުގެގޮތުން އެތަންތަނުގެ ލިޔެކިޔުންންތައް ޗެކްކުރުމުގެ މަސައްކަތް ކޮމިޝަނުގެ ޓީމުން ކުރަމުންގެންދާ ކަމަށެވެ.
އެ ބައްދަލުވުންތަކުގައި ކޮރަޕްޝަނަކީ ކޮބައިކަމާއި، ކޮރަޕްޝަނާމެދު އާންމުން ހޭލުންތެރިކުރުވުމާއި ކޮރަޕްޝަންގެ ގެއްލުން އަންގައިދިނުމާއި ކޮރަޕްޝަނުގެ ނުރަނގަޅު އަސަރުތައް އާންމު ރައްޔިތުންނަށް އަންގައިދޭނެ ކަމަށް އޭސީސީގެ ބަޔާނުގައި ވެއެވެ. އަދި ކޮރަޕްޝަން ނައްތާލުމަށާއި ކޮރަޕްޝަނުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް އާންމުން ހޭލުންތެރިކުރުވުމަށް ގަވާއިދުގައި ހިމެނޭ މުހިންމު ބައިތަކާ ބެހޭގޮތުންވެސް މައުލޫމާތު ހިއްސާ ކުރާނެ ކަމަށް ބުނެފައި ވެއެވެ.
ކޮރަޕްޝަންގެ ގެއްލުމާއި ނުބައިކަމުގެ މައްޗަށް ރައްޔިތުން ހޭލުންތެރިކޮށް، ކޮރަޕްޝަން ނައްތާލުމުގެ މަސައްކަތުގައި ރައްޔިތުންގެ ތާއީދާއި އެއްބާރުލުން ހޯދުމަށް އޭސީސީން ކުރިއަށްގެންދާ އެ ސިލްސިލާ ބައްދަލުވުންތަކުގައި މަޢުލޫމާތު ދެއްވަނީ، އެ ކޮމިޝަންގެ ކަމާބެހޭ ފަންނީ ބޭފުޅުންގެ ޓީމަކުން ކަމަށް އެބަޔާނުގައި ވެއެވެ.
ސ. އަތޮޅުގައި މާދަމާ ފަށައި ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމަކީ މުޅި ރާއްޖެއަށް އަމާޒުކޮށްގެން އޭސީސީން ހިންގާ ޕްރޮގްރާމެއްގެ ހިއްސާއެއް ކަމަށް އެކޮމިޝަނުން ބުނެ އެވެ.