27 Feb 2014, 12:59
ޔޫއެފާ ޗެމްޕިއަންސް ލީގު ދެވަނަ ލެގުގައި ރޭ އަމިއްލަ ދަނޑުގައި ކުޅުނު ގަލަތަސަރާއީ އިން އެންމެ ފަހުގެ ޔޫރޮޕާ ޗެމްޕިއަން ޗެލްސީ ހިފަހައްޓައިފި އެވެ.
މެޗުގެ ފުރަތަމަ ހާފްގައި ޗެލްސީގެ ފަރާތުން ނުރައްކާތެރި ހަމަލާތަކެއް ފެނިފައިވާ އިރު، ނުވަ ވަނަ މިނެޓްގައި އެ ޓީމަށް ލީޑު ހޯދައިދިނީ ސްޕެއިން ފޯވާޑް ފެނާންޑޯ ޓޮރޭސް އެވެ. މެޗުގެ ފުރަތަމަ ހާފުގައި ގަލަތަސަރާއީ އަށް ޗެލްސީގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް އުފެއްދިފައެއް ނުވެ އެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ ފުުރަތަމަ ހާފް ނިމިގެން ދިޔައީ 1-0 ލަނޑުން ޗެލްސީ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފަށް ގަލަތަސަރާއީ އިން ގޭމް ޕްލޭން ތަފާތުކޮށް ނުކުމެ، ރަނގަޅު ކުޅުމެއް ދައްކަން ފެށި އެވެ. މެޗުގައި ޗެލްސީ ކޮޅަށް ލަނޑެއް ޖަހައި ގަލަތަރާއީ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ކެމަރޫން ޑިފެންޑަރު އޯރެލިއެން ޗޭޑޫ އެވެ. ގަލަތަސާރާ އިން މި ލަނޑު ކާމިޔާބުކުރީ މެޗުގެ 64 ވަނަ މިނެޓްގައި އެޓީމަށް ލިބުނު ކޯނަރަކުންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 1-1 ލަނޑުން އެއްވަރު ވެގެންނެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ޗެލްސީގެ ޕޯޗުގަލް ކޯޗު ހޯސޭ މޮރީނިއޯ ބުނީ، މެޗުގެ ދެވަނަ ހާފުގައި އެ ޓީމު އޮތީ ނުރައްކަލެއްގެ ތެރޭގައި ކަމަށެވެ.
"އަހަރެންގެ ޝަކުވާއެއް ނެތް. ކުޅުންތެރިން ވަރަށް ރަނގަޅަށް ކުޅުނު." މޮރީނިއޯ ބުންޏެވެ. "މިއީ ތުރުކީ، މިއީ އިސްތަންބޫލް، މިއީ ގަލަތަސަރާއީ، އަހަރެމެން ކުޅުނީ ހަމައެކަނި ބޮޑު ކުލަބަކާ ދެކޮޅަކަށް ނޫން. ކުޅުނީ ބޮޑެތި ކުޅުންތެރިންނާ ދެކޮޅަށް. ދެވަނަ ހާފުގައި އަހަރެމެން އޮތީ ނުރައްކަލެއްގެ ތެރޭގައި. ނަމަވެސް ދެވަނަ ހާފުގައި ވެސް އަހަރެމެންނަށް ވެސް ރަނގަޅު ފުރުސަތުތަކެއް ލިބުނު."
މެޗަށް ފަހު ވާހަކަ ދައްކަމުން ގަލަތަސަރާއީގެ އިޓަލީ ކޯޗު ރޮބާޓޯ މަންޗިނީ ބުނީ، ޗެލްސީ އަށް މިމެޗުގައި ހައްގީ ބަލިވުން ކަމުގަ އެވެ.
"އަހަރެމެން ދެވަނަ ހާފުގައި ކުޅުނު ކުޅުމުން އަހަރެމެންނަށް އިތުރު ގޯލެއް ކާމިޔާބުކުރެވުން ހައްގު." މަންޗިނީ ބުންޏެވެ. "އަހަރެމެން ދެވަނަ ހާފަށް ނުކުތީ އުންމީދުތަކަކާ އެކު، ނަމަވެސް އަހަރެމެންނަށް ޗެލްސީ އަށް މާ ބޮޑަށް އިހްތިރާމް ކުރެވުނީ. 1-1 ގެ ނަތީޖާ އަކީ ރަނގަޅު ނަތީޖާއެއް."
އަންނަ މަހު 18 ވަނަ ދުވަހު މި ދެ ޓީމު ކުޅޭ ދެވަނަ ލެގު މެޗު ކުޅޭނީ ޗެލްސީގެ ސްޓެމްފަޑް ބްރިޖްގަ އެވެ. އެ މެޗަށް ޗެލްސީ ނުކުންނާނީ ރަށުން ބޭރުގައި ޖެހި އަވޭ ގޯލުގެ ފައިދާއާ އެކު އެވެ.