މާފުށީ ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކުޑަ ކުއްޖަކާއި އިތުރު މީހަކު މަސްތުވާތަކެއްޗާ އެކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މާފުށީ ޖަލަށް މަސްތުވާތަކަތި އެތެރެކުރަން އުޅުނު މައްސަލާގައި ހައްޔަރުކޮށްފައި ވަނީ
20 އަހަރުގެ ޒުވާނަކާއި 14 އަހަރުގެ ކުޑަ ކުއްޖެއް ކަމަށެވެ. އަދި އެ ދެ މީހުން ވެސް ހައްޔަރުކޮށްފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ހަވީރު މާލެއިން މާފުށްޓަށް ދިޔަ ފެރީއަކުން މާފުއްޓަށް ފޭބިތަނުން ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ދެ މީހުން މާފުއްޓަށް ގެންދިޔަ ފޮށިގަނޑެއް ބަލައި ފާސްކުރުމުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެެއް ހުރި 53 ސެލޯފިންކޮޅާއި ބްލެޓް ސައިޒުގެ ހަތް ރަބަރު ޕެކެޓް ފެނިފައިވާ ކަމަށެވެ.

އެ މައްސަލަ މާފުށީ ޕޮލިސް ސްޓޭޝަނުން ތަހްގީގުކުރަމުންދާ އިރު މާފުށި ޖަލު ބަލަހައްޓާ މުވައްޒަފުން ނިދާ ބްލޮކުން މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ އެއްޗެހިތަކެއް ވަނީ މިދިޔަ ހަފްތާގެ ތެރޭގައި ފެނިފަ އެވެ.